ލައިފްސްޓައިލް

ކުރިމަތިލާން ފަސްޖެހޭނެ ކަމެއް ނެތް!

މިއީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ކަންކަމާއި ކުރިމަތިލާން ހަމަ އެއް ގޮތަކަށް ވެސް ނުކެރެނީ އެވެ. ކަމެއް ދިމާވުމުން ފަސްޖެހިލެވެނީ އެވެ. އަބަދުވެސް ތިމަންނަ އަކީ އެކަމަކަށް އެންމެ ގާބިލު ނޫން މީހާ ކަމަށް ވިސްނެނީ އެވެ. މިއީ އަހަރުމެން ދިވެހިންނަށް އެކަނި ދިމާވާ ކަމެއް ނޫންވެ. ކުޅަދާނަ އެތްލީޓުންނާއި ލޯޔަރުން އަދި މޮޅެތި އާޓިސްޓުންނަށް ވެސް ދިމާވާ ކަމެކެވެ.

ވަޒީފާގެ މާހައުލުގައި ވަކިން ހާއަސްކޮށް މިކަން ދިމާވެ އެވެ. އާ ހިޔާލެއް އޮފީސް މާހައުލުގައި ހުށަހަޅަން ނުކެރިފައި ނުވަތަ މަތީ މަގާމެއް އިއުލާން ކޮށްފިއްޔާ އެއަށް ވެސް ކުރިމަތި ލާން ފަސްޖެހިފައި ހުރެ ވެއެވެ. އޮފީސް މާހާއުލު ނޫން އަމިއްލަ ޒާތީ ދިރިއުޅުމުގައި ވެސް ބައެއް މީހުންނަށް މިކަން ތަޖުރިބާ ކުރެ ވެއެވެ. މިގޮތުން ދުވެލަން ރޭހެއްގައި ބައިވެރިވުން، ބޭރު ގައުމަކަށް އެކަނި ޖައްސާލުން ނުވަތަ ވިޔަފާރިއަކަށް އިންވެސްޓްކުރުން ކަހަލަ ކަންކަން ހިމެނެ އެވެ.

އަބަދުވެސް އެހެން މީހުންނާއި ތިމާ އާއި އަޅާކިޔުމަކީ މިކަމުގެ ފެށުން ނުވަތަ އަސްލު ކަމުގައި ވެދާނެ އެވެ. އުމުރުން ވަކި ދުވަހެއްގައި ވަކި ކަމެއް ހާސިލްވެފައި ކަމަށް ހީވެފައި ވެސް އޮވެދާނެ އެވެ. މިގޮތުން އުމުރުން ވަކި ހިސާބަކަށް ދާއިރު ކައިވެންޔެއް ނުކޮށް ނުވަތަ ވަކި ވަރައްގެ މުސާރައެއް ނުލިބުން ނުވަތަ ގާތް ރަހުމަތްތެރިންތަކެއް ނެތުން މިހެން ގޮސް ލިސްޓު ހުސް ނުވާވަރަށް ނުވެ ހުރި ކަން ކަން ހިތުއަޅައިގެންނާއި އެހެން މީހުންނައި އަޅަ ކިޔާލެވެއެވެ.

ދިރިއުޅުމަކީ ހަނގުރާމައެކޭ ބުނާ އަޑު އަހަމެއް ނޫން ހެއްޔެވެ. ބައެއް ފަހަރު ކަންކަން މެދުވެރިވާ ގޮތުން ވެސް ކަންކަމާއި ފަސްޖެހެ އެވެ. އެހެން ނަމަވެސް ވިސްނަންވީ އަބަދުވެސް ކޮންމެ ކަމެއް ކުރުމުގައި ވެސް މިހާރު އެމީހަކަށް އާދެވިފައިވާ ހިސާބަށެވެ. މިގޮތުން މިސާލަކަށް ފަސް ކިލޯ މީޓަރުގެ ރޭހެއް ދުވަންޏާ ވިސްނަންވީ މިވަގުތު ދުވެވިފައިވާ ވަރަށެވެ. ކުރިއަށް އަދި ދުވަން އޮތްވަރާއި މެދު މާ ބޮޑަށް ވިސްނާނެ ކަމެއް ނެތެވެ.

ފަސްޖެހުމާއި ނުކުރުމުން އަރައިގަތުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އަމިއްލަ ނަފްސަށް އެހާ ބޮޑަށް ހަރުކަށި ނުވާންވީ އެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ކާމިޔާބީއެއް ހާސިލް ކުރެވިފައިވާ މީހެކެވެ. ނެގެޓިވް ހިޔާލުތައ މާ ގިނަ ވާނަމަ ކުރިން ލިބިފައިވާ ހުރި ކާމިޔާބީތަކާއި މެދު ފުންކޮށް ވިސްނާލަންވީ އެވެ.

