ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެސްއެމްއީ ލޯނު ހާއްސަ ވާނީ އަންހެނުންނާއި ޒުވާނުންނަށް

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ލޯނު ދޫކުރުމަށް ރާއްޖޭގައި ފުރަތަމަ ހުޅުވި ބޭންކް، އެސްއެމްއީ ބޭންކުން ލޯނު ދިނުމުގައި ބޮޑު ބައެއް އަންހެނުންނާއި ޒުވާނުންނަށް ހާއްސަ ކޮށްފައިވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާޓް ގެލެރީގައި އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮފީސް ހުޅުއްވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވީ، ގެވެހި އަންހެނުން މިހާރު ވެސް ތިބީ އެ މީހުންގެ ހުނަރު ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތިފައި ކަމަށެވެ. ރައީސް ވިދާޅުވީ އެސްއެމްއީ ބޭންކުގެ ހިދުމަތާއެކު ދިވެހި އަންހެނުންހެ ހުނަރުވެެރި އުފެއްދުންތަކުން ގައުމުގެ އިގްތިސާދަށް އިންގިލާބީ ބަދަލު ތަކެއް އަންނާނެ ކަމަށެވެ. އެހެންކަމުން އެސްއެމްއީ ލޯނުގެ ވަކި ބައެއް ހާއްސަ ކުރަނީ އަންހެނުންނަށް ކަމަށް ވިދާޅުވި އެވެ.

"ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން ގައުމީ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ހަމަ އެފަދައިން ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުނަށް ވަރަށް ބޮޑު އެހީ އަކަސް ވާނެ މިސަބަބަށްޓަކާ އެސްއެމްއީ ލޯނުގެ ވަކި ބައެއް އަޅުގަނޑުމެން ހާއްސަ ކޮށްފައިވަނީ އަންހެނުންނަށް" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމަކީ އަންހެނުންގެ ހިއްސާ ވަރަށް ބޮޑަށް އެކުލެވޭ ސިނާއަތެއް ކަމަށެވެ. ރައީސް ވިދާޅުވީ އެސްއެމްއީ ބޭންކުން ދަނޑުވެރިކަން ކުރިއެރުވުމަށް ދޫކުރާ ލޯނާއެކު ދަނޑުވެރިކަމުގެ ސިނާއަތް މިހާރަށް ވުރެ ތަރައްގީވެ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ. ދަނޑުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އުފެއްދުންތެރިކަމަށް މުހިންމު ސިނާއަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެސްއެމްއީ ބޭންކުގެ ހިދުމަތްތަކާއ ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެސްއެމްއީ ލޯނުގެ ދަށުން ލޯނު ނަގާ ފަރާތްތަށް ހަމައެކަނި ލޯނު ދިނުމަށް ފަހު ދޫކޮށްނުލާނެ ކަމަށެވެ. އެ މީހުންގެ ވިޔަފާރި ކުރިއަރުވާނީ ރަށު ކައުންސިލްތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްގައި ތަމްރީނު ލިބިފައިވާ އިކޮނޮމިސްޓް އޮފިސަރުން ބޭއްތިއްބުމުގެ މަސައްކަތް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް ޙާއްސަ ކޮށްގެން ބޭންކެއް އުފެއްދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ތެރޭގައި ހިމެނުނު ވައުދެކެވެ.

އެސްއެމްއީ ބޭންކް ވަނީ ލޯނުގެ ހަތަރު ޕްރޮޑަކްޓެއް އިއުލާނުކޮށްފަ އެވެ. މި ލޯނު ދެނީ 75،000ރ. އާއި ފަސް މިލިއަން ރުފިޔާދެމެދުގަ އެވެ. އަދި މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު ހަ ޕަސެންޓާއި 9.5 ޕަސެންޓެވެ.