ލޮލަކީ ވަރަށް ނާޒުކު އެއްޗެއްކެވެ. ކުޑަ އިރުކޮޅަކަށް ބޭރަށް ނިކުތަސް ގެއިން ބޭރަށް ނުކުންނަންވީ އަވިއައިނު ހިފައިގެނެވެ. ގިނައިން އަވި އެޅުމުން އަދި އަވިގަނޑަށް ބެލުމުން ލޮލަށް ގެއްލުންވާނެ އެކި އެކި ގޮތްތައް މެދުވެރިވެއެވެ. ބައެއް ފަހަރަށް މާ ބޮޑު އުނދަގުލެއް ނުވިޔަސް އަވީގެ ސަބަބުން ލޮލަށް ބޮޑު ގެއްލުމެއް ލިބި ދާނެ އެވެ.
ލޮލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ އެއްކަމީ ކޮލިޓީ ރަނގަޅު ނުވަތަ ފެންވަރު ހުރި އަވި އައިނެއް އެޅުމެވެ. އަވިއައިނެއް ގަންނަ އިރު 100 ޕަސެންޓް ޔޫވީއޭ އަދި ޔޫވީބީ ޕްރޮޓެކްޝަން ހުންނަ އެއްޗެއް ހޯދުމުން އިރުގެ އަލްޓްރާ ވައިލަޓްރޭސް ނުތަ އިރުގެ ގާމާ ދޯދި ތަކުން ލޯ ސަލާމަތް ކޮށްދޭނެ އެވެ. އަދި ޕޮލަރައިޒްޑް އައިނެއް ވެއްޖިއްޔާ ލޮލާ ދިމާއަށް އަންނަ ދަޅަ މަދުކޮށްދެ އެވެ.
އަވި އައިނުގެ މި ފައިދާތަކުގެ އިތުރުން އަވިއައިނު އެޅުމަކީ ފެޝަނުގެ އެއް ބައެވެ. އަޅައި އައިނުގެ ފޭޑި ނުވަތަ ބައްޓަމައި ވައްޓަފާޅި މީހާގެ މޫނާއި އަދި ލާ ހެދުމާ ގުޅުވައިލެވިއްޖެޔާ އެއީ ދެން ހުރިހާ މޮޅެއްވީ އެވެ. އަވިއައިނުގެ ޓްރެންޑްތަކަށް ބަލާއިރު ފަހަކަށް އައިސް މި ސްޓައިލްތައް މިއީ ފާހަގަކޮށްލެވޭ ސްޓައިލްތަކެވެ.
ވަށް ލޯކޮޅުލީ އަވި އައިނު
ވަށްލޯކޮޅު ލީ އަވިއައިނަކީ ވަރަށް ރޮކްސްޓާ ލުކެކެވެ. މަޝްހޫރު ރޮކްސްޓާ ކާޓް ކޮބެއިންގެ އިތުރުން ޖޯން ލެނަންގެ ވެސް ސްޓައިލެކެވެ. ވަށްލޯކޮޅުލީ އައިނުގެ ވެސް މިހާރު މި ހިގަނީ ބޮޑަށް މެޓަލިކް ސްޓައިލެވެ. މިކަހަލަ އައިނަކަށް އިންވެސްޓް ކުރުމުގެ ކުރިން ބަލަންވީ މޫނާއި އައިނާ ގުޅޭތޯ އެވެ. ވަށްލޯކޮޅާއި ބޮޑަށް މި ގުޅެނީ ހަތަރަސްކަން ޝޭޕަށް މޫނު ހުންނަ މީހުންނާއި ނޫނީ އޯވަލް ޝޭޕެއްގައި މޫނު ހުންނަ މީހުންނާ އެވެ.
މި އައިނު ބޮޑަށް ގުޅެނީ ވަރަށް ކެޝުއަލްކޮށް ހެދުން ބަހައްޓާއިރު އެވެ. މިގޮތުން އާއްމުކޮށް ލައި ޓީޝާޓައި އަދި އަންހެނެއް ނަމަ ބޮހީމިއަން ސްޓައިލަށް ހުންނަ ކެޝުއަލް ހެދުމާއި އެއްކޮށް ވަށް ލޯ ކޮޅު ލީ އައިނެއް އެޅުމުން ވަރަށް "ރިލޭކްސްޑް ލުކެއް" މިހާއެއް ގެނެސް ދެއެވެ. ޓްރައިކޮށްލާށެވެ.
ކެޓް އައި އައިނު
މިއީ ފަންސާހުގެ އަހަރުތަކުން ފެށިގެން ދުވަހަކުވެސް ބަދަލެއް ނާންނަ އަބަދުވެސް ފެޝަންގެ ތެރޭގައި ބާ ނުވެ އޮންނަ ސްޓައިލެކެވެ. މި ސްޓައިލްގެ އައިނު ހުންނަނީ ލޯކޮޅު މައްޗަށް ހުންނަ ކަހަލަ ކަޓެކެވެ. ގިނަ ހެދުމާއި ގުޅުވާލެވޭ މި ވައްތަރުގެ އައިނެއް ކޮންމެހެން ވެސް އޮންނަން ޖެހެނީ މިއީ ކޮންމެ ސްޓައިލަކަށް ހެދުން އެޅިޔަސް އެ ހެދުމަކާއި ގުޅޭ އައިނެއް ކަމުގައިވާތީ އެވެ.
އޮފީހަށްދާ ޕްރޮފެޝަނަލް ލުކާއި ކެޝުއަލް ލުކްގެ އިތުރުން ރޮކްސްޓާ ލުކަށްވެސް މި އައިނު ކަމުދެ އެވެ.