އަމިއްލަ މީހާގެ އެންމެ ގާބިލު ކަމަކީ ކޮބައިތޯ ހޯދާށެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް އާދަޔާ ހިލާފު ކުޅަދާނަ ކަމެއް ހުންނާނެ މީހެކެވެ. އޭރުން ތިމަންނަ އާއި އެހެން މީހުންގެ ފަރަގާއި ތަފާތު އަމިއްލަ ނަފްސަށް އެނގޭނެ އެވެ. ކުރެވޭނެ ކަންކަމާއި ގާބިލު ކަންކަން އެނގޭނެ އެވެ.

ކަންކަން ކުރުމުގައި އަބަދުވެސް އެހެން މީހުން ރުހޭ ގޮތަށް ކަންކަން ކުރުމުން ތިމާގެ އަމިއްލަ ނަފްސް އެދޭ ގޮތަށް ކަންކަން ނުވެ އޮވެދާނެ އެވެ. އަދި ފަހުން މިކަމާއި ދެރަވެ ވަގުތުވެސް ބޭކާރު ވެދާނެ އެވެ. އުފާވެރި ކަމާއި ހިތްހަމަޖެހުން މި އަންނަނީ އަމިއްލަ ނަފްސަށް އިތުބާރުކޮށް ކަންކަން ކުރުމުން އޭގެ ނަތީޖާގެ ގޮތުގަ އެވެ.

ކަމެއް ކުރުމަށް ކަނޑައަޅާ ހިސާބުން ފެށިގެން ނަތީޖާއާ ހަމައަށް ވާސިލު ވުމަށް ވަރަށް ގިނަ ހުރަސް ތަކާއި ކުރިމަތިލާން ޖެހެ އެވެ. ނަމަވެސް އަބަދުވެސް އަމިއްލަ ނިންމުންތަކާއިގެން ކުރިއަށް ދާންވީ އެވެ. އަދި ދިމާވާ ހުރަސްތަކާއި ހެދިވެސް ފަސްނުޖެހި ސާބިތު ކަމާއެކު ކުރިއަށްދާންވީ އެވެ.

ކަން ކަން ހާސިލު ކުރުމަށް އަމިއްލަ ވަގުތު ނަގާށެވެ. ވަރަށް ގިނަ ފަހަރަށް ތިމާއާ އެއް އުމުރުގެ އެހެން މީހުންނާއި ތިމާއާއި އަބަދުވެސް އެއް ލެވެލްއެއްގަޔޭ ތިބެންޖެހެނީ ހީވެދާނެ އެވެ.

މާސްޓާސް ކޯހެއް ހެދުމަށް ބޭނުންވަނީ އެކްސްޕީރިއަންސް ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން އަބަދުވެސް ވިސްނަންވީ މިވަތުގު ހިތްހަމަޖެހޭ ހިސާބެއްގައި ހުރެއްޖެނަމަ އެ ނިމުނީ ކަމުގައެވެ. އަދި ބޮޑެތި ކަންކަން ހާސިލު ކުރުމަށް ގިނަވަގުތު ނަގާނެކަމެވެ.

ފަހުކަމެއްގެ ގޮތުގައި މިއޮތީ އަބަދުވެސް ޕޮޒިޓިވް މީހުންނާއެކު ވަގުތު ހޭދަކުރަންވީ އެވެ. ހިޔާލެއް ދިނަސް ކުރަން އުޅޭ ކަމެއްގެ ވާހަކައެއް ބުންޏަސް އަބަދުވެސް ނެގެޓިވްކޮށް ވިސްނާ އަދި ނުވާނެ ކަމުގެ 100 ސަބަބު ދައްކާ މީހުންނާއި ދުރުވާށެވެ. މީގެ ބަދަލުގައި އަބަދުވެސް މީހާ މޯޓިވޭޓް ކޮށްދީ އިންސްޕަޔާ ކޮށްދޭ ބަޔަކާއެކު ވަގުތު ހޭދަ ކުރާނަމަ މީހާއަށް ކަންކަމާއި ކުރިމަތިލުމަށް ކެރުމުގެ އިތުރުން އުފާވެރިކަން ގެނެސްދޭނެ އެވެ. އަބަދުވެސް ފެންނަ ހިސާބުގައި އެންމެ އިންސްޕަޔާ ވާ ނުވަތަ ހިއްވަރު ދޭ ކޯޓްތަށް ހިމެނޭ ލިސްޓެއް ވެސް ބާއްވަންވީ އެވެ.


އަދި އެންމެ މުހިއްމުކަމެއް ދޭންވީ އަމިއްލަ ނަފްސަށް އިތުބާރުކޮށް އަމިއްލަ މީހާއާއި މެދު މާ ބޮޑަށް ހަރުކަށިވުމުން އެއްކިބާވުމަށެވެ. ދިރިއުޅުމުގައި އާ ކަންކަމާއި ކުރިމަތިލުމަށް ފަސްޖެހުމުގެ ބަދަލުގައި ހާސިލްކުރަން ބޭނުންވާ ކަންކަން ގޯލްތަކެއްގެ ގޮތުގައި ލިޔެގެން އެކަންކަން ހާސިލުކުރުމަށް މަސައްކަތްކުރުމުން ކާމިޔާބު ވާނެއެވެ.