ރިޕޯޓް

ސުޝްމާގެ ކުއްލި ދަތުރުފުޅު: ކޮންކަހަލަ ފާލެއް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އަވަށްޓެރި އިންޑިއާ އާއެކު އޮންނަ ގުޅުން މެކުހަށް ޖަހާފައިވާކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ބަންދު ދުވަސްތައް ނުހިމަނާއި ސަރުކާރަށް 100 ދުވަސް ހަމަވާންދާއިރު، މީގެ ކުރިން އެކި ބަހަނާތަކުގައި ރާއްޖެއަށް ޒިޔާރަތް ނުކުރެއްވިގެން އުޅުއްވި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފުރަތަމަ ފަހަރަށް ދިވެހި ފަސްގަނޑަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން، ރައީސް ސޯލިހު ބޭރުގެ ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ މަންޒިލަކަށްވީ ވެސް އިންޑިއާ އެވެ. ފާއިތުވެ ފަސް ވަރަކަށް އަހަރުގެ ތެރޭގައި، އިންޑިއާ އާއެކު ޒަމާނުއްސުރެ އޮންނަ ގުޅުން ހީނަރުވެފައި ވަނިކޮށް ދެ ގައުމުގެ ލީޑަރުންގެ ދަތުރުފުޅުތަކުގެ އިތުރުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެކު އެހެން މިނިސްޓަރުން ވެސް އިންޑިއާއަށް ވަނީ އެކި ފަހަރު މަތިން ވަޑައިގެންފައި އެވެ.

އެ ހުރިހާ ދަތުރުފުޅުތަކެއްގެ މަންފާ މިހާރު ވެސް ވަނީ ކުރަން ފަށައިފަ އެވެ. އިންޑިއާއަށްދާ ދިވެހިންނަށް ވިސާގެ ލުއިތަކެއް ދީފި އެވެ. ކްރެޑިޓް ލައިނަކާއެކު 1.4 ބިލިއަން ޑޮލަރުގެ "ދީލަތި" ލޯނުގެ އެހީތަކެއް ވެސް ރާއްޖެއަށް ދީފި އެވެ. ރަހުމަތްތެރިކަން އާލާވެފައިވާ ދެ ގައުމުގެ އިސް ބޭފުޅުން ދެކޮޅަށް ދަތުރުތައް ކުރައްވަމުން ދަނިކޮށް، އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖު ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފައި "ސަރުކާރު އުފާ ކޮށްދީފައި" ފުރާ ވަޑައިގެންފަ އެވެ. ވަރަށް ކުއްލި ގޮތަކަށް ރޭވިގެން އައި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ވާހަކަ މީގެ ކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ވެސް ނުވެ އެވެ.

އިންޑިއާގެ އިންތިހާބާއި ދިމާކޮށް ސުޝްމާގެ ދަތުރުފުޅު

މި ދަނޑިވަޅަށް ބަލާއިރު، ސުޝްމާގެ ކުއްލި ދަތުރުފުޅުގެ ހަގީގީ މަގުސަދު އަދި ސާފުވާ ގޮތެއްނުވެ އެވެ. ދެ ގައުމުން ވެސް ބުނެފައިވާ ގޮތުގައި ސުޝްމާގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ އޭ އެވެ. ނަމަވެސް،

އެއީ އަބަދުވެސް ހާރިޖީ ބަސްމަގު ހުންނަ ގޮތެވެ. އިންޑިއާގެ އާންމު އިންތިހާބު ބޯމަތިވެފައި ވަނިކޮށް އެ ގައުމުގެ ހާރިޖީ ވަޒީރު ރާއްޖެ ފަދަ ކުޑަ ގައުމަކަށް ކުއްލި ގޮތަކަށް ވަޑައިގެންނެވުމަކީ ސުވާލު އުފެދޭ ކަމެކެވެ. އެ ދަތުރުފުޅާއި ގުޅިގެން، އިންޑިއާގެ ބައެއް މީޑިއާތަކުގައި، އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އިންތިހާބުތަކާއި ގުޅިގެން އަމަލު ކުރަންޖެހޭ ކަންތައްތަކާއި ހުރެ، އެ ދަތުރުފުޅު ކުރެއްވުމަށް ހަގީގަތުގައި ދަތިކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ ބުނެފައިވެ އެވެ.