ވަށް މޫނު ލީ މީހުންނާއި ބޮޑަށް ގުޅޭނީ އޭންގިއުލާ ލައިންސް ހުންނަ ކެޓް އައި އައިނާ އެވެ. ބޮޑަށް މައްޗަށް ކާވް ވާގޮތަށް ހުންނަ ފްރޭމް އަދި ފުޅާކޮށް ހުންނަ ފްރޭމްތައް ވަށް މޫނާއި ގުޅޭއިރު ކެޓް އައިގެ ތުނި މާ ގޮތް ބޮޑު ނޫން ކެޓް އައި ގުޅޭނެ އެވެ. މީގެ އައިނެއް އަޅައިލުމަކީ މީހާއަށް އިންސްޓަގްރާމް ސެލްފީއެއް ނެގުމަށް ކޮންމެހެން ވެސް މެދުވެރިވާ ސަބަބެކެވެ.
މާ ފުޅާ ނޫން ހިމަ ފްރޭމްގެ އަވިއައިނު
މި އަހަރު ސްލެބްރިޓީންގެ މެދުގައި އެންމެ މަގުބޫލު ވެގެން މި އުޅެނީ ކުދި ހިމަ ކޮށް ހުންނަ ފްރޭމެއްގައި ހުންނަ އަވިއައިނެކެވެ. ލުއި ވުޓޯން ޕްރާޑާ ކަހަލަ ބޮޑު ބްރޭންޑްތަކުން ފެށިގެން މޭންގޯ އަސޯސް ކަހަލަ އާދައިގެ ބްރޭންޑްތަކުގެ ވެސް މި ކަހަލަ އައިނު މިދަނީ މަގުބޫލު ވެގެންނެވެ.
މި ކަހަލަ އައިނު އާއްމުވެގެން މިއުޅެނީ މެޓްރިކްސް ސްޓައިލް ގޮތުގަ އެވެ. އެކި އެކި ޝޭޕަށް ހަދާފައިވާ އިރު މީގެ ކެޓްއައި ޝޭޕު އިންސްޓަގްރާމެ ފެޝަނިސްޓާއިންގެ މެދުގައި ވަރަށް މަގުބޫލެވެ. އޯވަލް މޫނު ލާފައި ހުންނަ މީހުންނާއި މީގެ ކެޓް އައި ސްޓައިލް ގުޅޭއިރު ހަތަރެސްކަން މޫނު ލީ މީހުންނާއި ގުޅޭނީ ކުޑަކޮށް އޮވާލް ކޮށް ހުންނަ ކުޑަ ފްރޭމް ގެ އައިނެކެވެ.
މިރޯ ސަންގްލާސް
މިރޯ ސަންގްލާސް އެޅުމުން އެހެން މީހުންނަށް އަމިއްލަ މީހާގެ ލޯ ފޮރުވާދޭނެ އެވެ. މިއީ ވަރަށް ސްޕޯޓީ ލުކެކެވެ. އަދި ދަތުރު ގޮސް މޫދު ކައިރީ ފޮޓޯ ނެގުމަށް ސަޅި ސްޓައިލެކެވެ. މިރޯ ސަންގްލާސް ގައި އެންމެ ހިނގަނީ ނޫ ކުލަ ކަމުގައި ވިއަސް މީގެ ރީނދޫ އަދި ފިޔާތޮށި ކުލަވެސް މޫދު ކައިރީ ފޮޓޯ ނަގާލަން އެޅުމަށް ވަރަށް ސަޅިއެވެ. މީހާއަށް ޓްއަރިސްޓް ލުކެއްވެސް މި ކަހަލަ އަވިއައިނުން ގެނެސްދޭއިރު ބުނެވޭނީ މީ ވަރަށް ކޮންފިޑެންޓް އަދި ސްޕޯޓީ މީހުންގެ ލުކެއް ކަމުގަ އެވެ.
ވޭފަރާ ސަންގްލާސް
މިއީ ކޮންމެ ދުވަހަކަށް ކޮންމެ ހެދުމަކާއި އެކުވެސް ގުޅުވާލަން ސަޅި ސްޓައިލެކެވެ. މަޝްހޫރު ސެލެބްރިޓީން ކަމުގައިވާ މެރަލީން މޮންރޯ އަދި އޯޑްރީ ހެޕްބާން އިން ފެށިގެން މިއަދާއި ހަމައަށް ވެސް މަގުބޫލު ވެގެން އައިސްފައިވާ ސްޓައިލެކެވެ. ވޭފަރާ ސްޓައިލް އެހެން އައިނުތަކާއި އެންމެ ބޮޑަށް ތަފާތުކަމަށް ދައްކަނީ މި އައިނުގެ ކަޓުގައި ޓްރެޕިޒިއަމް ބައްޓަމެއް ހުންނާތީ އެވެ. އަދި ކޮންމެ މީހެއްގެ މޫނަކާއި ގުޅޭގޮތަށް ބައްޓަމަށް ކުދި ބަދަލު ގެނެސްފައި ހުންނަ މީގެ އައިނެއް މިއީ ކޮންމެ ހެދުމަކާއި އަދި ލުކަކާއި ވެސް ގުޅޭނެ އައިނެއް ކަމުން މިއީ ހަމަ ކޮންމެހެން ވެސް އޮންނަންޖެހޭ ސްޓައިލެކެވެ.
އައިނުގެ ފޭޑި ހިޔާރުކޮށް މީހާގެ މޫނާއި ލާ ހެދުމާއި ގުޅުވާލާ ހިނިތުންވުމަކާއެކު ކޮންފިޑެންޓް ލުކެއްގައި ހުރުމުން ފުރިހަމަވީ އެވެ.