އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ފިލިޕީންސްގައި ކޭމްޕް ކޮށްފައިވާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ފިލިޕީންސްގެ އިތުރު ކުލަބުތަކާ ދެކޮޅަށް މެޗުތަކެއް ކުޅެން ތައްޔާރު ވެއްޖެ އެވެ.
މިދިޔަ ހަފަުތާގައިވެސް، ޒުވާން ޓީމުން ވަނީ ފިލިޕީންސްގެ ޕްރިމިއާ ލީގްގެ ސްޓޭލިއަން ލެގޫނާ އެފްސީ އާ ދެކޮޅަށްވެސް ކުޅެފަ އެވެ. މިދިޔަ އަހަރު ފިލިޕީންސްގެ ލީގްގެ ހަތަރު ވަނަ ހޯދި ޓީމާ ދެކޮޅަށް ރާއްޖޭގެ ޒުވާން ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ލީޑް ނެގީވެސް ރާއްޖެއިންނެވެ. އޭގެ އިތުރުން ލަނޑު ޖަހާނެ ތަނަވަސް އެހެން ފުރުސަތެއްވެސް ރާއްޖެއަށް ލިބުނެވެ. ސްޓޭލިއަން ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.
ފިލިޕީންސްގެ ކޭމްޕްގައި ޒުވާން ގައުމީ ޓީމުން ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ނިކުންނާނީ ފިލިޕީންސްގެ ޕްރިމިއާ ލީގްގައި މި އަހަރު ވާދަ ކުރާ މެންޑިއޯލާ އެފްސީއާ ދެކޮލަށެވެ. އެ ޓީމުން ވަނީ 2011 ވަނަ އަހަރު ފިލިޕީންސްގެ ނެޝަނަލް ކުލަބު ޗެމްޕިއަންޝިޕްގެ ދެ ވަނަ ހޯދާފަ އެވެ. ފިލިޕީންސްގެ އާ ސިޒަނަށް ތައްޔާރުވުމަށް އެ ޓީމުންވެސް ވަނީ ޕްރެކްޓިސް ފަށާފަ އެވެ.
ފިލިޕީންސްގައި ގައުމީ ޓީމުން ކުޅޭ ތިން ވަނަ މެޗު އޮންނާނީ މި އަންނަ ހުކުރު ދުވަހު އެވެ. އެ މެޗުގައި ކުޅޭނީ، ފިލިޕީންސްގެ އާރެޔާނޯ ޔުނިވަސިޓީގެ ފުޓްބޯޅަ ޓީމާ ދެކޮޅަށެވެ. އެ ޓީމަކީވެސް ފިލިޕީންސްގެ ފުޓްބޯލް ފެޑްރޭޝަންގެ ރަސްމީ މުބާރާތްތަކުގައި ވާދަ ކުރާ ޓީމެކެވެ.
ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމެޖހިފައިވާ ރާއްޖެ ހިމެނޭ ގުރޫޕްގެ ކޮލިފައިންގައި ވާދަ ކުރަނީ، ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ސައުދީ އާއި އަރަބި އެމިރޭޓްސް އަދި ލުބުނާން އެވެ. ކޮލިފައިން ކުރިއަށް ދާނީ މިމަހު 22 ން 26 އަށެވެ.
މިވަގުތު ރާއްޖޭގެ ޓީމު ލިޑް ކުރަމުން ދަނީ، ސީނިއާ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު 'ޝާކިއްޓޭ' އެވެ. އޭޝިއާގެ ގައުމީ ޓީމުތަކުގެ ކޯޗިން ކޮންފަރެންސްގައި ބައިވެރިވުމަށް ގައުމީ ޓީމުގެ ހެޑް ކޯޗް ޕީޓާ ޝެގަޓް މިދިޔަ ތިން ދުވަސް ހޭދަ ކުރީ މެލޭޝިއާގަ އެވެ.
ޓްރެއިނިން ކޭމްޕަށް މާލެއިން ފުރުމުގެ ކުރިން، ޝެގަޓް ބުނީ ކޮލިފައިންގައި ރާއްޖޭގެ ޓީމު ލިޑް ކުރާނީ ދިވެއްސެއް ކަމަށެވެ، މިވަގުތު ޓީމު ލިޑް ކުރަނީ ޝާކިއްޓޭ އެވެ. ސްޓޭލިއޯނާ އާ ދެކޮލަށް ކުޅުނު މެޗުގެ ބޮޑުބައެއްގައި ޝާކީޓޭ ވަނީ ޓީމަށް އިރުޝާދު ދީފަ އެވެ. ޝެގަޓް ބުނީ، ދިވެހި ކޯޗުންނަށް އިތުރު ފުރުސަތު ދީ އެ ކޯޗުން ތަރައްގީ ކުރުމަށް އެފްއޭއެމުން އޭނާގެ ކިބައިގައި އެދިފައިވާ ކަމަށެވެ.
އޮންލައިން ނޫސް މިހާރަށް ދީފައިވާ އިންޓަވިއުގައި ޝެގަޓް ވަނީ، ޝާކިއްޓޭއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ، ޒުވާން ޓީމު އެކުލަވާލުމުގައި ޝާކިއްޓޭ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.