ރިޕޯޓް

ވިހެއުމުން ދޭޗުއްޓީގެ އަނެއް ފަރާތް!

ގިނަ ގައުމުތަކެކޭ އެއްފަދައިން އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކޮށްދިނުމުގައި ހުރި ގޮންޖެހުންތަކުގެ ޝަކުވާ ރާއްޖޭގައި ވެސް އަބަދު އޮވެއެވެ. އާބާދީގެ ނިސްބަތަށް ބަލާއިރު، އަންހެނުންގެ އަދަދު 49 ޕަސަންޓުގައި ހުރި އިރު، ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ ޝަކުވާތަކަށް ނިމުން ގެންނަން ވައުދުތައް ވަމުންނެވެ. މުޖުތަމައުގައި އަންހެނުންގެ ހިއްސާ އިތުރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެކަމުގައި އިސްތިސްނާއެއް ނުވެ އެވެ. ވަކި ގޮތަކަށް ގުނައިގެން އެމަނިކުފާނުގެ ސަރުކާރަށް 100 ދުވަސް ހަމަވާންދާއިރު އެ މުހިންމު އެ މަސައްކަތުން ބައެއްގައި ވަނީ ކުލަ ޖައްސަވައި ދެއްވައިފަ އެވެ. ސަރުކާރުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ ވަނީ ހަ މަސް ދުވަހަށް އިތުރު ކޮށްދެއްވައިފަ އެވެ.

ވިހެއުމަށްފަހު ކުޑަ ދަރިފުޅާއި މަންމަގެ ސިއްހީ ހާލަތު އެންމެ ރަނގަޅު ގޮތުގައި ކަށަވަރުކޮށްދިނުށް ވަރަށް މުހިންމު ނިންމެވުމެއްގެ ގޮތުގައި "ވިހެއުމުން ދޭ ޗުއްޓީ" ގިނަ ބަޔަކު ސިފަކޮށްފައި ވެއެވެ. މިކަން ކުރީ ވިހެއުން ފަދަ ހަށިގަނޑަށް ބޮޑެތި އަސަރުތަކެއް ކުރާ ބަދަލުތަކެއް ގެނުވާ ކަމަކުން އަރައިގަނެ، މަސައްކަތް ކުރެވޭ ހާލަތަށް ހަށިގަނޑު ގެންދިޔުމަށްޓަކައި ކުރިން ދެމުން އައި ތިން މަސް މަދުކަމަށް ގަބޫލު ކުރެވިގެނެވެ.

ތަފާތު ކުރުމަށް އިތުރު ބަހަނާއެއް؟

ކަންކަން އެހެން އޮތަސް އަންހެނުންގެ ލާބައާއި މަންފާއަށް ސަރުކާރުން އެޅި ފިޔަވަޅުން، މިހާރު ވެސް ވަޒީފާ ދިނުމުގައި ގެންގުޅޭ ތަފާތު ކުރުމުގެ ސަގާފަތަށް އިތުރު "ބަހަނާ" އެއް ލެވިގެން ދިޔުމަކީ އާންމުވަމުން އަންނަ ކަންބޮޑުވުމެކެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ އިސް މަގާމެއްގައި ހުންނެވި އަންހެން ބޭފުޅަކު ނަން ހާމަނުކުރަން އެދި "އަވަސް" އަށް ވިދާޅުވި ގޮތުގައި، އަލަށް ކައިވެނިކުރާ އަންހެނުންނާއި، އާންމުކޮށް ދަރިން ހޯދާ އުމުރުގެ އަންހެނުންނަށް ވަޒީފާ ހޯދަން މިހާރުވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އެވެ. ކުރިމަތިލާ މަގާމެއްގެ ޝަރުތުތަކުގެ ބޭރުން، ޒިންމާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރާއި ނުގުޅޭ އެތައް ސުވާލަކަށް ހަމައެކަނި "އަންހެނަކަށްވީތީ" ޖަވާބު ދޭން މަޖުބޫރު ވެއެވެ.

