ހަބަރު

މަޖިލީހުގައި އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ ބަޣާވާތްކޮށްފާނެ: ރައީސް

Mar 16, 2019
24

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ 2012 ވަނަ އަހަރު ކުރި ފަދަ ބަޣާވާތަކާ ދިމާލަށް މިސްރާބު ޖަހާފާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނ. ވެލިދޫއަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ކަމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަންވީ ސަރުކާރުގެ ވައުދުތައް ފުއްދާނެ ކެންޑިޑޭޓުން ކަމަށާއި ސަރުކާރުގެ ވައުދުތަކުގެ ތަފްސީލު އެޖެންޑާ 19 ގައި ހިމަނާފައިވާ ކަމަށެވެ. އެކަންކަން ހަގީގަތަކަށް ހެދުމަށް ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވާ ކަމަށާއި އެ ނުލިބިއްޖެ ނަމަ ސަރުކާރު ހުއްޓި ބޮޑު ބަޣާވާތަކާ ދިމާލަށް އަނެއްކާވެސް ގައުމު މިސްރާބު ޖަހާފާނެ ކަަމަށެވެ.

"އަޅުގަނޑުމެންނަށް ތިބޭފުޅުންކޮށްދެއްވަންވީ ކަމަކީ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ގާނޫނީ ބާރު ލިބޭނެ ގޮތް ހަދައިދިނުން، ރައްޔިތުން މަޖިލީހުގައި ތިބެން ޖެހޭ އެއަށް [އެޖެންޑާ 19އަށް] ތާއީދު ކުރާ، ގަބޫކު ކުރާ މެންބަރުން. އަދި އެކަމުގައި އަގުލަބިއްޔަތު އޮންނަން ޖެހޭ. އެހެން ނޫނީއާ ކުރިއެކޭ ވެސް އެއްގޮތަށް އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހޭނީ ސަރުކާރު ހުއްޓި، ވައުދުތައް ނުފުއްދި، އެންމެ ފަހުން ބޮޑު ބަޣާވާތަކާ ދިމާލަށް މިސްރާބު ޖެހުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ގޮތަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައި އޮތް ވެރިކަމަކަށް ދެވަނަ ފަހަަރަށް އެފަދަ ބަޣާވާތަކާ ކުރިމަތިލާން ޖެހުމަކީ ގައުމު އަނެއްކާވެސް އެތަށް އަހަރެއް ފަހަތަށް ދާނެ ކަމަކަށް ވާނެ ކަމަށެވެ. އެހެންކަމުން އެކަމާ ވިސްނުމަށް ފަހު ވައުދުތައް ފުއްދާނެ މެންބަރުން ހޮވަން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިރޭއަކީ މީގެ އެއް އަހަރު ކުރިންއެމަނިކުފާނު ޖުމްހޫރީ މައިދާނުގައި ހުއްޓާ ހައްޔަރު ކުރި ދުވަަސް ކަމަށެވެ. އޭރު ވެސް އަދި މިހާރު ވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެއް މަސައްކަތެއް ކަމަށާއި އެ މަސައްކަތް ވެރިކަން ލިބުމުން ނިންމާލެވޭކަށް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކޮރޮޕްޝަނާއި ހިޔާނާތް ގައުމުން ނައްތާލައި، ގައުމު ހަމަ މަގަށް އެޅުވުމަށް މަަޖިލިސް އިންތިހާބުގައި ވެސް ސަރުކާރުގެ މެންބަރުން ތިބުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.