ގައުމީ ފުޓްބޯޅް ޓީމް

ތިން ކުޅުންތެރިން ބާކީކޮށް ޒުވާން ސްކޮޑު ފައިނަލުކޮށްފި

އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނަށް އެކުލަވާލި ސްކޮޑުން ތިން ކުޅުންތެރިން ބާކީކޮށް، 23 ކުޅުންތެރިންގެ ސްކޮޑު ފައިނަލު ކޮށްފި އެވެ.

ދެ ހަފުތާގެ މުއްދަތަށް، ފިލިޕީންސްގައި ކުރިއަށް ގެންދިޔަ ސްކޮޑުގައި 27 ކުޅުންތެރިން ގައުމީ ކޯޗް ވަނީ ބައިވެރި ކޮށްފަ އެވެ. އެއީ ގްރީން ސްޓްރީޓްގެ ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފްވެސް ހިމަނައިގެންނެވެ. ކޮލިފިކޭޝަންގައި އެއްވެސް ސީނިއާ ކުޅުންތެރިޔަކަށް ނުކުޅެވެ އެވެ.

އެހެންނަމަވެސް، ފިލިޕީންސްގެ ޓްރެއިނިން ކޭމްޕުން، ގައުމީ ކޯޗް ލަބާން އަށް ފުރުސަތު ދިނީ، އޭނާ އަކީ ރާއްޖޭގެ ކުރިމަގު އޮތް ކީޕަރެއް ކަމަށް ބުނެ އޭނާއަށް ޓްރެއިނިންގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އޭނާ އާއެކު ޖުމުލަ ހަތަރު ކުޅުންތެރިން ވަނީ ބާކީ ކޮށްފަ އެވެ. އެހެންނަމަވެސް މުބާރާތުގައި ކުޅެވޭ އުމުރުފުރާގެ ލިސްޓުން އުނި ކުރީ ތިން ކުޅުންތެރިންނެވެ.

އެ ތިން ކުޅުންތެރިންނަކީ، އިސްމާއީލް ހަމްދޫން އާއި ޒަޔާން ނަސީރުގެ އިތުރުން އިބްރާހިމް އިސްމާއީލް އެވެ. އިބްރާހިމް އިސްމާއީލް ސްކޮޑުން ބާކީ ކުރީ އޭނާގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ 'މޯ' ބުނީ 27 ކުޅުންތެރިންގެ ސްކޮޑުން ބާކީ ކުރި ހަތަރު ކުޅުންތެރިން މާލެ އަންނަން މިއަދު ފިލިޕީންސުން ފުރާނެ ކަމަށެވެ. އަދި ކޮލިފިކޭޝަން ބާއްވާ ގައުމު ސައުދީ އަރަބިއްޔާއަށް މާދަމާ ގައުމީ ޓީމު ދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯ ބުންޏެވެ.

އޭނާ ބުނީ، ފިލިޕީންސްގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕުން ކުޅުންތެރިންގެ ފެންވަރު އިތުރުވެގެން ހިނގައްޖެ ކަމަށެވެ. މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ނިކުންނަނީ އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރުތަކެވެ. މުބާރާތް ބާއްވާ ގައުމު ސައުދީ އަރަބިއްޔާ އާއި ޔުނައިޓަޑް އަރަބި އެމިރޭޓްސްގެ އިތުރުން ލުބުނާން އެވެ.

ކޮލިފިކޭޝަން ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޒުވާން ޓީމު ވާދަ ކުރާނީ ސައުދީ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ ރާއްޖޭގަޑިން 10:25 ގަ އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ރާއްޖޭގަޑިން 7:25 ގައި ނިކުންނާނީ އެމިރޭޓްސް އާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި މި މަހު 26 ވަނަ ދުވަހު ނިކުންނާނީ ލުބުނާންއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އެރޭ ރާއްޖޭ ގަޑިން 7:25 ގަ އެވެ.

ކޮލިފިކޭޝަންގައި ރާއްޖޭގެ ފައިނަލު ސްކޮޑު

އަބްދުﷲ ޔާމީން، ނަޝާހް އަހްމަދު، އިބްރާހިމް އައިސަމް، އަލީ ހަމްދާން، އަލީ ޝަމާލް އަބްދުﷲ، އަލީ ސޮލާހް، އައްޒާމް އަބްދުﷲ، މުހައްމަދު ފަރުހާން، ހައިޝަމް ހަސަން، ހަސަން ނަޒީމް، ހުސައިން ޝަރީފް، އިބްރާހިމް އަތީގް ހަސަން،

މުހައްމަދު ޖައިލަމް، މުހައްމަދު ޝަހާއު، ނިޝާމް މުހައްމަދު ރަޝީދު، ރިހާމް އަބްދުލް ގަނީ، ޝައިފްﷲ އިބްރާހިމް، މަޖުދާން ސޯލިހް، ހަސަން ރާއިފް އަހްމަދު، މުހައްމަދު ސާދު ނިޒާރު، މުހައްމަދު ނިޔާޒު މުހައްމަދު ސިނާހް، އަލީ ނާޖިހް،