ހަބަރު

މަދަނީ މުޖުތަމައަކީ ޑިމޮކްރަސީގެ މުހިންމު އެއް ތަނބު: ފައްޔާޒު

މަދަނީ މުޖުތަމައު ނުވަތަ މަދަނީ ޖަމިއްޔާތަކަކީ ޑިމޮކްރަސީއެއްގެ ވަރަށްވެސް މުހިންމު އެއް ތަނބު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޖަމިއްޔާތަކަށް އަމާޒުކޮށް މިއަދު ފެށި "ހަވަލި" ފެއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޑިމޮކްރަސީގެ ފެށިގެން މިއަދާ ހިސާބަށް އައުމުގައި މަދަނީ ޖަމިއްޔާތަކުގެ މަސައްކަތާއި ހިއްސާ ވަރަށްވެސް ބޮޑު ކަމަށެވެ.

"ޑިމޮކްރަސީގައި މިކިޔާ ތިން ކަމެއް، ނުވަތަ ހަތަރުކަމެއް އޮވޭ، ދެން ޑިމޮކްރަސީގައި ދެން އެންމެ މުހިންމު އެއް ތަނބަކީ މަދަނީ މުޖުތަމައު، މަދަނީ މުޖުތަމައުއަކީ ރައްޔިތުންގެ މަޖިލީހަށްވުރެވެސް، ސަރުކާރަށް ވުރެވެސް އަދި ޖުޑީޝަރީއަށްވުރެވެސް މުހިންމުކަމެއް ރައްޔިތުންގެ އިހްސާސްތައް ރައްޔިތުން ބޭނުންވާ ކަންކަން މި ދައުލަތް ތެރޭގައި ހިމެނިގެން ދިއުމުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގަައުމުގެ ކަންކަން ގޯސްވެގެންދާ ވަގުތުތަކުގައި ރައްޔިތުންގެ ވިންދާއި ރައްޔިތުން ބޭނުންވާ ގޮތައް އަޑު އުފުލުމުގައި އެންމެ މުހިންމު ރޯލެއް ކުޅޭ ބަޔަކީ މަދަނީ މުޖުތަމައު ނުވަތަ މަދަނީ ޖަމިއްޔާތައް ކަމަށެވެ.

"ޒަމާނުއްސުރެ އަޅުގަނޑުމެންގެ އާދަކާދަ އޮތީ މަދަނީ މުޖުތަމައު ނުވަތަ އާންމު ރައްޔިތުން ވަރަށް ބޮޑަށް ބައިވެރިވެގެން އަޅުގަނޑުމެންގެ އެކިއެކި މަސައްކަތްތައް ކުރުމުގައި، ތަރައްގީ ކުރުމުގައި، އެހެން ނަމަވެސް އަޅުގަނޑުމެން ވައްޓަފާޅިތައް ބަދަލުވެގެން މިއައި ދުވަސްތަކުގެ ތެރޭގައި ބޭއިންސާފު ބޮޑުވުމުގެ ސަބަބުން ރައްޔިތުންނާއި މަދަނީ ޖަމިއްޔާތައް ގައުމުގެ ކަންކަމުގައި ބައިވެރިވުން މިއޮތީ މަދުވެފަ، ވަރަށް ބޮޑަށް ހީނަރުވެފަ،"

މިސަރުކާރު ވެރިކަމަށް އައުމުގައި މަދަނީ ޖަމިއްޔާތަކުުން ކުޅެފައިވާ ރޯލު ވަރަށްވެސް މުހިންމު ކަމަށެވެ. ޑިމޮކްރެޓިކް މުޖުތަމައެއް މިގައުމުގައި އަށަގަނެ ހިފެހެއްޓުމަށްޓަކައި އެންމެ މުހިންމު އެއް ރޯލެއް ކުޅޭނެ ބަޔަކީ މަދަނީ ޖަމިއްޔާތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މަދަނީ މުޖުތަމައު ބާރުވެރިކުރުވުމުގައި ސަރުކާރުންގެ ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ. އަދި ސަރުކާރުގެ ކަންކަން ބާރުވެރި ކުރުމުގައިވެސް މަދަނީ މުޖުތަމައަށް އެހީތެރިވުން ކަމަށެވެ.

ހަވަލި ޖަމިއްޔާތަކުގެ ފެއާގައި ވ. އަތޮޅުން ފިޔަވާ ރާއްޖޭގެ ހުރިހާ އަތޮޅަކުން 100 އަށްވުރެ ގިނަ ޖަމިއްޔާތަކުން ބައިވެރިވެފައި ވެއެވެ.

މިނިސްޓްރީން ބުނީ، ފެއާގެ އެންމެ ބޮޑު އަމާޒަކީ އެއް ދާއިރާއަކުން މަސައްކަތްކުރާ ޖަމްއިއްޔާތައް ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. ވިޔަފާރިވެރިންނާ އެހީދޭ ފަރާތްތަކާއި ގުޅުން ބަދަހި ކުރުން ކަމަށެވެ. އަދި ޖަމިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.