"އާންމުކޮށް ފިރިހެނަކާ ނުކުރާނެ އެތައް ސުވާލެއް އިންޓަވިއުތަކުގައި އެބަ ކުރޭ، މީހަކާ އިނދެގެން ތޯ އުޅެނީ، ނީންނަ ނަމަ ކޮން އިރަކުންތޯ އިންނާނީ، ދަރިއެއް ހޯދުމުގެ ވިސްނުން އެބަހުރިތޯ، ރަށުން ބޭރަށްދާން ފިރިމީހާ ހުއްދަ ދޭނެތޯ، މިއީ ހަމަ އާންމުކަމެއް،" އިންޓަވިއު މަރުހަލާގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ތަފްސީލު ކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވެސް ބަލިވެއިނުމަކީ އަންހެނުންގެ ބަލިފައެއް ނޫން ނަމަ ވަޒީފާ އަދާ ކުރުމަށް ކުރިމަތިވާ ހުރަހެއް ކަމަށް ގަބޫލުކުރާ މީހުން ރާއްޖޭގައި ގިނަ އިރު، އަހަރުގެ ދެބައިކުޅަ އެއް ބަޔަށް މުވައްޒަފަކު ގެއްލިދާނެ ކަމުގެ ބިރަށް އަންހެނުންނަށް ވަޒީފާ ނުދޭން އުޅުމުގެ ފުރުސަތު ބޮޑެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްގެ ހިޔާލު މި ކަމުގައި ތަފާތެވެ. ޝަމީމް ވިދާޅުވާ ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ކުޑަދަރިފުޅަށް ގާތުން ދިނުމުގެ އެންމެ ކުރު މުއްދަތަކީ ހަ މަސް ދުވަސް ކަމަށް ބުނެފައި ވެއެވެ. ސަރުކާރުގެ ނިންމުމަކީ މުސްތަގުބަލުގައި ދުޅަހެޔޮ ސިއްހަތެއް ބިނާކު ރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

"ހަގީގަތަށް ދަންނަވަންޏާ މިކަމަކީ [އަންހެނުންނަށް] ތަފާތުކުރުމުގެ ކަމެއްގެ ގޮތުގައި ވިސްނުން ރަނގަޅެއް ނޫން. މިކަމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މުހިންމު މަސައްކަތެއް،" އެކަމަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުން ޝަމީމް ވިދާޅުވި އެވެ.

ޝަމީމްގެ ވިސްނުންފުޅާއި ދެކޮޅަށް ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ފާހަގަ ކުރައްވަނީ ހަމަ އެ މައްސަލަ އެވެ. ހާއްސަކޮށް ސަރުކާރުގެ މެނޭޖްމަންޓް ލެވެލްގައި އަންހެނުންނާމެދު ޒަމާނުއްސުރެ ގެންގުޅޭ ދެރަވަރު ވިސްނުން ބަދަލު ނުކޮށް، އުސޫލު ބަދަލު ކުރުމަކީ އަންހެނުންނަށް "ފޭވާ" ކުރުމުގެ ގޮތުގައި ބެލުމުގެ ޖާގަ ލިބިގެން ދިއުމެވެ.

ދެން އޮތީ ވަޒީފާގެ ކުރިއެރުން ހޯދަން އަންހެނުން މިހާރު ވެސް ގިރާ ކުރަންޖެހޭ އުސް އޮޅިތަކުގެ ވާހަކަ އެވެ. އާއިލާ ބެލުމުގެ ޒިންމާތަކުގެ ތެރެއިން، އަންހެނުންނަކީ ވަޒީފާގެ މައިދާނުގައި އިސް މަގާމުތަކަށް ފިރިހެނުންނާއި ވާދަ ކުރުމުގައި ގިނަ ގޮންޖެހުންތަކާ ދެކޮޅަށް އަބަދުވެސް ހަނގުރާމަ ކުރަންޖެހޭ ބައެކެވެ.

