ހަބަރު

މިޔަރާއި މަޑި ހިމާޔަތް ކުރަން ވޯކްޝޮޕެއް ފަށައިފި

ބައިނަލްއަގުވާމީ ގޮތުން މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން 13 ގައުމަކާއެކު ބާއްވާ ރީޖަނަލް ވޯކްޝޮޕް މިއަދު ރާއްޖޭގައި ފަށައިފި އެވެ.

މި ވޯކްޝޮޕް އަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމަށްވާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓެރޭޑް އިން އެންޑެންޖާޑް ސްޕީސިސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ - ސައިޓީސް" ގެ 18 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީސް (ކޮޕް 18) އަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕް އެކެވެ.

ވޯކްޝޮޕް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު އެވެ.

"ޝާކް އެންޑް ރޭ ކޮންޒަވޭޝަން ވާކްޝޮޕް" ގެ ނަމުގައި ބާއްވާ މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގުވާމީ ގޮތުން މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމުގެ މުހިއްމުކަމާއި ފައިދާތަކަށް އަލިއަޅުވާލުމެވެ. އަދި، ސައިޓީސް ކޮޕް 18 ގައި ސައިޓީސް އެޕެންޑިކްސް ދޭކަށް މިދިރުންތަކުގެ އާ ބާވަތްތައް ހިމެނުމާއި، މިޔަރާއި މަޑީގެ ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ދިރުންތައް ހިމާޔަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބައިނަލްއަގުވާމީގޮތުން ބަލައިލާނެ ކަމަށް އެންވާރަމަންޓުން ބުނެ އެވެ.

ދެ ދުވަހަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ސައުތު އަދި އީސްޓް އޭޝިއާ ސަރަހައްދުގެ ގައުުމުތަކުން ބައިވެރިވެ އެވެ. އެއީ ބަންގްލަދޭޝް، ބޫޓާން، ކެމްބޯޑިއާ، އިންޑިއާ، ދިވެހިރާއްޖެ، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ.

މިޔަރާއި މަޑީގެ ބާވަތްތަކަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތަކެކެވެ. މީގެ އިތުރުން ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ގޮތުން ދިވެހިރާއްޖެއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.