ހަބަރު

ތުހުމަތުތައް ކުރުމުން މުގުނީއަށް ތާއީދު ނުކުރަން އެމްޑީޕީ ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓް، އަބްދުލް މުގުނީއަށް ތާއީދު ނުކުރަން އެމްޑީޕީއިން ނިންމައިފި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި މުގުނީ ވާދަ ކުރައްވާއިރު އޭނާގެ ކުރީގެ އަންހެނުން މީގެ ދުވަސްތަކެއް ކުރިން ޓްވިޓާގައި ވަނީ މުގުނީއަކީ ގެވެށި އަނިޔާ ކުރާ މީހެއް ކަމަށް ބުނެފަ އެވެ. އަދި ދެ މީހުންގެ ކައިވެނި ރޫޅުނީ އެ ސަބަބާ ހުރެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އެ ތުހުމަތުތައް ކޮށް އެފަދަ މީހަކު މަޖިލީހަށް ވާދަ ކުރާތީ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.

އޭގެ ފަހުން އިއްޔެ ޓްވިޓާގައި އިތުރަށް އެ މައްސަލަ ބަހުސަކަށްވެފައި ވެއެވެ. އަދި މުގުނީގެ ކުރީގެ އަންހެނުންގެ ރައްޓެއްސަކު ވަނީ މުގުނީ ގެވެށި އަނިޔާ ކުރި ކަމަށް ބާރު ލިބޭ ވާހަކަތަކެއް ވެސް ހިއްސާކޮށްފަ އެވެ.

އެގޮތުން އަންހެނުންގެ ގައިގާ ތަޅައިނިކޮށް އޭނާއަށް ފެނިފައިވާ ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހެޅި ކަމަށް ވެސް އޭނާ ޓްވިޓާގައި ބުނެފައިވެ އެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ މަގުނީއަށް އެމްޑީޕީއިން މީގެ ފަހުން ތާއީދު ނުކުރާނެ ކަމަށެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި އެހެން ބޭފުޅަކު ވެސް މުގުނީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވެސް ބުންޏެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް މުގުނީއަށް ކުރެވޭ ތުހުމަތުތަކަކީ އެ ޕާޓީގެ އަސާސްތަކާ ހިލާފު ތުހުމަތުތަކެއް ކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށެވެ. އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ތުހުމަތެއް ކުރެވުނަސް އެކަމަކަށް އެ ޕާޓީއިން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުގުނީގެ އިތުރުން އެ ދާއިރާއަށް މިހާރު ވެސް ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ވާދަ ކުރައްވަ އެވެ. އޭނާ ވާދަ ކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު އެވެ.