ސަރުކާރު ހިންގަން ދަތިތަކެއް؟

ވިހެއުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށް ދޭން ފަށާފައިވަނީ އެއް ދާއިރާއަކަށް ބަލާނަމަ، އަންހެން މުވައްޒަފުން އެންމެ ގިނަ ސިވިލް ސާވިސްއަށެވެ. ސަރުކާރު ކުންފުނިތަކުން ވެސް އެގޮތަށް އުސޫލު ބަދަލު ކޮށްދިނުމަށް ރައީސް ސޯލިހު ގޮވާލެއްވުމުން ގިނަ ކުންފުނަތަކުން މިހާރު ވަނީ އެކަމަށް އިޖާބަދީފަ އެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު އާންމު ކުރި ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި، ސިވިލް ސާވިސްގައި މަސައްކަތްކުރާ 22،082 މުވައްޒަފުންގެ ތެރެއިން 13،175 އަކީ އަންހެނުންނެވެ. އޭގެ މާނައަކީ، ސިވިލް ސާވާންޓުންގެ 60 ޕަސަންޓަކީ އަންހެނުންނެވެ.

ރާއްޖޭގައި އާންމުކޮށް އަންހެނުން ދަރިމައިވާ އުމުރަކީ 25 އަހަރާއި 29 އަހަރާއި ދެމެދު ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ. އެ އުމުރުފުރާއަށް އެކަނި ބެލި ނަމަވެސް، ގާތްގަނޑަކަށް 2،750 އާ ގާތް ކުރާ އަދަދަކަށް އަންހެން މުވައްޒަފުން ސިވިލް ސާވިސްގައި މަސައްކަތް ކުރެ އެވެ.

ދަރިން ހޯދާ އުމުރު ތަފާތުވާއިރު، އެ ތަފާސް ހިސާބުގެ ތަންކޮޅެއް ފުނަށް ވިސްނުން ހިންގާލައިފިނަމަ، 20 އަހަރާއި 34 އަހަރާއި ދެމެދުގެ އަންހެން މުވައްޒަފުންގެ އަދަދު އުޅެނީ ގާތްގަނޑަކަށް 6،500 ވުރެ މަތީގަ އެވެ. އެއީ މުޅި ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެނުންގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދެކެވެ.

މިހާރުވެސް ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތަކާއި ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ހިތްހަމަނުޖެހުން ބޮޑުއިރު، ގިނަ މުވައްޒަފުންތަކެއް ހަ މަސް ދުވަހަށް ވަޒީފާއާ ދުރަށް ދިޔުމުން ސަރުކާރު ހިންގުމަށް ދަތިތަކާއި ކުރިމަތި ނުވާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

ހާއްސަކޮށް، މި ތަފާސް ހިސާބުތަކުގެ ތެރެއަށް އިތުރުވާ އެހެން އަދަދުތަކެއް ހުންނާނެތީ އެވެ. އަންހެނުން ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދޭ އެއް މަސް ދުވަހުގެ ޗުއްޓީ އެއީ ހަމަ މި އުސޫލުގެ ބައެކޭ ބުނެވިދާނެ އެވެ.

ވިހައިގެން ޗުއްޓީގައި އުޅޭ މުވައްޒަފުންގެ އިތުރުން، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންވެސް އަހަރުގެ އެކި ދުވަސްތަކުގައި "ގެއްލޭނެ" އެވެ. ތިރީސް ދުވަހުގެ އަހަރީ ޗުއްޓީ އާއެކު މުވައްޒަފުންނަށް ހައްގުވާ އެހެން ޗުއްޓީތައް ވެސް ދޭން ޖެހޭތީ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ވިހެއުމުގެ ޗުއްޓީ ނެގުމުން، ބަދަލުގައި ވަގުތީ މުވައްޒަފެއް ހޯދުމުގެ ހުއްދަ ސަރުކާރުން ދީފައި އޮވެ އެވެ. އެކަމުން ސަރުކާރުގެ އިދާރާތައް ހިންގުމަށް ދައްޗެއް ނުވާނެ އެވެ.

ޝަމީމްގެ އެ ވާހަކަފުޅުން އަނެއްކާވެސް އުފެދެނީ އިތުރު ސުވާލެކެވެ. އެ މަގާމަކަށް ދެ މުވައްޒަފަކަށް މުސާރަ ދޭންޖެހުމުގެ ހަރަދުގެ ވާހަކަ އެއް ފަރާތުގައި ބާއްވައި، އެހާ ކުރު މުއްދަތަކަށް އެކަށީގެންވާ ފެންވަރެއްގެ މުވައްޒަފުން ލިބޭނެ ހެއްޔެވެ؟

