އެމްއެންޑީއެފް

މިއަހަރު އިންޑިއާގެ ރާޑަރުތައް ހަރުކޮށް ނިމޭނެ: އެމްއެންޑީއެފް

ރާއްޖޭގެ އިގްތިސޯދީ ސަރައްދު ބަލަހައްޓަން އިންޑިއާއިން ދީފައިވާ 10 ރާޑަރު ސިސްޓަމް މި އަހަރުގެ ތެރޭގައި ހަރުކޮށް ނިމޭނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އޮޕަރޭޝަންތަކާ ބެހޭގޮތުން މައުލޫމާތު ދޭން މިއަދު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޖާ އަހްމަދް މުޖުތަބާ ވިދާޅުވީ އެ 10 ރާޑަރުގެ ތެރެއިން ހަތަރު ރާޑަރު ސްޓޭޝަނެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަނެއް ހަ ރާޑަރުގެ މަސައްކަތް މި އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމަށާއި އެ ރާޑަރުތައް ކޯސްޓް ގާޑުގެ ކޮމާންޑް ސެންޓަރުތަކާ ގުޅާލައި މި އަހަރު ބޭނުން ކުރަން ފަށާނެ ކަަމަށެވެ.

"ރާޑަރު ޕްރެޖެކްޓްގެ 10 ސްޓޭޝަންގެ ތެރެއިން ހަތަރު ސްޓޭޝަނެއް މިހާރު ވަނީ ނިމަފައި. އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ މިއަހަރު މެދުތެރޭ އެހެން ސްޓޭޝަންތައް ކޮމާންޑް ސެންޓަރުތަކާ ގުޅާލެވޭނެ،" މުޖްތަބާ ވިދާޅުވި އެވެ.

މުޖްތަބާ ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރައްދަކީ ހާއްސަ ސަމާލުކަމެއްދީ ބަހައްޓަން ޖެހޭ ސަރައްދަކަށް ވުމުން މީގެ ކުރިން ރާއްޖޭގައި ބޭނުންކުރި ރާޑަރު ސިސްޓަމްތަކާ ހިލާފަށް އާ ރާޑަރު ސިސްޓަމްތަކުގައި ހިމެނޭ އިލެކްޓްރޯ އޮބްޓިކަލް ސެންސަސްގެ އެހީގައި ކޮމާންޑް ސެންޓަރުން ބަލައިލެވޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާޑަރު ސިސްޓަމްތައް ހަރުކޮށް ނިމުނު ކަމުގައިވިޔަސް މުޅި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު އެ ރާޑަރުތައް މެދުވެރިކޮށް ނުބެލެއްޓޭނެ ކަމަށާއި އެކަމަށް އެހެން ވަސީލަތްތައް ބޭނުންވާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކޯސްޓް ގާޑުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހެއިރު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ކޯސްޓް ގާޑުން އެންމެ އިސްކަން ދެނީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ހިގާ ކަނޑު ފޭރުމުގެ ހާދިސާތަކާއި އެހެނިހެން ގާވައިދާ ހިލާފު ކަންތަށް ހުއްޓުވަން ކަމަށެވެ.