އައްޑޫ ސިޓީގައި ސްކޫލް ކުދިންނަށް ފެރީ އާއި ބަހުގެ ހިދްމަތް ހިލޭ ދިނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްޑޫގައި އޮޕަރޭޓްކުރާ ޓްރާންސްޕޯޓް ލިންކުގެ، ރީޖަނަލް ޓްރާންސްޕޯޓް ޑިޕާޓްމެންޓުން ބުނެފި އެވެ.
ޓްރާންސްޕޯޓް ލިންކަކީ އެމްޕީއެލްގެ ބެލުމުގެ ދަށުން އައްޑޫ ސިޓީގައި ބަހުގެ ހިދުމަތް ދެމުންގެންދާ ކުންފުންޏެވެ. ސިނަމާލެ ބުރިޖު ހުޅުވުމުން މާލެއިން އެއާޕޯޓަށާއި ހުޅުމާލެއަށް ބަހުގެ ހިދުމަތް ދީފައިވަނީ ވެސް އެމްޕީއެލްގެ ބެލުމުގެ ދަށުން ޓްރާންސްޕޯޓް ލިންކުންނެވެ.
ޓްރާންސްޕޯޓް ލިންކުން މިކަން ހާމަ ކުރުމުގެ ގޮތުން ކުރި އިއުލާނުގައި ބުނީ ދެއަހަރުން ދަށުގެ ތުއްތު ކުދިންނާއި 65 އަހަރުވެފައިވާ މީހުނަށާއި ހާއްސަ އެހީއަށް ބެނުންވާ ފަރާތްތަކަށްވެސް ހިލޭ ބަސް ދަތުރާއި ފެރީގައި ދަތުރު ކުރެވޭނެ ކަމަށެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފަވަނީ ސްކޫލްކުދިންގެ ތެރެއިން ހިލޭ ދަތުރު ކުރެވޭނީ ސްކޫލްގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމުގައި ތިބޭ ދަރިވަރުންނަށް އެކަނި ކަމަށާއި، 65 އަހަރުން މަތީގެ މީހުނަށް ހިލޭ ދަތުރު ކުރެވެނީ އައިޑީ ކާޑް ދެއްކުމުން ކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ހިލޭ ދަތުރު ކުރެވޭނީ އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ކަމަށް ވެސް އެ އިއިލާނުގައި ވަނީ ބުނެފަ އެވެ.
އައްޑޫ ސިޓީގައި އެމްޕީއެލްއިން 2016 ވަނަ އަހަރު ބަސް ދަތުރު ފަށައިފައިވަނީ ސްކޫލް ކުއްޖެއްގެ އަތުން 30 ރުފިޔާގެ އަގެއް ނަގާ ގޮތަށެވެ. އެއަށްވުރެ ކުރިން އައްޑޫގައި ބަހުގެ ހިދުމަތްދިން ބައެއް އަމިއްލަ ކުންފުނިތަކުން ވަނީ ސްކޫލް ކުއްޖެއްގެ އަތުން މަހެއްގެ މައްޗަށް 300ރ- 500ރ ދެމެދުގެ އަގެއް ނަގައިފަ އެވެ.
އައްޑޫގައި ހިލޭ ބަސްދަތުރު ކުރެވޭނެ ފަރާތްތަށް ކަނޑައެޅިއިރު، މާލޭއާއި ހުޅުމާލޭގައި ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް ދެމުންގެންދާ އެމްޓީސީސީއިން ވެސް ވަނީ ކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ ހިދުމަތްތައް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބަހާއި ފެރީގައި ހިލޭ ދަތުރު ކުރެވޭނެ ގޮތް މިމަހު 10 ވަނަ ދުވަހު ހަމަޖައްސައިދީފަ އެވެ.
އައްޑޫގައި ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް ދެމުންދާ ޓްރާންސްޕޯޓް ލިންކުން ހިލޭ ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިދީފައި މިވަނީ އެމްޓީސީސީއިން މާލޭއާއި ހުޅުމާލޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ގޮތް ހެދުމުން އެކަމަށް ފާޑު ކިޔަމުން ދަނިކޮށެވެ.