ޖޫނިއާ ލެވެލްގެ މުވައްޒަފުން ހޯދުން އުނދަގޫ ނުވި ނަމަވެސް، އެންމެ ހަ މަސް ދުވަހަށް އިސް މަގާމުތަކަށް ޓެކްނިކަލް މުވައްޒަފުން ހޯދަން ދަތިތަކެއް ކުރިމަތިވާނެ އެވެ. މިގޮތުން، އަންހެނުންގެ ޕަސެންޓް ބޮޑު ތައުލީމީ ދާއިރާއަކީ މި އުސޫލުގެ ދަށުން ހާއްސަ ގޮންޖެހުމެއް ކުރިމަތިވެދާނެ ދާއިރާއެކެވެ. ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 9،000 އަށް ވުރެ ގިނަ ޓީޗަރުން ކިޔަވާދޭއިރު، އޭގެ ތެރޭގައި 6،000 އަށް ވުރެ ގިނަ އަންހެން ޓީޗަރުން ހިމެނެ އެވެ.

މި މައްސަލަ ހައްލުކުރަން، ސަރުކާރުގެ އެއް ވިސްނުމަކީ ރިޓަޔާ ކޮށްފައި ތިބި ކުރީގެ މުވައްޒަފުންގެ އެހީތެރިކަން ހޯދުމެވެ.

"އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ ކޮންމެ ކަމެއްވެސް ފަށައިގަންނައިރު އުނދަގޫތަކެއް ހުންނާނެކަން. އެކަންތައްތަކަށް ހައްލު ހޯދުމަކީ ކުރަންޖެހޭނެ ކަމަކީ. މިކަމުންވެސް ކުރިމަތިވާ ކަންތައްތަކަށްވެސް ހައްލުކުރަން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ފިރިހެނަކާ ނުކުރާނެ އެތައް ސުވާލެއް އިންޓަވިއުތަކުގައި އެބަކުރޭ، މީހަކާ އިނދެގެން ތޯ އުޅެނީ، ނީންނަމަ ކޮން އިރަކުންތޯ އިންނަނީ، ދަރިއެއް ހޯދުމުގެ ވިސްނުން އެބަހުރިތޯ، ރަށުން ބޭރަށްދާން ފިރިމީހާ ހުއްދަ ދޭނެތޯ، މިއީ ހަމަ އާންމުކަމެއް.
ސަރުކާރުގެ އިދާރާއެއްގެ އިސް ވެރިއެއް

ސަރުކާރުގެ މިނިސްޓްރީއެއްގެ އެޗުއާރު ޑިޕާޓްމަންޓުގެ އިސް ވެރިއަކު ވެސް ހުންނެވީ ޝަމީމާއި އެއް ވިސްނުންފުޅެއްގަ އެވެ. އެކަމަކު ނަން ހާމަނުކުރަން އެދި "އަވަސް" އަށް އޭނާ ވިދާޅުވި ގޮތުގައި ބަދަލުގައި މުވައްޒަފުން ހޯދައިފިނަމަ، ހަ މަސް ދުވަހުގެ ވިހެއުމުގެ ޗުއްޓީ ދީގެން މިނިސްޓްރީތައް ހިންގަން ދައްޗެއް ނުވާނެ އެވެ.

"މަސައްކަތް ބުރަވެގެން މިހާރުވެސް ގިނަ މުވައްޒަފުން ޝަކުވާ ކުރަނީ އަޅުގަނޑުމެންނަށް މުވައްޒަފުން ނުނެގޭތީ. 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެއްވެސް އާ މަގާމެއް އުފައްދައިގެން މުވައްޒަފުން ނެގުން އޮތީ ހުއްޓުވާފައި. މުވައްޒަފުން މަދުވާތަނަށް ބަދަލުގައި މީހަކު ނެގޭނަމަ އެއްވެސް ދައްޗެއް ނުވާނެ،" ގިނަ އަހަރުތަކެއް ސަރުކާރުގައި ހިދުމަތް ކުރައްވަމުން އަންނަ އެ ބޭފުޅާ ވިދާޅުވި އެވެ.

