ވިޔަފާރި

އިންޑިޔާއިން ހިލަވެލި މިހާރުވެސް ލިބޭ: ކުންފުނިތައް

Mar 18, 2019
2

އިންޑިޔާއިން ހިލަ އާއި ހިލަވެލި އެތެރެ ކުރަން ރާއްޖެއަށް ހުއްދަ ދޭން ނިންމި ކަމަށް އިންޑިއާއިން ބުނިނަމަވެސް، މިހާރު ވެސް އެ ބާވަތްތައް އިންޑިއާއިން ރާއްޖެ ބަރާބަރަށް ގެންނަ ކަމަށް ބޮޑެތި ބައެއް ކުންފުނިތަކުން ބުނެފި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ހިލަ އާއި ހިލަވެލި އެތެރެކުރާ ނަލަހިޔާ ކުންފުނިން ވާހަކަ ދެއްކި އޮފިޝަލަކު މިއަދު ވިދާޅުވީ އިންޑިއާއިން ހިލަ އާއި ހިލަވެލި ގެނައުމުގައި އެއްވެސް ދަތިތަކެއް އުޅޭކަން އެނގިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ރަނގަޅު ސްޓޮކެއް މިހާރު ވެސް އެބަހުރި. އެއްވެސް ތާށި ކަމެއް ނޫޅޭ. ބަރާބަރަށް މިހާރުވެސް ލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.

ބޮޑު އެހެން ކުންފުންޏެއްގެ އޮފިޝަލަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ ރާއްޖެއަށް ހިލަ ގެންނަން ބައެއް ދުވަސްވަރު އިންޑިއާ އިން ތާށިކޮށްލާ ކަަމަށާއި ނަމަވެސް މިހާރު ބަރާބަރަށް ހިލަ އާއި ހިލަވެލި ގެނެވޭ ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖް މިހާރު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން ދެ ގައުމު ގުޅިގެން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައިވާ ގޮތުން ސަރުކާރުގެ އެދުމުގެ މަތިން އަންނަ އެޕްރީމް މަހުގެ އެކަކުން ފެށިގެން، ހިލަ އާއި ހިލަވެލި ހިމެނޭ ގޮތުން އަސާސީ ކާބޯތަކެތި ރާއްޖެއަށް ބޭރު ކުރުމުގެ ކޯޓާ ވެސް ތިން އަހަރު ދުވަހުގެ މުއްދަތަކަށް އިތުރު ކޮށް ދޭނެ އެވެ.

އެ ސްޓޭޓްމަންޓްގައި ބުނަނީ އެތަކެތީގެ ކޯޓާ ތިން އަހަރުގެ މުއްދަތަކަށް އިތުރުކޮށް ދޭން އިންޑިއާ އިން ނިންމީ ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރުކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި އިންޑިއާގެ އިންވެސްޓްމަންޓްތަކަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން، ރާއްޖެ-އިންޑިއާ ބިޒްނަސް ފޯރަމްއެއް މި އަހަރުގެ ތެރޭގައި ބޭއްވުމަށް ވެސް ވަނީ މި ދަތުރުގައި އެއްބަސްވެފަ އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ގައުމީ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި) ގެ ނައިބު ރައީސް އަދުނާން ހަލީމް ވިދާޅުވީ ހިލަ އާއި ހިލަވެލި ގެނައުމުގައި ބައެއް ދުވަސްތަކުގައި ތާށިވެފައި އެބަހުރި ކަމަށެވެ.

"އިންޑިއާ އިން އާއްމު ގޮތެއްގައި ހިލަ މި ގެންނަނީ ޓުޓިކޮރިންއިން. ހިލަ ގެނައުމުގައި އާއްމުކޮށް މި ދިމާވަނީ ދަނޑުވެރިންގެ މައްސަލަތަކާއި ތިމާވެށި ހިމާޔަތް ކުރާ މީހުންގެ މައްސަލަ. އެހެންވެ ހުއްޓިފައި އެބަހުރި،" އަދުނާން ވިދާޅުވި އެވެ.

އެމްއެންއޭސީއައި އިން ދާދިފަހުން ވަނީ ހިލަ ގެނައުމުގެ މައްސަލާގައި އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ވެސް ބައްދަލު ކޮށްފަ އެވެ.

އަދުނާން ވިދާޅުވީ އެހެން ގައުމުތަކުން ގެނައުމަށްވުރެ އިންޑިއާ އިން ހިލަ ގެނައުމުން އަގު ހެޔޮވާ ކަމަށެވެ.

"މީގައި ކުޑަ ވެގެންދޭ ފްލައިޓް ކޮސްޓް. އަނެއްކާ މީގައި އޮވޭ އަނެއް ކޮޅުވެސް. މި ގެންނަނީ ކުޑަ ބޯޓު ފަހަރުގައި މަދުން. އެއްފަހަރު ގެނެސްފަ އަނެއްކާ ބަލައި ދާއިރު އޮންނާނީ ސްޓޮކް މަދުވެފަ. މީގެ ހައްލަކީ ގިނައިން ގެނެސް ސްޓޮކް ކޮށްގެން ވިއްކޭނެ ގޮތެއް ހެދުން. އެކަމަށް އަޅުގަނޑުމެން ކުރިން ވެސް މަސައްކަތް ކުރިން. ހިލަ އާއި ހިލަވެލި ގެންނަ ކުންފުނިތަކަށް ކުޑަ އަގެއްގައި ބިންކޮޅެއް ދީގެން އެކަން ކުރެވިދާނެ،" އަދުނާން ވިދާޅުވި އެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ރާއްޖޭގައި އިމާރާތް ކުރުމުގެ ގިނަ މަސައްކަތް ތަކެއް ފެށިގެން ދިޔައިރު، ހިލަ އާއި ހިލަވެލި ބޭނުންވާ އަދަދު އިތުރުވުމުގެ ސަބަބުން، ސިންގަޕޫރު ކުންފުންޏަކުން ހިލަ ގެނެސް ވިއްކާފައިވެ އެވެ. އެގޮތުން ބޮޑެތި ބާޖުގައި ބަލްކްކޮށް ހިލައާއި ވެލި ގެނައުމުން ބޮޑުތަނުން އަގު ހެޔޮވެގެންދާ ކަމަށް ކުންފުނިތަކުން ބުނެފައިވެ އެވެ.