ހަބަރު

ހާޒިރުކުރީ މުބާރާތުގައި ފައިސާގެ އިނާމެއް ކަނޑައެޅުމުން: އަލްހާން

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ އަލްހާން ސްޓްރީޓް ސޮކާ ކަޕާއި ރާޒުވާ މުބާރާތުގައި ފައިސާގެ އިނާމެއް ކަނޑައަޅާފައިވާތީ އެކަމަކީ ރިޝްވަތުގެ އަމަލެއް ހިންގުން ކަަމަށް ތުހުމަތުކޮށް ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަލްހާން ވާދަ ކުރައްވަން ނިންމައި ކެމްޕެއިން ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އޭނާ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާފައިވަނީ ހެންވޭރު އުތުރު ދާއިރާއަށެވެ.

އޭސީސީ އިން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަލްހާން ވިދާޅުވީ، އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރެވުނީ ދެކަމަކާ ގުޅޭގޮތުން ކަމަށާއި އެއީ ރާޒުވާ މުބާރާތާއި ސޮކާ ކަޕް މުބާރާތާއި ގުޅޭ ގޮތުން ކަމަށެވެ.

"މި މުބާރާތުގައި އިނާމްގެ ގޮތުގައި ކަނޑައެޅިފައިހުރީ ފައިސާގެ އިނާމްކަމަށްވާތީ އެއީ ރިޝްވަތުގެ ގޮތުގައި ހުށަހެޅުނު އެއްޗެއް ކަމަށް ތުހުމަތު ކުރައްވައިގެން އޭސީސީ އިން އަޅުގަނޑާ ސުވާލުކުރެއްވީ، އެކަމަކު ރިއާޔަތްކުރެވޭ ގާނޫނުތަކާއި ދިވެހި ރާއްޖޭގެ އިންތިހާބުތަކާބެހޭ ގާނޫނުތަކާއި ކޮރަޕްޝަނާއި ރިޝްވަތުދިނުމާއިބެހޭ ގާނޫނުތަކުގައި މި ޑިފައިން ކޮށްފައިހުރިގޮތާއި މިބޭފުޅުން ލޮޖް ކުރައްވައިގެން ގެންދަވާ މައްސަލައާ އަޅުގަނޑު ވަރަށް ބޮޑަށް އިންކާރު ކުރަން،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ، ގާނޫނީ ހަމަތަކުގެ މަތިން ކެމްޕެއިންގައި ހިންގީ އިޖްތިމާއި ހަރަކާތެއް ކަމަށެވެ. އަދި އެހަރަކާތް ކުރިއަށް ގެންދިޔައީ ހަމައެކަނި ވާދަ ކުރައްވާ ދާއިރާއަށް އަމާޒުކޮށްގެން ނޫން ކަމަށާއި އެހަރަކާތް ކުރިއަށް ގެންދިޔައީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށެވެ. އެހެންކަމުން މުބާރާތުގައި ކަނޑައަޅާފައިވާ އިނާމަކީ ވޯޓް ހޯދަން ނުވަތަ ވަކި ފަރާތަކަށް މަންފާއެއް ހޯދަން ކަނޑައެޅި އިނާމެއް ކަަމަށް ގާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެ އެއްވެސް ހަމައެއްނެތް ކަމަށް އަލްހާން ވިދާޅުވި އެވެ.

"މުޅި މާލެއަށް ހުޅުވާލައިގެން އާންމުކޮށް ހިންގި މުބާރާތެއްގައި އޭގެ ޗެމްޕިއަނުންނަށް ކަނޑައެޅިފައި އޮންނަ އިނާމަކީ ވަކި ފަރާތަކަށް ފައިދާއެއް ހޯދައި ދިނުމުގެ ގޮތުން ނުވަތަ ވަކި ޖަމާއަތަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުން ނުވަތަ ދާއިރާގެ ވޯޓްލައި މީހުންނަށް އެކަނި ފުރުސަތު އޮންނަ ގޮތަށް ބޭއްވުނު މުބާރާތަކަށް ނުވާއިރު، މީގެ އިނާމަކީ ވޯޓް ހޯދަން ނުވަތަ ވަކި ބަޔަކަށް މަންފާ ހޯދަން ކަނޑައެޅި އިނާމެއް ކަަމަށް ގާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެ އެއްވެސް ހަމައެއްނެތް،" އަލްހާން ވިދާޅުވި އެވެ.

އޭސީސީ އިން ކުރާ ތުހުމަތުތަކަށް އިންކާރު ކޮށްފައިވާނެ ކަމަށެވެ. އަދި އެތުހުމަތުތަކަކީ ގަބޫލުކުރާ ތުހުމަތުތަކެއް ނޫން ކަމަށާއި ގަބޫލު ކުރެވޭ ތަހުގީގެއްވެސް ނޫން ކަމަށެވެ. އަދި މިކަމަކީ ކެމްޕޭނަށް ހުރަސް އަޅައި ޖެއްސުން ކުރުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށްވެސް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ، ކޮރަޕްޝަން އަމަލެއް ހިންގާފައިނުވާނެ ކަމަށާއި އަދި ވަކީ މީހަކަށް މަންފާއެއް ވާގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި ޖަވާބުދާރީވާންޖެހޭ ކޮންމެ ކަމެއްގައި ޖަވާބުދާރީވާންތައްޔާރަށް ހުންނެވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.