ހައުސިން މިނިސްޓްރީ

އިމާރާތް ކުއްޔަށް ދިނުމާބެހޭ ގާނޫނު ޑްރާފްޓް ކުރަން ޕްރިމިއާ ޗެމްބާސްއަށް

އިމާރާތްތަށް ކުއްޔަށް ދިނުމާބެހޭ ގާނޫނޫ ޑްރާފްޓް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ޕްރިމިއާ ޗެމްބާސްއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް ނަޝީދު އެވެ. ޕްރިމިއާ ޗެމްބާސްގެ ފަރާތުން ސޮއިކުރީ، ޕްރިމިއާ ޗެމްބާސްގެ ސީނިއާ އެސޯސިއޭޓް ޑރ. މުހައްމަދު އިބްރާހިމް އެވެ.

ހައުސިން މިނިސްޓްރީން އިމާރާތްތަށް ކުއްޔަށް ދިނުމާބެހޭ ގާނޫނެ އެކުލަވާލާނެ ކަމަށް އެންމެ ފުރަތަމަ ބުނެފައިވަނީ މިދިޔަ ޑިސެމްބަރު މަހު 26 ވަނަ ދުވަހު އެވެ. އިމާރާތް ކުއްޔަށް ދިނުމާ ބެހޭގޮތުން ޑްރާފްޓް ގާނޫނެއް ހަދަން ނިންމި ކަމުގައިވިޔަސް މީގެ ކުރިން ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެފަ ވަނީ ޑްރާފްޓް ގާނޫނު ހަދަނީ ކުލި ކޮންޓްރޯލް ކުރަން ނޫން ކަމަށެވެ. ނަމަވެސް ކުލީގެ މުއާމަލާތަށް ހިންގަންޖެހޭނެ ގޮތުގެ ތަފްސީލީ ބިލެއް އެކުލަވާލަން ކަމަށެވެ.

އިމާރާތުގެ ކުއްޔާ ބެހޭގޮތުން މުޅިން އަލަށް ހަދާ މި ޑްރާފްޓް ގާނޫނުގައި، ކުއްޔަށް ދޫކުރާ ތަންތަނުގައި ހުންނަން ޖެހޭނެ ފެންވަރާއި ޒަރޫރީ ހިދުމަތްތަކާއި ކުއްޔަށް ދިނުމުގެ މުއްދަތާއި އެޑްވާންސް ފައިސާ ނެގުމުގެ އަމަލުކުރާނެ އުސޫލުތަކެއް ހިމަނާނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޕްރިމިއާ ޗެމްބާސް އަށް ހަވާލުކޮށްގެން ހަދާ ޑްރާފްޓް ގާނޫނަކީ އިމާރާތް ކުރުމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި އާއްމުންގެ ހިޔާލުވެސް ހޯދައިގެން އެކުލަވާލާނެ ޑްރާފްޓް ގާނޫނެއް ކަމަށެވެ.