ހަބަރު

އީސީގެ މެންބަރު ކަމަށް ހަބީބު އައްޔަންކޮށްފި

Mar 13, 2019

އިލެކްޝަން ކޮމިޝަން، އީސީގެ މެންބަރު ކަމުގެ މަގާމަށް އިސްމާއިލް ހަބީބު އަބްދުއްރަހީމް އަނެއްކާވެސް އައްޔަން ކުރައްވައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ހަބީބުއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ކުރިފުޅުމަތީގައި ހަބީބު އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިގުރާރުގައި ސޮއި ކުރެއްވިއެވެ.

އިސްމާއީލް ހަބީބު އަބްދުއްރަހީމް މިއަދާ ހަމައަށްވެސް ހުންނެވީ އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައެވެ. ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވެފައިވަނީ މިއަދަށެވެ.

އެ މަގާމަށް 16 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އެންމެ މަތިން މާކްސް ދިނީ ހަބީބަށެވެ. ހަބީބަށް މެންބަރުކަން އަލުން ދިނުމަށް މަޖިލީހުން ފާސްކުރީ 58 މެންބަރުންގެ ވޯޓާއެކު އެވެ.