އެމްއެންޑީއެފް

11 މީހުންނާ އެކު ބޯޓެއް ފަރަށް އަރައިފި

އެގާރަ މީހުންނާ އެކު މާލެއިން ފުރައިގެން ސ. މީދޫ އަށް ދަތުރު ކުރަމުންދިޔަ "އަލްމާ" ނަމަކަށް ކިޔާ ބޯޓު، މީދޫގެ ނެރުބައްތީގެ އިރު ދެކުނުގެ ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެެފް އިން ބުނީ ބޯޓު ފަރަށް އަރައިގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 2:57 ހާއިރު ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެބޯޓު އެވަގުތު ދަތުރު ކުރަމުންދިޔަ 11 މީހުންނަކީ ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބި ފަސް މީހުންނާއި ހަތަރު ދިވެހިން ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފަ އެވެ. އަދި މާލޭއިން މީދޫ އަށް ދަތުރު ކުރި އެއް ބިދޭސީ އަކާއި ދިވެއްސެއް ބޯޓްގައި ތިބި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އިތުރަ މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ، ރޭ 3:38 ގައި އެމްއެންޑީއެފްގެ ޑައިވަރުން ޑައިވްކޮށްގެން ބެލިއިރު އަލްމާ ބޯޓްގެ ބަޑު ފިލާއިން ތިން ފޫޓު ހާތަން ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ބަޑު ފިލާ ފަޅައިގެން ދިޔުމުގެ ސަބަބުން ބޯޓުން ދިޔަ ހިއްކުމުގެ މަސައްކަތް މިއަދު ހެދުނު 9:00 ޖެހިއިރު ފެށިގެން ކުރަމުން އަންނަށް ކަމަށްވެސް ސިފައިން ވަނީ ބުނެފަ އެވެ. ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓް އެއް ފަރާތަށް އަރިއެރުމާ ގުޅިގެން، ބޯޓުން މުދާ ހުސްކުރުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.