އެސްއެމްއީ ބޭންކް

އެސްއެމްއީ ކުންފުނި ފަށާނީ ހަތަރު ޕްރޮޑަކްޓްއަކާއެކު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ލޯނު ދޫކުރާ އެސްއެމްއީ ބޭންކް މާދަމާ ފަށާނީ ހަތަރު ޕްރޮޑަކްޓްއަކާ އެކުގައި ކަމަށް ބުނެފި އެވެ.

އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު އަވަސް އަށް މިއަދު ވިދާޅުވީ ކުންފުނީގެ ހިދުމަތް ފަށާނީ ރާއްޖޭގައި ބޭންކް އެއް ފެށޭނެ އަދަދު ކަމަށްވާ 150 މިލިއަން ރުފިޔާގެ ރައުސުލްމާލު އަކާއެކުގައި ކަމަށެވެ.

"ފުރަތަމަ ހަތަރު ޕްރޮޑަކްޓެއް ތައާރަފު ކުރާނެ. ޕްރޮޑަކްތަކުގެ މައުލޫމާތު މާދަމާ ހާމަކުރާނެ. މިއާއެކު މާދަމާ އިން ފެށިގެން އެޕްލިކޭޝަން ވެސް ދޫކުރަން ފަށާނެ. މާދަމާ ވެބްސައިޓްވެސް ލޯންޗު ކުރާނެ،" ޒީނާދު ވިދާޅުވި އެވެ.

އެސްއެމްއީ ފައިނޭންސިން ކޯޕަރޭޝަނަށް ތައާރަފު ވެގެން ދާނީ ނޮން ބޭންކިން ފައިނޭންޝަލް އިންސްޓިޓިއުޝަންގެ ގޮތުގަ އެވެ. އެއަށްފަހު އެ ކުންފުނިން ބޭންކެއް ހިންގުމުގެ ލައިސަންސް ހޯދަންޖެހެ އެވެ.

އެސްއެމްއީ ބޭންކްގެ ހިދުމަތަކީ ރައީސް ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގައި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވިޔަފާރީގެ ބައިގައި ހިމެނޭ ބައެކެވެ. އެސްއެމްއީ ފައިނޭންސިން ކޯޕަރޭޝަނަށް ކުންފުންޏަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ މާލެ އާއި އައްޑު އާއި ފުވައްމުލައް ހިމެނޭ ގޮތަށް އެއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް ޕަސެންޓް ގެ ހިއްސާއާއެކުގަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ބޭންކުން ލޯނު ދޫކުރާނީ ޕްރޮޕޯސަލް ހުށަހަޅުމުންނެވެ. އަދި މި ބޭންކް ހާއްސަވަނީ ކުދި ވިޔަފާރިތަކާ ރަހުމަތްތެރި ބޭންކްއަކަށް ކަމަށް ބުނެފައިވެ އެވެ. އެސްއެމްއީ ބޭންކް ހިންގާނީ ނޭޝަނަލް އާޓްގެލަރީ ކައިރީގައި ހުންނަ ހ. ސަކީނާ މަންޒިލް ތިންވަނަ ފްލޯގަ އެވެ.

ނިމިދިޔަ ސަރުކާރުން ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަ ލޯނު ޕްރޮގްރާމެއް ކުރިއަށް ގެންދިޔައެވެ. "ގެޓްސެޓް ލޯނު" ސްކީމްގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ދަށުން ދެ ބުރަށް ލޯނު ދޫކުރި އެވެ. ނަމަވެސް ކާމިޔާބުކަމާއެކު ފެށިފައިވަނީ މަދު ވިޔަފާރި އެކެވެ.