ހަބަރު

ސުޝްމާ ރާއްޖެއިން ފުރާވަޑައިގެންފި

Mar 18, 2019

ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ފުރާވަޑައިގެންފި އެވެ.

އެއާޕޯޓުން ސުޝްމާއަށް އަލްވަދާއު ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ދަތުރުގެ އެންމެ ފަހު ބައްދަލުވުމުގެ ގޮތުގައި އެކަމަނާ މިއަދު މެންދުރުފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވި އެވެ. ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހާއި ސުޝްމާ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އިއްޔެ ސުޝްމާ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ބައްދަލު ކުރައްވާފަ އެވެ. އަދި މިއަދު ހެނދުނު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ބައްދަލު ކުރެއްވި އެވެ.

އިއްޔެ ސުޝްމާ ވަނީ އައިޖީއެމްއެޗަށް ޒިޔާރަތްކުރައްވައި އެތަން އާބާތުރަފިލުވުމުގެ މަޝްރޫއު ވެސް ފައްޓަވައިދެއްވާފަ އެވެ. އޭގެ އިތުރުން ދަތުރުގައި ދެ ގައުމުގެ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެއީ އެއީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ މީހުންގެ ވިސާ ފަސޭހަ ކުރުމުގެ އެއްބަސްވުމާއި ތަރައްގީ އާއި އިއާދަކުރަނިވި ހަކަތައިގެ އެއްބަސްވުމެކެވެ.