ހަބަރު

އޮފިޑުން ރާއްޖެއަށް 50 މިލިއަން ޑޮލަރު ލޯނެއް ދެނީ

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވްލޮޕްމެންޓް (އޮފިޑް) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 772 މިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ނިންމައިިފި އެވެ.

އޮސްޓްރިއާ ވިއެނާގައި އެ ޖަމިއްޔާއިން ބޭއްވި 166 ވަނަ ގަވަނިން ބޯޑުގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނީ ތަރައްގީ ވަމުން އަންނަ ހަ ގައުމަކަށް 225 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި މި ލޯނު ދޭނީ ރާއްޖެ އާއި ހޮންޑިއުރާސް އަދި މަޑަގަސްކަރައިގެ އިތުރުން ސޫނަމް އަދި އުޒްބެކިސްތާން އަށެވެ.

އޮފިޑުން މި ލޯނުގެ ބަހާލާފައިވަނީ ރާއްޖެ އަށް ދޭ 50 މިލިއަން ޑޮލަރާއި އުޒްބެކިސްތާން އަށް ދޭ 54 މިލިއަން ޑޮލަރު އަދި އެފްރިކާ ސަރަހައްދުގެ އިތުރު ގައުމަކަށްދޭ 26 މިލިއަން ޑޮލަރުގެ އިތުރުން ސެނެގާލަށް ދޭ 65 މިލިއަން ޑޮލަރާއި މަޑަގަސްކަރަ ދޫކުރާ 10 މިލިއަން ޑޮލަރެވެ.

އެ ޖަމިއްުޔާ އިން ބުނެފައިވާ ގޮތުގައި މި ލޯނު ދޫކުރާނީ އެ ގައުމުތަކުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. މި ގޮތުން ރާއްޖެއަށް ދޫކުރާ 50 މިލިއަން ޑޮލަރުގެ ލޯނުގެ ސަބަބުން ރާއްޖޭގެ 13 ރަށެއްގައި ދިރިއުޅޭ 20،000 މީހަކަށް ފައިދާ ކުރާނެ އެވެ. ލޯނު ދެނީ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށާއި ބަނދަރު މަރާމާތު ކުރުމުގެ އިތުރުން ބޯފެނާއި ނަރުދަމާގެ ނިޒާމު ވަރުގަދަ ކުރުމަށެވެ.

އޮފިޑުގެ މި ބައްދަލުވުމުގައި ނޭޕާލް އާއި ޗާޑަށް ވެސް ހާއްސަ އެހީތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ހިނގާ 40 އަހަރު ތެރޭ ސަރުކާރުން 57 ލޯނަކަށް ދަނީ ފައިސާ ދައްކަމުންނެވެ. މިގޮތުން 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމަ އަށް 99 ލޯނެއް ވަނީ ނަގާފަ އެވެ. މިގޮތުން އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އޭޝިއަން ޑިވެޕޮލްމެންޓް ބޭންކް (އޭޑީބީ) އިންނެވެ. އޭޑީބީ އިން 18 ލޯނެއް ވަނީ ނަގާފައިވާއިރު، އައިޑީބީ އިން ވަނީ 19 ލޯނެއް ނަގާފައިވެ އެވެ. އެންމެ ގިނައިން ލޯނު ނަގާފައިވަނީ 2008 ވަނަ އަހަރު އެވެ. މި ދުވަސްވަރުގެ ތެރޭގައި ފެބްރުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 20 ލޯނެއް ވަނީ ނަގާފަ އެވެ.