އިންޑިއާ ސަރުކާރުން ރާއްޖޭގައި އުދުއްސާ ދެ ހެލިކޮޕްޓަރު ބެލެހެއްޓުމުގެ މަސައްކަތުގައި މިވަގުތު ތިބީ އިންޑިއާގެ 50 ސިފައިން ކަމަށް އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑައިރެކްޓާ އޮފް ކޯސްޓްގާޑް ލެފްޓިނެޓް މުހައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ އޮޕަރޭޝަންތަކާ ބެހޭގޮތުން މައުލޫމާތު ދޭން މިއަދު ކޯސްޓް ގާޑު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލީމް ވިދާޅުވީ، ހެލިކޮޕްޓަރު ބެލެހެއްޓުމަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ބަދަލުވާ އުސޫލަކަށް ކަމަށެވެ.
އެގޮތުން އިންޑިއާއިން ރާއްޖެ އަންނަށް ސިފައިންނަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ސިފައިންގެ އެހެން ބަޔަކު ހެލިކޮޕްޓަރު ބެލެހެއްޓުމަށް އަންނަ ކަމަށެވެ. އެ ޓާމްގެ މުއްދަތެއް ނުބުނެ އެވެ.
"އާއްމު ގޮތެއްގައި އަޅުގަނޑުމެން ފިގާ އެއްގެ ގޮތުގައި ގެންގުޅެނީ 50، އެކަމަކު މީގެ ތެރޭގައި އެކްޒެކްޓްލީ ބަލާއިރު ބައެއް ފަހަރު އެ އަދަދަށް ނުތިބެދާނެ އެއީ ބައެއް ފަހަރު މިގޮތަށް ބޮޑު ޓީމެއް އުޅޭއިރު ކޮންމެ ވެސް ވަރަކަށް މީހުން ގޮސް އައިސް ހިގާނެ" ސަލީމް ވިދާޅުވި އެވެ.
ރާއްޖޭގައި ބޭނުންކުރާ އިންޑިއާގެ ދެ ހެލިކޮޕްޓަރު ބަލަހައްޓަން ހެލިކޮޕްޓަރަކަށް ޓެކްނިކަލް 30 ސިފައިން ތިބޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
ސަލީމް މިއަދު ވިދާޅުވީ ދެ ހެލިކޮޕްޓަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ ހަމައެކަނި އިންޑިއާ ސިފައިން ނޫން ކަމަށާއި، ދެ ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ކަންކަމުގައި އެ ދެ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މީހުންވެސް ހަރަކާތްތެރިވާ ކަމަށެވެ.
ސަލީމް އިތުރަށް ވިދާޅުވީ، އިންޑިއާ ސަރުކާރުން މިހާރުވެސް ހެލިކޮޕްޓަރަށް ބޭނުންވާ ޕައިލެޓުން ތަމްރީނު ކުރުމުގެ ފުރުސަތު ހުށަހަޅާފައިވާ ކަމަށެވެ.