ނަޖާއިޒު ފައިދާ ނެގުމުގެ ދޮރެއް؟

މި ބަހުސްގެ ތެރެއިން ވިސްނާލުން ރަނގަޅު އެހެން ކަމެއް ވެސް އެބަވެ އެވެ. ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދަށް ބަލާނަމަ، އޭގެ ތެރޭގައި އަންހެން ކުދިންގެ އިންސައްތަ އިތުރެވެ. އޭގެ މާނައަކީ ވަކި ހިސާބަކުން ކިޔެވުން ނިންމައި، ވަޒީފާގެ މައިދާނަށް ނުކުންނާނެ ކުދިންތަކެކެވެ. މަސައްކަތު ތަޖުރިބާ ނެތުމުން ގިނަ ފަހަރު އެ ކުދިންނަށް ޕްރައިވެޓް ސެކްޓާއިން ވަޒީފާ ހޯދުމަކީ އުނދަގޫ ކަމެކެވެ. ސަރުކާރުގެ ވަޒީފާއެއް ހޯދަން ނިޔަތް ގަނެގެން ނުކުންނައިރު، ވިހެއުމުގެ ޗުއްޓީގެ ހިޔަނި އެ ކުދިންނަށް ލިބެން ހުރި މަދު ވަޒީފާގެ ފުރުސަތުތަކަށް ހިޔަނި އެޅުމުގެ ބިރު ބޮޑެވެ.

"މިސާލަކަށް ދަންނަވަންޏާ، ވަކި ޑިޕާޓްމަންޓެއްގައި މިހާރުވެސް އަންހެން މުވައްޒަފުން ގިނަ ކަމަށްވަންޏާ، އާ މުވައްޒަފެއް ނަގާއިރު އަނެއްކާވެސް އަންހެނެއް ނުނަގަން ވިސްނުމަކީ ވަރަށް ގާތްކަމެއް. އެއީ ހަމަ އަލަށް ވަޒީފާ ހޯދާ ކުދިންނަށް ކުރިމަތިވެދާނެ އިތުރު އުނދަގުލެއް،" ކުރިން ވާހަކަ ދެއްކި އޮފިޝަލު ކަންބޮޑުވުން ފާޅުކުރަމުން ވިދާޅުވި އެވެ.

އަދި އެފަދަ ކުއްޖަކަށް ވަޒީފާ ދިން ނަމަވެސް، ޕރޮބޭޝަން މުއްދަތުގެ ތެރޭގައި ބަލިވެ އިނުމުން، ވަޒީފާ ދާއިމީކޮށްނުދީ ވަކިކުރުމުގެ ވިސްނުން ގެންގުޅުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި އޭނާ އިތުރަށް ވިދާޅުވި އެވެ. އެކަމުގެ ރައްދުގައި ސިވިލް ސާވިސް ކޮމިޝަނުން ބުނީ، ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި މުވައްޒަފަކު ވަކިކުރެވޭނެ އުސޫލުތަކެއް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި، ބަލިވެއިނުމަކުން ވަޒީފާއިން ވަކި ކުރެވޭނެ ހަމައެއް ނޯންނާނެ ކަމަށެވެ.

ހަގީގަތަށް ދަންނަވަންޏާ މިކަމަކީ ތަފާތު ކުރުމުގެ ކަމެއްގެ ގޮތުގައި ވިސްނުން ރަނގަޅެއް ނޫން. މިކަމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މުހިންމު މަސައްކަތެއް
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް

"ހާއްސަކޮށް ބަލިވެ އިންނަ ފުރަތަމަ ދުވަސްކޮޅު ގިނަ އަންހެނުންނަށް ކުރިމަތިވާ އެކި އުނދަގޫތަކާއެކު އޮފީހަށް ނާދެވި ދޭ، ޕްރޮބޭޝަންގައި ހުއްޓައި، ބަލިވެ އިނުމުން ރަނގަޅަށް އޮފީހަށް ހާޒިރުނުވެވިއްޖެނަމަ، އެކަން ހުއްޖަތަކަށް ހަދައިގެން ވިހެއުމުގެ ޗުއްޓީ ނުދޭންވެގެން، ވަޒީފާއިން ވަކިކުރުމަކީ ވަރަށް ގާތް ކަމެއް،" ސިވިލް ސާވިސް ކޮމިޝަނުގެ ވާހަކައިގެ ރައްދުގައި އެ އޮފިޝަލު ވިދާޅުވި އެވެ.

