މޯލްޑިވްސް ޕޮލިސް ސާވިސް

މިދިޔަ ހަފުތާގައި 53 އެކްސިޑެންޓް ހިނގި

މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މިދިއަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 53 އެކްސިޑެންޓް ހިނގި އިރު ގަވައިދާ ހިލާފު ވެގެން 42 ސައިކަލާއި ދެ ކާރެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ކޮންމެ ހަފުތާކު އާއްމުކުރާ މާލޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފުތާގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ 200 ވެހިކަލް ގަވައިދާ އެއްގޮތަށް ޕާކު ކުރަން ފުލުހުން އެންގި އެވެ.

ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި 53 އެކްސިޑެންޓް ހިނގި އެވެ. ސައިކަލް ދުއްވަމުން ފޯން ބޭނުންކުރި 51 ފަރާތަކަށް ފިޔަވަޅު އެޅި އެވެ. އަދި ޓްރެފިކް ބައްތީގެ ގާނޫނުތަކަށް ހިލާފުވި 40 ފަރާތަކާމެދު ވެސް ފިޔަވަޅު އެޅި އެވެ.

ހިސާބުތަކުގައިވާ ގޮތުން މިދިއަ ހަތް ދުވަހު ތެރޭ 934 ސައިކަލް ހުއްޓުވައި ބަލައި ފާސް ކުރި އެވެ. އަދި ލައިސަންސް ނެތި ސައިކަލް ދުއްވި 139 މީހަކާއި ލައިސަންސް އޮވެ، ލައިސަންސް ނުލައި ސައިކަލް ދުއްވި 77 ފަރާތަކަށް ފިޔަވަޅު އެޅި އެވެ. އަދި މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު ސައިކަލް ދުއްވި 18 ފަރާތަކަށް ވެސް ފިޔަވަޅު އެޅި އެވެ.

ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވައިގެންނާއި 18 އަހަރު ނުފުރެނީސް ސައިކަލް ދުއްވި ކުއްޖަކަށް ފިޔަވަޅު އެޅި ކަމަށް ވެސް ހިސާބުތަކުގައި ވެއެވެ.

އެ ތަފާސްހިސާބުތަކުގައި ވާގޮތުން ފާއިތުވި ހަފުތާގައި 232 އެއްގަމު އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހި އެވެ. އެއްކޮޅަށް ދުއްވާ މަގެއްގައި ގަވާއިދާ ހިލާފަ ދުއްވުމުގެ ސަބަބުން ހަތް މީހަކަށް ފިޔަވަޅު އަޅައި އަހަރީ ފީ ނުދައްކާ ދުއްވި 55 އުޅަނދެއްގެ މައްސަލާގައި ވެސް ފިޔަވަޅު އެޅި އެވެ.

ސައިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުލުކުރި ހަ މީހަކަށް ފުލުހުން ފިޔަވަޅު އެޅިއިރު ހުއްދަ ނަގާފައިވާ ޕާކިން ޒޯނެއްގައި ގަވާއިދާ ހިލާފަށް ޕާކު ކުރި 20 ފަރާތަކަށް ވެސް ފިޔަވަޅު އެޅި އެވެ.