ހަބަރު

ޕްލާސްޓިކް މަދުކުރުމުގެ ގައުމީ ކެމްޕެއިން ކުރިއަށް

ޕްލާސްޓިކް ފުޅި މަދުކުރުމުގެ ގައުމީ ކެމްޕެއިނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ހިމެނޭކަމެކެވެ. އެގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގުޅިގެން ޕްލާސްޓިކް ނައްތާލުމުގެ މަސައްކަތް ފަށައި ދަނީ ކުރެވެމުންނެވެ.

އެންވާރަމަންޓް މިނިސްޓްރީން މިއަދު ބުނި ގޮތުގައި، މިހާތަނަށް ސަރުކާރުގެ ހަތް މިނިސްޓްރީ ފިޔަވާ ހުރިހާ މިނިސްޓްރީއަކުން ވަނީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފަ އެވެ. އަދި، މި މިނިސްޓްރީ ތަކަށް ގޮސް އެކަންތައް މޮނިޓާކުރާނެ ކަމަށްވެސް އެންވާރަމަންޓުން ބުނެ އެވެ.
ޔުނިސެފްގެ ހިލޭ އެހީގެ ދަށުން ތިމާވެށްޓާއި ރައްޓެހި ބީ.ޕީ.އޭ ފްރީ ފުޅިތައް ވަނީ އެންވާރަމަންޓާއި އެޑިއުކޭޝަން އަދި ޔުނިސެފް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް ބަހާފަ އެވެ. އެގޮތުން 212 ސްކޫލަކަށް ތިމާވެއްޓާ ރައްޓެހި ފުޅި ދެވިފައިވާ ކަމަށް އެންވާރަމަންޓުން ބުނެ އެވެ.

އިތުރަށް ބުނެފައިވަނީ، ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކެފޭ/ރެސްޓޯރޭންޓްތައް ހިމެނޭގޮތަށް ޖުމްލަ 50 ފަރާތަކާއެކު ޕްލާސްޓިކް ނައްތާލުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ޕްލާސްޓިކް މަދުކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާ މަޝްވަރާކުރުމަށްވެސް ހަމަޖެހިފައި ކަމަށެވެ.