ވިޔަފާރި

މިދިޔަ މަހު މުދާ އެތެރެކުރި އަދަދު 10 ޕަސެންޓް ދަށަށް

Mar 16, 2019

މިދިޔަ މަހު ރާއްޖެއަށް މުދާ އެތެރެކުރި އަދަދު 10 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހު އެތެރެކޮށްފައިވަނީ 3.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 10 ޕަސެންޓް ދަށްވުމެކެވެ.

ރާއްޖޭގެ އިމްޕޯޓު ދަށަށް ދިޔަނަމަވެސް ރާއްޖޭން ބޭރުކުރި މުދަލުގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު ރާއްޖޭން 228 މިލިއަންގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓު ކުރި 264 މިލިއަން ރުފިޔާގެ މުދަލާ ބަލާއިރު 16 ޕަސެންޓް އިތުރުވުމެކެވެ

ކަސްޓަމުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކަސްޓަމް ޑިއުޓީގެ ގޮތުގައި ދައުލަތަށް ވަނީ 254 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ މަހު ލިބުނު 240 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ފަސް ޕަސެންޓް ދަށްވުމެކެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 18 ޕަސެންޓް ޔޫއޭއީ އިން އިމްޕޯޓްކޮށްފައިވެ އެވެ. ސިންގަޕޯ އިން 17 ޕަސެންޓް އަދި ޗައިނާ އިން 15 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފައިވެ އެވެ.