ދުނިޔެ

ޗައިނާއާ އިންޑިއާއިން ވެސް މެކްސް 8 ބޯޓުތައް މަނާކޮށްފި

ނިއުދިއްލީ (މާޗް 13) - އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން، ބޮއިންގް މަރުކާގެ ބޯޓާއިމެދު އެތަކެއް ސުވާލެއް އުފައްދާފައިވަނިކޮށް، އެ މަރުކާގެ ބޯޓުތައް އުދުހުން އިންޑިއާ އިން ވެސް މަނާކޮށްފި އެވެ.

އިންޑިއާގެ އޭވިއޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު ހަވީރު 4:00 ފެށިގެން ބޮއިންގޮ 737 މެކްސް 8 މަރުކާގެ ބޯޓުތައް އެގައުމުގެ ވައިގެ ސަރަހައްދުގައި އުދުހުން މަނާ ކޮށްފައިވާ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ ނިންމުމާއި ގުޅިގެން އިންޑިއަން އެއާލައިންސް އިން ވަނީ މެކްސް 8 މަތިންދާ ބޯޓުގެ މުޅި ފްލީޓްގެ އުދުހުންތައް ވަނީ އެއްކޮށް މަނާ ކޮށްފަ އެވެ.

އިންޑިއާގެ މެކްސް 8 ގެ ފްލައިޓުތައް މަނާ ކުރި ގައުމުތަކުގެ ތެރޭގައި، ރަޝިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން ކަމަށް ވާ އެސް 7 އިންވެސް ވަނީ އިތުރު މައުލޫމާތު ލިބެންދެން އެ މަރުކާގެ ބޯޓުތައް މަނާ ކޮށްފަ އެވެ.

ކެނެޑާގެ ސަންވިންގް އެއާލައިންސް ވެސް ވަނީ އެހެން ގައުމުތަކުން މިމަރުކާގެ ބޯޓުތައް އެގައުމުތަކުގެ ވައިގެ ސަރަހައްދުގައި އުދުހުން މަނާ ކޮށްފައި ވުމުގެ ސަބަބުން، ދިމާވަމުން ދާ ދަތިކަމާއި ގުޅިގެން މެކްސް 7 ގެ އުދުހުންތައް މަޑު ޖައްސާލާފަ އެވެ.

ފީޖީ އެއާވޭޒް ވެސް ވަނީ އިތުރު މައުލޫމާތު ލިބެންދެން މި މަރުކާގެ ފްލައިޓުތައް މަޑު ޖައްސާލާ ފައެވެ.

ނިއުޒީލެންޑް ގެ ސިވިލް އެވިއޭޝަން އޮތޯރިޓީ ވެސް ވަނީ އެގައުމުގެ ވައިގެ ސަރަހައްދު މެކްސް 8 ގެ ފްލައިޓުތަކަށް ބަންދު ކޮށްފައެވެ.

ކުވެއިތުން ވެސް ހަމަ މި ފިޔަވަޅު އަޅާފައި ވާއިރު ޔުނައިޓަޑް އެރަބް އެމިރޭޓްސް ވަނީ އެއް ފިޔަވަޅު ކުރިއަށް ޖެހިލުމަށް ފަހު 737 މެކްސް 8 ގެ އިތުރުން މެކްސް 9 ގެ ފްލައިޓުތައްވެސް ސަސްޕެންޑުކޮށްފަ އެވެ.

އިތިއޯޕިއާ އެއާލައިންސް ފްލައިޓް ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައިނުވި ނަމަވެސް، މެކްސް 8 ގެ ބޯޓުތައް މަނާކުރި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ޗައިނާ ވެސް ހިމެނެ އެވެ. ޗައިނާގެ އޭވިއޭޝަން އޮތޯރިޓީން ބުނީ، ފަހުން ހިނގި ދެ ހާދިސާގައި ވެސް އެއްގޮތް ކަންތައްތަކެއް ދިމާވެފައިވާ ކަމަށެވެ.

އެއާ ޗައިނާ، ޗައިނާ އީސްޓަން އަދި ޗައިނާ ސަދަން އާއެކު ޗައިނާގައި 90 އަށް ވުރެ ގިނަ ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓު އުދުހެ އެވެ. އެކަމުގެ ސަބަބުން ޗައިނާގެ ގިނަ އެއާލައިންތަކަށް ދަތިތަކާއި ކުރިމަތިވާނެކަމަށް ބެލެވެ އެވެ. ބޮއިންގްގެ 737 މެކްސް 8 މަރުކާގެ ބޯޓު ބޭނުންކުރަން ފަށާފައިވަނީ 2017 ވަނަ އަހަރެވެ.

އާދީއްތަ ދުވަހު އިތިއޯޕިއާއިން ފުރައިގެން 157 ފަސަންޖަރުން ގޮވައިގެން ދަތުރުކުރި ބޯޓު ވެއްޓުނީ ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެވެ. ބޮއިންގް 737 މެކްސް 8 މަރުކާގެ ބޯޓުން ދަތުރުކުރި ހުރިހާ ފަސަންޖަރުން އެ ހާދިސާގައި މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. މިއީ، ފާއިތުވި ފަސް މަހުގެ ތެރޭގައި އެ މަރުކާގެ ބޯޓެއް ވެއްޓުނު ދެވަނަ ފަހަރެވެ. މިދިޔަ އޮކްޓޯބަރު މަހު، އެ މަރުކާގެ ލަޔަން އެއާ ބޯޓެއް ވެއްޓި، 189 މީހުން ވަނީ މަރުވެފައި އެވެ.