ކަން މިހެން އޮތް އިރު، އެ ދަތިތަކާއެކު ވެސް ސުޝްމާގެ ވަޑައިގެން ކުރައްވާފައިވާ ކަންތައްތަކަށް ބަލާއިރު، އެ ސުވާލަށް މާބޮޑު އަލިމަގެއް ފެންނާކަށް ނެތެވެ. ދެ ގައުމުގެ ދެމެދުގައި ތިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ މީހުންގެ ވިސާ ފަސޭހަ ކުރުމުގެ އެއްބަސްވުމާއި ތަރައްގީ އާއި އިއާދަކުރަނިވި ހަކަތައިގެ އެއްބަސްވުމަކާއި، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކަށް އިންޑިއާއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެކެވެ.

މި ތިން އެއްބަސްވުމަށް ބަލާއިރު، އެއީ ރަމްޒީ ނިންމުންތަކެކޭ ބުނުމުގެ ފުރުސަތު އެބަ އޮތެވެ. ހާއްސަކޮށް ދަތުރުފުޅެއް ކުރައްވައިގެން ނިންމަންޖެހޭ ކަންތައްތަކެއް އެ އެއްބަސްވުންތަކަކުން ވެސް ތަފްސީލެއް ނުވި އެވެ.

ލޯނުތަކާއި ގުޅޭ މަޝްވަރާ

ދަތުރުފުޅުގެ އެންމެ ހާއްސަކަމަކަށް ފެނުނީ ދެ ގައުމުގެ މެދުގައި ބޭއްވިގެން ދިޔަ ޖޮއިންޓް މިނިސްޓީރިއަލް ބައްދަލުވުމެވެ. އެ ބައްދަލުވުމުގެ ރާއްޖޭގެ ހާޒިރީ ލިސްޓަށް ބަލާލާއިރު، ފަހަރުގައި އެއީ އިންޑިއާ އިން ދިން ލޯނުތަކުން ހިންގާނެ މަޝްރޫއުތައް ކަނޑައެޅުމުގެ މަޝްވަރާތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، އެއީ ހަގީގީ މަގުސަދު ނަމަ އެ މަޝްވަރާތަކަށް ސުޝްމާ ރާއްޖެ ވަޑައިގެންނެވުމަކީ އިތުރަށް ސުވާލު އުފެދޭ ކަމެކެވެ.

އިންތިހާބުގެ ނަތީޖާއިން އިންޑިއާގެ ސަރުކާރު ބަދަލުވެދާނެ ކަމުގެ ފުރުސަތު އޮތުމުން، އެ ލޯނުތައް އަވަސް ކުރަން މަސައްކަތް ކުރުމަކީ ގަބޫލު ކުރެވޭ ކަމެކެވެ. އެހެނަސް އާންމު އުސޫލުގެ ދަށުން މީހަކު ދޭން އެއްބަސްވި އެއްޗެއް ހޯދަން އުޅޭނީ އެ ލިބޭ މީހެކެވެ. އެ އުސޫލުން ބަލާނަމަ، އެ މަޝްވަރާތަކަށް ރާއްޖޭގެ ވަފުދެއް އިންޑިއާއަށް ދިޔަނަމަ އެ ގޮތަށް އެކަން ނިންމާލުމުގެ ފުރުސަތު އޮތީހެވެ.

ޖޮއިންޓް ސްޓޭމަންޓުން ވެސް މަގުސަދު ސާފެއްނުވި

ސުޝްމާގެ ދަތުރުފުޅާއި ގުޅިގެން ދެ ގައުމުގެ ފަރާތުން މިހާރު ވަނީ ޖޮއިންޓް ސްޓޭޓްމަންޓެއް އާންމުކޮށްފަ އެވެ. ނަމަވެސް، ދެ ތިން ކަމެއް ފިޔަވައި، އާ ވާހަކައެއް އެ 20 ނުކުތާގެ ދިގު ބަޔާނަކުން ފެންނާކަށް ނެތެވެ.

އެ ބަޔާނަށް ބަލާއިރު، އިންޑިއާގެ ހާރިޖީ ވަޒީރު ފޮނުވައިގެން އިންޑިއާ ސަރުކާރުން ހާސިލް ކުރަން ބޭނުންވި ކަމެއް ސާފެއް ނުވި އެވެ. ހުޅުމާލެއިން އިންޑިއާ އެމްބަސީ އަޅަން ބިމެއް ހޯދަން، ދެ ގައުމުގެ މިހާރުގެ ގުޅުމަށް ބަލާއިރު، ސުޝްމާ އިސްކޮށް ހުންނަވައިގެން ހައިލެވަލް ވަފުދެއް ރާއްޖެއަށް ޒިޔާރަތެއް ކުރަންޖެހޭނެ ކަމަށް ބެލޭނެ ޖާގައެއް ނެތެވެ.

