ހަބަރު

އިންޑިއާއިން އައިޖީއެމްއެެޗް މަރާމާތުކޮށް ދެނީ

Mar 17, 2019
8

އިންޑިއާއިން އައިޖީއެމްއެޗް ހޮސްޕިޓަލްގެ އާބާތުރަފިލުވުމަށް މަޝްރޫއުއެއް ހިންގުމަށް ނިންމައި، އެކަން މިއަދު އިއުލާންކޮށްފި އެވެ. އައިޖީއެމްއެޗަކީ އިންޑިއާއިން ރާއްޖެއިން ދިން ހަދިޔާއެކެވެ.

ހޮސްޕިޓަލްގެ އާބާތުރަފިލުވުމުގެ މަޝްރޫއު ފައްޓަވާފައި ދެއްވާފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވާރެޖެވެ. އެކަމަނާ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު އައިޖީއެމްއެޗަށް ޒިޔާރަތް ކުރައްވައި އެ ތަން ވަނީ ބައްލަވާލައްވާފަ އެވެ.

މަޝްރޫއު މިއަދު ފަށާފައިވީ ނަމަވެސް އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ މަޝްރޫއަކީ އިންޑިއާއިން ދިވެހިންނަށް ދޭ ހަދިޔާއެއް ކަމަށެވެ.

ސުޝްމާގެ ދަތުރުގައި އިންޑިއާ އާއި ރާއްޖެއިން ވަނީ ތިން އެއްބަސްވުމެއްގައި ސޮއި ވެސް ކުރައްވާފަ އެވެ. އެއީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ މީހުންގެ ވިސާ ފަސޭހަ ކުރުމުގެ އެއްބަސްވުމާއި ތަރައްގީ އާއި އިއާދަކުރަނިވި ހަކަތައިގެ އެއްބަސްވުމެކެވެ. ނަމަވެސް އެއްބަސްވުންތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ތިން އެއްބަސްވުން މިއަދު ދެ ސަރުކާރުން ބަދަލުކޮށްފައިވާއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެކަމާ ހިތްހަމަޖެހިވަޑައުގެން ހުންނެވިކަން ހާމަ ކުރައްވައި ޓްވީޓް ކުރައްވާފަ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ވަރަށް ފުޅާ ދާއިރާއެއްގައި ގިނަ ކަންތައްތަކާ ގުޅޭ ގޮތުން ސުޝްމާއެކު މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުގައި ވައުދުވީ ކަންކަން ހާސިލްވަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

މިއަދު ހަވީރު ދެ މިނިސްޓަރުންގެ ދެމެދު ރަސްމީ ބައްދަލުކުރެއްވުން ބާއްވާފައިވާއިރު ސަރުކާރުގެ އެހެން މިނިސްޓަރުންނާ ވެސް ސުޝްމާ ވަނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ވެސް ބައްދަލު ކުރެއްވި އެވެ.