ފެނާއި ނަރުދަމާގެ ނިޒާމް

11 ރަށެއްގެ ފެނާއި ނަރުދަމާގެ އަޅައިދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގެ 11 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.

ފިނޭންސްގެ އެ އިއުލާނުގައި ބުނެފައި ވަނީ ފެނާއި ނަރުދަމާގެ ގާއިމް ކުރުމުގެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ)ގެ އުސޫލުން ކަމަށެވެ.

މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭނެ ޝަރުތުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން ދައްކަން ޖެހޭ ބިޑް ސެކިއުރެޓީ ރުފިޔާ އާއި ޑޮލަރުން ވެސް ދެއްކެ އެވެ. ބިޑް ސެކިއުރެޓީގެ މުއްދަތަކީ މިއަދުން ފެށިގެން 148 ދުވަހެވެ. އެކި ރަށަށް ބިޑު ސެކިއުރިޓީ ކަނޑައަޅާފައިވަނީ އެކި ވަރަށެވެ.

މި 11 ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތަށް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ އަންނަ އެޕްރީލް މަހުގެ އަށް ވަނަ ދުވަހުގެ ހެދުނު 10:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގަ އެވެ. ބީލަމުގައި ބައިވެރިވުމަށް 1,500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ.

ފެނާއި ނަރުދަމާ ގާއިމު ކުރާ 11 ރަށް

ފެނާއި ނަރުދަމާ ގާއިމު ކުރާ 11 ރަށަކީ ހއ. ފިއްލަދޫ އާއި ހދ. ފިނޭ އާއި ހދ. ނައިވަދޫ އާއި ށ. ނަރޫދޫ އާއި ށ. މާއުނގޫދޫ އާއި ނ. ޅޮއްސާއި ނ. ހޮޅުދޫ އާއި ރ. އިނގުރައިދޫ އާއި ފ. މަގޫދޫ އާއި ލ. މާވަށާއި ކ. ގުޅި އެވެ.