ދެން އޮތީ އދ. ސެކިޔުރިޓީ ކައުންސިލުގެ ގޮނޑިއެއް ހޯދުމަށް އިންޑިއާއިން ކުރާ އުއްމީދެވެ. އެކަމަށް ރާއްޖޭގެ ތާއީދު ހޯދުމަކީ ފޯނު ކޯލަކުން ނިމޭނެ ކަމެއްކަން ކަށަވަރެވެ. އެހެން ކަމުން އެ ބަޔާނުގައި ރާއްޖޭން އިންޑިއާއަށް ކޮށްދޭނެ އިތުރުކަމެއް ނެތެވެ. ހައްތަހާވެސް ހުރީ ގުޅުން ބަދަހި ކުރާ ވާހަކަތަކާއި ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ ނުކުތާތަކެވެ.

އައިޖީއެމްއެޗް ޒިޔާރާތް، ކަޅި އާ އިމާރާތަށް

ސުޝްމާގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ އައިޖީއެމްއެޗަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި އިންޑިއާއިން އައިޖީއެމްއެޗްގެ އާބާތުރަފިލުވުމަށް މަޝްރޫއުއެއް ހިންގަން ނިންމައި، އެކަން ވަނީ ފައްޓަވައި ދެއްވައިފަ އެވެ. ޖޮއިންޓް ސްޓޭޓްމަންޓުގައި ވެސް އެވާހަކަ ވަނީ ހިމަނައިފަ އެވެ. އޭގެ އިތުރުން، ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް އިތުރު ވަސީލަތްތައް އިންޑިއާ އިން ފޯރުކޮށްދޭނެކަމުގެ ޔަގީކަން ސުޝްމާ އެރުވިކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އައިޖީއެމްއެޗަށް އެކަމަނާ ކުރެއްވި ޒިޔާރަތާއި، ޖޮއިންޓް މިނިސްޓީރިއަލް ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިންނެވުމުން ކޮންމެވެސް ވަރަކަށް މި ދަތުރުފުޅުގެ ހަގީގީ މަގުސަދުގެ މަލަމަތި ފެނެ އެވެ. އަދި ހާއްސަކޮށް ސިއްހީ ދާއިރާއަށް އެހީތެރިކަން އިތުރު ކުރުމުގެ މަޝްވަރާތައް ކުރެވުނު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މިދިޔަ އަހަރު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން، މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ހިންގުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުންދެ އެވެ. އެ ހޮސްޕިޓަލު ހިންގުން ބޭރުގެ ފަރާތަކާއި ހަވާލުކުރުމަށް އޭރު ނުނިންމި ނަމަވެސް، އެއީ ވެސް މަޝްވަރާ ކުރެވެމުންދާ ކަމެއްކަމަށް އަމީން އޭރު ވިދާޅުވެފައިވެ އެވެ. ނަމަވެސް، އެކަމުގެ އެއްވެސް މައުލޫމާތެއް މިފަހުން ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އިންޑިއާގެ ބަޔަކަށް އައިޖީއެމްއެޗްގެ އިތުރުން އައްޑޫގައި އަޅާ ހޮސްޕިޓަލު ދޭން އުޅޭ ކަމުގެ ތުހުމަތު އިދިކޮޅުން ވަނީ ކޮށްފަ އެވެ.

ސުޝްމާގެ މި ދަތުރުފުޅުގެ ހަގީގީ ބޭނުން ކުރިއަށް އޮތް ދުވަސްތަކުގައި ސާފު ވާނެކަމީ ޔަގީން ކަމެކެވެ. ނަމަވެސް، މިހާރު ވެސް ސާފުވާ އެއް ކަމެއް އެބަ އޮތެވެ. ސަރުކާރަށް އެހާ މުހިންމު އިންތިހާބެއް ބޯމަތިވެފައިވަނިކޮށް، ރަމްޒީ ދެ ތިން އެއްބަސްވުމެއްގައި ސޮއި ކުރައްވާކަށް އިންޑިއާ ކަހަލަ ބޮޑު ގައުމެއްގެ ހާރިޖީ ވަޒީރު ކުއްލި ގޮތަކަށް ރާއްޖެ ފަދަ ގައުމަކަށް ދަތުރުފުޅެއް ނުކުރައްވާނެ ކަމެވެ.