ވިޔަފާރި

700 މިލިއަން ރުފިޔާގެ ލޯނެއް އޮތަސް އެމްޓީސީސީގައި ހާސްކަމެއް ނެތް

ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ކުންފުނި އެމްޓީސީސީގައި 700 މިލިއަން ރުފިޔާގެ ލޯނެއް އޮތް ނަމަވެސް އެ ކުންފުނީގެ ކޭޝް ފްލޯގައި ތާށި ކަމެއް ނެތް ކަމަށް ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީ ޓަވަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން ޝާހު ވިދާޅުވީ 746 މިލިއަން ރުފިޔާގެ ޕްރެޖެކްޓް ހިމެނޭ ލޯނެއް އެމްޓީސީސީ ކަހަލަ ކުންފުންޏެއްގައި އޮތުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑު މިތަނުގެ ސީއީއޯ އަކަށް އައިސް މިތަން ބަލާލިއިރު އެބައޮތް 746 މިލިއަނެއްހާ ރުފިޔާގެ ލޯނެއް. އެކަމަކު އިރާދަ ކުރެއްވިއްޔާ އެއީކީ [ލޯނެއް އޮތުމަކީ] މާބޮޑު މައްސަލަ އެއް ނޫން" ޝާހު ވިދާޅުވި އެވެ

އޭނާ ވިދާޅުވީ، ކުންފުނީގައި އެ ކުންފުނީގައި މި ބޮޑު ލޯނު އެއްކޮށް އަދާ ކުރުމަށް 10 އަހަރުވަރު ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ. ލޯނު ދެއްކުމަށް ސަރުކާރުގެ އެހީ ބޭނުން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މި މަހު ވެސް އެ ކުންފުނިން ލޯނުގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކައިފައިވާނެ ކަމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްޓީސީސީއަކީ ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގާ ކުންފުންޏެވެ. އެ ގޮތުން އެ ކުންފުނީގެ ބިން ހިއްކުމުގެ މަޝްރޫއުތައް ވަރުގަދަ ކުރުމަށްޓަކައި ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ވެސް ކޮށްފައިވެ އެވެ. މިގޮތުން އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ބިން ހިއްކުމުގެ މަސައްކަތް ވަރުގަދަ ކުރުމަށްޓަކައި މަހާ ޖައްރާފު ގެނައުމެވެ. ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ސާފު ފައިދާ ދައްކާ ގޮތުން 2.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.