ހަބަރު

ހިޔާލު ފާޅު ކުރުމުގެ ނަމުގައި ގައުމުތަކާ މެދު ފިތުނަ އުފައްދަން ޖާގައެއް ނެތް: ރައީސް

Mar 16, 2019
45

ހިޔާލު ފާޅު ކުރުމުގެ ނަމުގައި ދޭދޭ ގައުމުތަކާ ދެމެދު އޮންނަ ގުޅުން ކަނޑުވާލާ، ފިތުނަ އުފައްދަން ކުރާ އެއްވެސް މަސައްކަތަކަށް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނައިފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތް ފަހުން ވައުދުތައް ފުއްދުމަށާއި ކުރީ ސަރުކާރު ނިގުޅައިގެންފައިވާ ގިނަ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން މައުލޫމާތު ފެތުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިފައި ހުރި ގާނޫނުތައް ބާތިލުކޮށް، މިނިވަންކަމާއެކުގައި އަޑު އުފުލާ ހިޔާލު ފާޅު ކުރުމުގެ ފުރުސަތު މި ސަރުކާރުންގައި އެންމެނަށް ވެސް ދީފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެހެން ނަމަވެސް ގައުމުގެ މަސްލަހަތާއި އަމަން އަމާންކަން ގެއްލުވާލުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި ދޭދޭ ގައުމުތަކާ ދެމެދު ފިތުނަ އުފައްދަން އެއްވެސް ޖާހަގައެއް ނުދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ގައުމުގެ މަސްލަހަތު ގެއްލުވާލާ އަމަންއަމާންކަން ގެއްލުވާލާ، ދޭދޭ ގައުމުތަކުގެ ދެމެދު ފިތުނަ އުފައްދާ އަޅުގަނޑުމެންނާ ގާތް ގުޅުންތައް އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރާ އެއްވެސް މަސައްކަތަކަށް އަޅުގަނޑުމެންނެއް ޖާގައެއް ނުދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އިރު އަވަށްޓެރި އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުތައް ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އެ ފުރުސަތު ދީފައެއް ނުވެ އެވެ. އެގޮތުން އެކަމަަށް ދަރުބާރުގެ ދިނުމަށް ހުއްދަ ދީފައި ނުވާ އިރު ރޭ އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދަން މަސައްކަތް ކުރި އިހުތިޖާޖު ވެސް ވަނީ ހުއްޓުވާފަ އެވެ.