ސިއްހަތު

ކެންސަރު ފަރުވާއަށް އިންޑިއާއިން އެހީ ހޯދަނީ

Sep 16, 2019

ރާއްޖޭގައި ދޭ ކެންސަރު ފަރުވާއަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރީޖަނަލް ކެންސާ ސެންޓަރު (އާރުސީސީ) ގެ ފަންނީ އެހީތެރިކަން ހޯދަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ސެންޓަރުގެ އެހީ ދިވެހި ސަރުކާރުން ހޯދަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ޖޫން މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރު ކޮށްދިނުމަށް ސޮއި ކުރި އެއްބަސްވުމުގެ ދަށުންނެވެ.

"ބޭސް ފަރުވާއަށް އިންޑިއާއަށް އަންނަ ދިވެހިންގެ މެދުގައި އެންމެ މަގުބޫލީ ކެރެލާ. އެގޮތުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ރާއްޖޭގައި ދެވޭ ކެންސަރު ފަރުވާ އިތުރަށް ހަރުދަނާ ކުރުމަށް އާރުސީސީގެ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެފައިވަނީ،" އިންޑިއާގެ ހެލްތު ޑިޕާޓްމަންޓްގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުންޏެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، އާރުސީސީގެ ފަންނީ އެހީތެރި ކަމާއެކު ރާއްޖޭގައި ކެންސަރު ފަރުވާގެ ޕްރޮގްރާމްތައް އިތުރަށް ފުޅާ ކުރެވިގެން ދިޔުމަކީ އެ އެއްބަސްވުމުގެ މައިގަނޑު އަމާޒެވެ.

"... އޭގެ އިތުރުން ހެލްތު މިނިސްޓްރީ އާގުޅިގެން ރާއްޖޭގައި ކެންސަރަށް ފަރުވާދޭ ސެންޓަރުތަކެއް ގާއިމު ކުރުމަށް އާރުސީސީން އެހީވެދޭނެ،" އޭނާ ވިދާޅުވި އެވެ.

އެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުން އަދި ފާމަސިސްޓުންގެ އިތުރުން ލެބޯޓްރީގެ މުވައްޒަފުން އާރުސީސީގައި ތަމްރީނު ކުރާނެ އެވެ. އަދި ކެންސަރަށް ފަރުވާ ދިނުމުގައި ޒަމާނީ ވަސީލަތްތަކާއި ފަރުވާތަކަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގާނެ އެވެ.

"އެ އެއްބަސްވުމުގައި ހިމެނޭ މާއްދާއެއްގެ ދަށުން، ކުރު މުއްދަތުތަކަށް އާރުސީސީގެ ޑޮކްޓަރުންނާއި ނަރުހުން ރާއްޖޭގެ ކެންސަރު ސެންޓަރުތަކުގައި މަސައްކަތް ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އެންމެ ގާތް ގުޅުމެއް ބާއްވަމުން ގެންދަނީ އިންޑިއާއާ އެވެ. އެ ގޮތުން އެމަނިކުފާނު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޮޑުވަޒީރު މޯދީ ވަޑައިގެންނެވި އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެވެ.

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން ފަހުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަޑައިގެންނެވީ ރާއްޖެއަށެވެ. މޯދީގެ ރާއްޖެ ވަޑައިގަތުމުން ނިޝާން އިއްޒުއްދީންގެ ލަގަބު މޯދީއަށް ވަނީ އަރުވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މޯދީ ވަނީ ތަގުރީރު ކުރައްވައިފަ އެވެ.

އެ ދަތުރުފުޅުތަކުގައި ގިނަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއި ކުރި އެވެ. އޭގެ އިތުރުން، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރަން އިންޑިއާއިން ވަނީ 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމި އެވެ.