ވިޔަފާރި

ރާއްޖޭން ނަގާފައިވާ ލޯނުތަކަށް 198 މިލިއަން ރުފިޔާ ދައްކައިފި

ރާއްޖޭން ނަގާފައިވާ ލޯނުތަކަށް މިދިޔަ ހަފުތާގެ ނިޔަލަށް 198.3 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ނިމިދިޔަ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މި ހިނގާ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ލޯނުތަކަށް ދައްކަން ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި ހިނގާ 40 އަހަރު ތެރޭ ސަރުކާރުން 57 ލޯނަކަށް ދަނީ ފައިސާ ދައްކަމުންނެވެ. މިގޮތުން ނަވާރަ ސަތޭކަ ހަތް ދިޔަ ނުވަ ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް 99 ލޯނެއް ވަނީ ނަގާފަ އެވެ. މިގޮތުން އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އޭޝިއަން ޑިވެޕޮލްމެންޓް ބޭންކް (އޭޑީބީ) އިންނެވެ.

އޭޑީބީ އިން 18 ލޯނެއް ވަނީ ނަގާފައިވާއިރު، އައިޑީބީ އިން ވަނީ 19 ލޯނެއް ނަގާފައިވެ އެވެ. އެންމެ ގިނައިން ލޯނު ނަގާފައިވަނީ 2008 ވަނަ އަހަރު އެވެ. މި ދުވަސްވަރުގެ ތެރޭގައި ފެބްރުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 20 ލޯނެއް ވަނީ ނަގާފަ އެވެ.

ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން 41 މަޝްރޫއުއެއް މިހާރުވެސް ހިންގަ އެވެ.

މި ސަރުކާރުން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ލޯނާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު ނަގާފަ އެވެ. އަދި މީގެ ތެރެއިން 1.4 ބިލިއަން ޑޮލަރަކީ ޗައިނާގެ ދަރަންޏެވެ.