ރައީސް މުހައްމަދު ނަޝީދު

ބަނގުރާ ވިއްކަން ތަރުހީބު ދީ ވާހަކައެއް ނުދައްކަން: ނަޝީދު

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަށް ދޭކަށް އެއްގޮތަކަށްވެސް ނުފެންނަ ކަމަށާއި އަދި ބަނގުރާ ވިއްކުމުގެ ހުއްދަށް ދިނުމުގެ އެއްވެސް ކަހަލަ ވާހަކެއް ނުދައްކާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ތޮއްޑޫ އަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ދަނީ އެމަނކުފާނު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ،

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވި އެ ކެމްޕޭން ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި، ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެއްޗަކީ ޗޮކްލެޓްއާއި ސިގިރެޓާއި ބަގުރާ ކަމަށެވެ. އަދި އެތަކެތި ވިއްކާނަމަ ގިނަ އަދަދަކަށް ފައިސާ ލިބޭނެ ކަމަށެވެ.

ނަޝީދުގެ މިވާހަކަފުޅާ ގުޅުވައިގެން ބައެއް ދީނީ އިލްމްވެރިންވެސް ދަނީ ފާޑު ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބީ ދުވަސްވަރު އެމްޑީޕީ ފަޅީގައި ތިއްބެވި ބައެއް އިލްމްވެރިންވެސް ހިމެނެއެވެ. ނަޝީދު އިތުރަށް ވިދާޅުވީ، ދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން ބޭނުންކޮށް އެފަދަ ވާހަކަތަށް އެންމެ ގިނައިން ފަތުރަން މަސައްކަތް ކުރައްވަނީ ރަލުގެ ވިޔަފާރި ކުރާ ސިޔާސީ ބޭފުޅުން ކަމަށެވެ.

މިފަދަ މޭރުމަކުން ނަޝީދު ޓުވިޓާގައި ވާހަކަފުޅު ދައްކާފައިވާއިރު އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް ގާސިމް އިބްރާހީމް އަކީ ރާއްޖޭގެ މަޝްހޫރު ކުންފުނި ކަމަށްވާ ވިލާ ގްރޫޕުގެ ޗެއާޕާސަން އެވެ. ވިލާއިން ދަނީ ގިނަ އަދަދެއްގެ ރިސޯޓުތަށްވެސް އޮޕަރޭޓް ކުރަމުންނެވެ.