ހަބަރު

އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު ރާއްޖެއަށް ވަޑައިގެންފި އެވެ.

އެކަމަނާ މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަމަނާއަށް މަރުހަބާ ދަންނަވާފައިވަނީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ.

ސުޝްމާ ސުވަރޭޖް ދެ ދުވަހަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ކެބިނެޓްގެ ބައެއް މިނިސްޓަރުންނާވެސް ބައްދަލު ކުރައްވާނެ އެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދުގައި މިހާރު އެކުލަވާލެވިފައިވާ އެއްބަސްވުންތަކާއި އަދި ކުރިއަށް އޮތްތަނުގައި އެކުލަވައިލާނެ އެއްބަސްވުންތަކާބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ އެވެ. ދެގައުމުގެ މެދުގައި ތަރައްގީގެ ރޮނގުގައި ގުޅިގެން މަސައްކަތްކުރުމާއި ސިއްހީ ދާއިރާއާ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުންވެސް ދެ ސަރުކާރުގެ މެދުގައި މަޝްވަރާކުރާނެ އެވެ.

"އަވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސުޝްމާ ސްވަރާޖް ރާއްޖެ ވަޑައިގެން ރަސްމިއްޔާތެއް ވެސް ބޭވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑުތަން ބަދަހިވެފަ އެވެ.