ހަބަރު

އިންޑިއާ، ރާއްޖެ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

Mar 17, 2019
2

އިންޑިއާ އާއި ރާއްޖެއާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.

މިއަދު ހަވީރު އިންޑިއާއާއެކު ރާއްޖެއިން ތިން އެއްބަސްވުމެއްވެފައިވާއިރު އެއީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ މީހުންގެ ވިސާ ފަސޭހަ ކުރުމުގެ އެއްބަސްވުމާއި ތަރައްގީ އާއި އިއާދަކުރަނިވި ހަކަތައިގެ އެއްބަސްވުމެކެވެ. ނަމަވެސް އެއްބަސްވުންތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ތިން އެއްބަސްވުން މިއަދު ދެ ސަރުކާރުން ބަދަލުކޮށްފައިވާއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެކަމާ ހިތްހަމަޖެހިވަޑައުގެން ހުންނެވިކަން ހާމަ ކުރައްވައި ޓްވީޓް ކުރައްވާފަ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ވަރަށް ފުޅާ ދާއިރާއެއްގައި ގިނަ ކަންތައްތަކާ ގުޅޭ ގޮތުން ސުޝްމާއެކު މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުގައި ވައުދުވީ ކަންކަން ހާސިލްވަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

މިއަދު ހަވީރު ދެ މިނިސްޓަރުންގެ ދެމެދު ރަސްމީ ބައްދަލުކުރެއްވުން ބާއްވާފައިވާއިރު ސަރުކާރުގެ އެހެން މިނިސްޓަރުންނާ ވެސް ސުޝްމާ ވަނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ވެސް ބައްދަލު ކުރެއްވި އެވެ.