ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ބަލާއާފާތެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ދިވެހި ސަރުކާރަށް ބަލިން ރައްކާތެރިވުމުގައި އެހީ ފޯރުކޮށްދޭން ނިންމައިފި އެވެ. މި އެހީތެރިކަން ދޭން ނިންމީ ދިވެހި ސަރުކާރުން އެދިގެނެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސިއްހީ ދާއިރާގެ މާހިރުންނާއި ހިދުމަތްތެރިންނަށް އެހީ ފޯރުކޮށްދޭން އިންޑިއާގެ ސިއްހީ ދާއިރާގެ މާހިރުންގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށާއި ޓީމުގައި ޕަލްމޮނޮލޮގިސްޓުންނާއި، އެނެސްތެޓިސްޓުންނާއި، ފިޒިޝަނުން އަދި ލެބް-ޓެކްނީޝަނުން ވެސް ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ މުހިންމު ބޭސް ދިވެހި ސަރުކާރަށް ހަދިޔާ ކުރާނެ ކަމަށާއި މިފަދަ ބޭސްތަށް އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވީ ނަމަވެސް ދެ ގައުމުގެ މެދުގައިވާ ގާތް ގުޅުމުގެ ސަބަބުން އިންޑިއާ ސަރުކާރުން ރާއްޖެއަށް މި ބޭސްތަށް ފޯރުކޮށްދޭނެ ކަމަށެވެ.
އިންޑިއާއިން ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޗައިނާގެ ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އެގައުމުން ނެރެ އިންޑިއާގައި ކަރަންޓީން ކޮށް ރާއްޖެ ފޮނުވައިދީފަ އެވެ.
މި ބައްޔަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ.
އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.
އިއްޔެ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ. މި ތިން ރިސޯޓް ވެސް މިހާރު އޮތީ މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންއަކަށް ގެނެސްފަ އެވެ.
އިންޑިއާއިން ވެސް ކޮރޯނާ ވައިރަހުގެ ކޭސްތަކެއް ފެނިފަ އެވެ. އެގޮތުން ކެރެލާއިން ވަނީ ގިނަ ކޭސްތަކެއް ޕޮޒިޓިވްވެފަ އެވެ.