ގައުމީ ފުޓްބޯޅް ޓީމް

ފިލިޕީންސްގެ ތިން ވަނަ މެޗުންވެސް ޒުވާން ޓީމަށް މޮޅެއް

ފިލިޕީންސްގައި ޓްރެއިނިންއަށް ކޭމްޕްކޮށްފައިވާ، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން އެ ގައުމުގެ އަރެޔާނޯ ޔުނިވަސިޓީގެ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ޒުވާން ޓީމު ކާމިޔާބު ކޮށްފި އެވެ.

މިއަދުގެ މެޗަކީ، ޒުވާން ޓީމުން ފިލިޕީންސްގައި ކުޅުނު ތިން ވަނަ މެޗެވެ. ކުރިން ދެ މެޗާ ހިލާފަށް މިއަދު ރާއްޖޭގެ ޓީމާ ދެކޮޅަށް ނިކުތް ޓީމަކީ އާދައިގެ ޓީމެކެވެ. ފިލިޕީންސް ރަސްމީ ލީގް އެ ޓީމު ވާދައެއް ނުކުރެ އެވެ.

ފިލިޕީންސްގައި ހުރެ އަވަސް އާ ވާހަކަ ދައްކަމުން ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ 'މޯ' ބުނީ، ވަރުގަދަ ޓީމެއް ނޫން ނަމަވެސް މެޗުން ރާއްޖޭގެ ކުޅުންތެރިންނަށް ކަންތައްތައްތަކެއް ދަސްވި ކަމަށެވެ.

"މިއީ އެހާ އެހާ ވަރުގަދަ ޓީމެއް ނޫން،" ފިލިޕީންސްގައި ހުރެ ވާހަކަ ދައްކަމުން މޯ ބުންޏެވެ. "އެކަމަކުވެސް މެޗެއް ކުޅެން ފުރުސަތު ލިބުމަކީ ކުޅުންތެރިންނަށް ޓެސްޓް ކޮށްލަން ލިބުނު ފުރުސަތެއް، އަދި ހުރިހާ ކުޅުންތެރިންނަށްވެސް މެޗުން ފުރުސަތު ދެވުނީމަ އިތުބާރު ކުޅުންތެރިންނަށް ލިބޭނެ."

މިއަދުގެ މެޗަށް ނެރުނު ފުރަތަމަ 11 ވަނީ އެއްކޮށް ބަދަލު ކޮށްފަ އެވެ. ކުރީގެ ދެ މެޗުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނިކުތް އެއްވެސް ކުޅުންތެރިޔަކަށް މިއަދު މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ނުދެ އެވެ.

މެޗަށް ނެރުނު ރާއްޖޭގެ ފުރަތަމަ 11

އަލީ ނަޖާހް (ގޯލްކީޕަރު) ސޮލާހް އަލީ، މަޖުދާން ސޯލިހް، ހަސަން ނަޒީމް ގާސިމް 'ޗޯޓް' މުހައްމަދު ފަރުހާން، ނިޝާމް މުހައްމަދު ރަޝީދު، އަލީ ހަމްދާން، މުހައްމަދު ޝަހާއު، ޒަޔާން ނާސިރު، އަހްމަދު ނަޝާހް، މުހައްމަދު ނިއާޒް

ރާއްޖެއިން ކާމިޔާބު ކުރި، ފަހު ތިން ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ނިޔާޒް އެވެ.

ދެ ވަނަ ލަނޑު ދެ ވަނަ ހާފު ފެށުނުތަނުން ކާމިޔާބު ކުރީ، މުހައްމަދު ޖައިލަމް (އޮގީ) އެވެ. ފަހުން ގެނައި ބަދަލު ތަކާއެކު ރާއްޖޭގެ ޓީމުން ނަތީޖާގެ ފަރަގު ބޮޑު ކުރި އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ރިހާމް 'ބޮބީ' އެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ، އަބްދުﷲ ޔާމީން އެވެ.

ފިލިޕީންސްގައި ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު ކުޅުނީ، އެގައުމުގެ ޕްރިމިއާ ލީގްގެ ކުލަބު ސްޓޭލިއަން ލެގޫނާ އެފްސީ އާ ދެކޮޅަށެވެ. އެމެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މިދިޔަ އަހަރު ފިލިޕީންސްގެ ލީގްގެ ހަތަރު ވަނަ ހޯދި ޓީމާ ދެކޮޅަށް ރާއްޖޭގެ ޒުވާން ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ލީޑް ނެގީވެސް ރާއްޖެއިންނެވެ. އޭގެ އިތުރުން ލަނޑު ޖަހާނެ ތަނަވަސް އެހެން ފުރުސަތެއްވެސް ރާއްޖެއަށް ލިބުނެވެ. ސްޓޭލިއަން ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.

ދެ ވަނަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއިން ކުޅުނީ، ފިލިޕީންސްގެ ޕްރިމިއާ ލީގްގައި މިއަހަރު ވާދަ ކުރާ މެންޑިއޯލާ އާ ދެކޮޅަށެވެ. އެ މެޗު ރާއްްޖެއިން ކާމިޔާބު 2-0 ންނެވެ.

މިއަދުގެ މެޗުގައިވެސް، ރާއްޖޭގެ ޓީމަށް އިރުޝާދު ދިނީ ޓީމުގެ ސީނިއާ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު 'ޝާކިއްޓޭ' އެވެ. ފިލިޕީންސްގައި ޓީމުގެ ޕްރެކްޓިސް ލީޑް ކުރަނީ އޭނާ އެވެ. ހެޑް ކޯޗް ޕީޓާ ޝެގަޓް ބުނީ ސައުދީ އަރަބިއްޔާގައި ބާއްވާ ކޮލިފައިން ބުރުގައިވެސް ރާއްޖޭގެ ޓީމު ލީޑް ކުރާނީ ޝާކިއްޓޭ ކަމަށެވެ.

މިމަހު 22 ން 26 އަށް ބާއްވާ ކޮލިފައިންގައި ރާއްޖެ ވާދަ ކުރާ ގުރޫޕް 'ޑީ' ގައި ހިމެނެނީ ސައުދީ އާއި ރާއްޖޭގެ އިތުރުން އަރަބި އެމިރޭޓްސް އާއި ލުބުނާން އެވެ.