ވިޔަފާރި

ޑީސަލް ލިޓަރަކުން 72ލ. ޕެޓްރޯލް ލިޓަރަކުން 60ލ. ބޮޑުކޮށްފި

Mar 15, 2019
2

އެސްޓީއޯ އިން ވިއްކާ ޑީސަލް ލިޓަރަކުން 72ލ. އަދިި ޕެޓްރޯލް ލިޓަރަކުން 60ލ. މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި، އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.79ރ. އަށް ކަމަށެވެ. އަދި ޑީސަލް ލިޓަރެއް މިހާރު ވިއްކާނީ 11.61ރ. އަށެވެ.

އެސްޓީއޯ އިން ބުނީ ތެލުގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ކަމަށެވެ.

ތެލުގެ އަގު ބޮޑުކޮށް، އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސާފުނުކުރާ ތެލުގެ އަގު ވަނީ މިއަހަރު ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް 30 ޕަސެންޓް ބޮޑުވެފައިވާ ކަމަށެވެ. މި އަހަރު ތެޔޮ އުފައްފާ ގައުމުތަކުގެ އިއްތިހާދު އޯޕެކް އާއި އަދި ރަޝިއާ އިން ވަނީ ތެލުގެ ސާރޕްލަސް ދަށް ކުރުމުގެ ގޮތުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާނެ މިންވަރު ލިމިޓް ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

"މީގެ ކުރިން ބްލޫމްބާރގް އިން ވަނީ އެމެރިކާގެ ސާފުނުކުރާ އަދި ސާފުކޮށްފައި ހުރި ތެލުގެ ސްޓޮކް އިތުރުވާނެ ކަމަށް ލަފާކޮށްފަ އެވެ. އެހެން ނަމަވެސް، އެމެރިކާގެ އެނާޖީ އިންފޯރމޭޝަން އެޑްމިނިސްޓްރޭޝަން އިން ނެރޭ ހަފްތާ ރިޕޯޓްގައި ވާ ގޮތުން އެމެރިކާގެ ސްޓޮކް ވަނީ 3.86 މިލިއަން ފިފާ ދަށަށް ގޮސްފަ އެވެ،" އެ ކުންފުނިން ބުނެފައިވެ އެވެ.

އެސްޓީއޯއިން ބުނީ މީގެ އިތުރުން އެމެރިކާއިން އަދިވެސް އީރާން އާއި ވެނެޒުއޭލާ އަށް ދަތިކުރުމުގެ ފިޔަވާޅުތައް ކުރިއަށް ގެންދެ އެވެ. އެމެރިކާ އިން ބޭނުންވަނީ އީރާންގެ އެކްސްޕޯރޓް މެއި މަހުން ފެށިގެން ދުވާލަކު އެއް މިލިއަން ފިފާއަށް ދަށްކުރުމަށެވެ. ވެނެޒުއޭލާގައި ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން ތެޔޮ އުފެއްދުމާއި ބޭރު ކުރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި އެމެރިކާއިން ވަނީ އެގައުމުގެ ކުންފުނިތަކަށް ވެނެޒުއޭލާ އާއި ވިޔަފާރި ކުރުން މަނާ ކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާ ތާރީހް ލަސް ވާނެ ކަމަށް ލަފާކުރެވޭތީވެ ދުނިޔޭގެ ވިޔަފާރި އަދި އިގްތިސާދަށް މިވަގުތު އައިސްދާނެ ބަދަލުތައް ކުޑަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"މިކަންކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފެދިފައިވާ ސަޕްލައި ސަރޕްލަސް މަދުވެގެން ދާނެކަމަށް ތެލުގެ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ. މިގޮތަށް ބާޒާރުގައި ވިސްނުން ހުރުމުން ތެލުގެ އަގު ބުދަ ދުވަހު ވަނީ 2018 ނޮވެމްބަރ ގައި ހުރި އަގުތަކަށްވުރެ މައްޗަށް ޖެހިފައެވެ. މިގޮތުން ބަލާލާއިރު ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުގެ ބެންޗްމާރކް ގޮތުގައި ބެލެވޭ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިއު.ޓީ.އައި) އަދި ބްރެންޓް ވިކިފައި ހުރީ އަގު ބޮޑުކޮށެވެ،" އެސްޓީއޯއިން ބުނެފައިވެ އެވެ.

ރާއްޖެ އަށް އެތެރެ ކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފު ކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފުނު ނުކުރާ ތެލަށްވުރެ އަގު ބޮޑުކޮންނެވެ. އެހެންނަމަވެސް ބެންޗްމާކް ތަކުގެ އަގަށް އަންނަ ބަދަލުތަކާއި އެއް މިންވަރަކަށް ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށްވެސް ބަދަލު އާދެއެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެގޮތުން އެ ދުވަހު ވަނީ ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފަ އެވެ.