ގައުމީ ފުޓްބޯޅް ޓީމް

ޒުވާން ޓީމުން ފިލިޕީންސްގެ ޓޮޕް ޓީމު މެންޑިއޯލާ ބަލިކޮށްފި

ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ފިލިޕީންސްގެ ޕްރިމިއާ ލީގްގައި މިއަހަރު ވާދަ ކުރާ މެންޑިއޯލާ އެފްސީ ބަލި ކޮށްފި އެވެ.

އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ފިލިޕީންސްގައި ކޭމްޕް ކޮށްފައިވާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުން މިއަދު ކުޅުނު މެޗު މެންޑިއޯލާގެ މައްޗަށް ކާމިޔާބު ހޯދީ 2-0 ންނެވެ.

މެންޑިއޯލާ އިން ދަނީ، ފިލިޕީންސްގެ އާ ސީޒަނަށް ތައްޔާރު ވަމުންނެވެ. އެ ޓީމުން ވަނީ 2011 ވަނަ އަހަރު ފިލިޕީންސްގެ ނެޝަނަލް ކުލަބު ޗެމްޕިއަންޝިޕްގެ ދެ ވަނަ ހޯދާފަ އެވެ.

ރާއްޖޭގެ ފުރަތަމަ ލަނޑު 41 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކުލަބު އީގަލްސްގެ ހަސަން ރާއިފް އަހްމަދު އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. ރާއްޖޭގެ ޒުވާން ޓީމަށް ލީޑް ފުޅާ ކޮށްދިނީ، ދެ ވަނަ ހާފުގައި ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ހަސަން ނަޒީމް ގާސިމް ކާމިޔާބު ކުރި ލަނޑުނެވެ.

މެޗަށް ނެރުނު ރާއްޖޭގެ ޓީމުގެ ފުރަތަމަ 11

ހުސައިން ޝަރީފް (ގކ) ، އައްޒާމް އަބްދުﷲ، މުހައްމަދު ސާދު ނިޒާރު، އަލީ ޝަމާލް އަބްދުﷲ ، އިބްރާހިމް އައިސަމް، މުހައްމަދު ރިހާމް، ހައިޝަމް ހަސަން ، ހަސަން ރާއިފް އަހްމަދު، މުހައްމަދު ޖައިލަމް ، އަބްދުﷲ ޔާމީން

މިއަދުގެ މެޗަކީ، ގައުމީ ޓީމުން ފިލިޕީންސްގައި ކުޅުނު ދެ ވަނަ މެޗެވެ. މިދިޔަ ހަފަުތާގައިވެސް، ޒުވާން ޓީމުން ވަނީ ފިލިޕީންސްގެ ޕްރިމިއާ ލީގްގައި ވާދަ ކުރާ ސްޓޭލިއަން ލެގޫނާ އެފްސީ އާ ދެކޮޅަށްވެސް ކުޅެފަ އެވެ. މިދިޔަ އަހަރު ފިލިޕީންސްގެ ލީގްގެ ހަތަރު ވަނަ ހޯދި ޓީމާ ދެކޮޅަށް ރާއްޖޭގެ ޒުވާން ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ލީޑް ނެގީވެސް ރާއްޖެއިންނެވެ. އޭގެ އިތުރުން ލަނޑު ޖަހާނެ ތަނަވަސް އެހެން ފުރުސަތެއްވެސް ރާއްޖެއަށް ލިބުނެވެ. ސްޓޭލިއަން ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.

ފިލިޕީންސްގައި ގައުމީ ޓީމުން ކުޅޭ ތިން ވަނަ މެޗު އޮންނާނީ ހޮނިހިރު ދުވަހު ދުވަހު އެވެ. އެ މެޗުގައި ކުޅޭނީ، ފިލިޕީންސްގެ އާރެޔާނޯ ޔުނިވަސިޓީގެ ފުޓްބޯޅަ ޓީމާ ދެކޮޅަށެވެ. އެ ޓީމަކީވެސް ފިލިޕީންސްގެ ފުޓްބޯލް ފެޑްރޭޝަންގެ ރަސްމީ މުބާރާތްތަކުގައި ވާދަ ކުރާ ޓީމެކެވެ.