އާ އުސޫލު ނުރަނގަޅު މަގްސަދުގައި ބޭނުންކުރުމުގެ އަނެއް ކޮޅަށް ވެސް އޮފިޝަލު އަލިއަޅުއްވައިލެއްވި އެވެ. އެ ގޮތުން، ވިހެއުމަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަން ގަސްދުނުކުރާ މުވައްޒަފުންވެސް، ހަ މަސް ދުވަހުގެ ޗުއްޓީ ހަމަވަންދެން އޮފީހަށް އެކަން ނާންގާ ތިބުމުގެ މައްސަލަތައް އިތުރުވެގެން ހިނގައިދާނެކަމަށް އޭނާ ވިދާޅުވި އެވެ.

"ފްލެކްސި ޓައިމް" ފުޅާކުރުން ހައްލަކަށް ނުވީސް؟

ދަރިން ބެލުމާއި އާއިލީ އެކި ޒިންމާތައް އަދާކުރުމުގައި އުޅެންޖެހޭ އަންހެނުންނަށް ބައެއް މިނިސްޓްރީތަކުން ލުއިތަކެއްދެ އެވެ. އެގޮތުން، "ފްލެކްސި ޓައިމް" ގެ ނަމުގައި އޮންނަ އުސޫލެއްގެ ތެރެއިން، އެ މުވައްޒަފަކަށް ފަސޭހަ ގަޑިތަކެއްގައި އޮފީހަށް ހާޒިރުވެ މަސައްކަތްތައް ކުރުމުގެ ފުރުސަތު ބައެއް އިދާރާތަކުން މިހާރުވެސް ދެމުންދާކަމަށްވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މިނިސްޓްރީތަކުގައި، ގޭގައި ހުރެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދީފައިވެ އެވެ. އެއީ ސަރުކާރުގެ އިދާރައަކަށް ތަންފީޒުކުރަން ލާޒިމް އުސޫލެއް ނޫންނަމަވެސް، އެ ޑިޕާޓްމަންޓެއްގެ ވެރިއަކާއި މުވައްޒަފަކާއި ދެމެދު އެއްބަސްވެވޭ ގޮތެއްގެ މަތިން މަސައްކަތުގެ ވަގުތުތަކަށް ހާއްސަ ލުއިތަކެއް ދެވޭކަމަށް މައުލޫމާތު ލިބެ އެވެ.

"ބައެއް މިނިސްޓްރީތަކުގައި ވަރަށް ކާމިޔާބުކަމާއެކު ފްލެކްސި ޓައިމް ދިނުން އެބަ ކުރިއަށްދޭ، ދަރިފުޅަށް ތިން އަހަރު ވަންދެން އެ އުސޫލުގެ ދަށުން ލުއި އެބަދެވޭ، ދެން އޮތް ކަމަކީ ހުރިހާ މުވައްޒަފުންނަށް އެ އުސޫލުގެ ދަށުން ލުއިތަކެއް ދެވޭނެތޯ، އޭގަ ހުންނާނެ މަސައްކަތުގެ ގޮތުން ކޮންމެ ކޮންމެ ގަޑިއެއްގައި ނުކުރެވޭނެ މަސައްކަތްތައް، އެފަދަ މުވައްޒަފުންނަށް ދެން ދޭނީ ކޮން ލުޔެއްތޯ އެއީ ސުވާލެއް. އެކަމަކު ފްލެކްސި ޓައިމް އިތުރަށް ފުޅާކޮށް އެ އުސޫލުގެ ދަށުން އަންހެނުންނަށް ލުއިތަކެއް ދޭން ވިސްނުން މާރަނގަޅު ހެން އަޅުގަނޑުގެ ވިސްނުމަކީ،" އެ އޮފިޝަލު ވިދާޅުވި އެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ރާއްޖޭގައި އެވަރެޖުކޮށް ދެ ކުދިން ހޯދުމުގެ ވިސްނުން އާންމުކަމަށެވެ. "ކައިރި ކައިރީގައި ކުދިން ހޯދައި ނިންމާލުމުގެ ވިސްނުން މިހާރު ގިނަ ދެމަފިރިން ގެންގުޅޭކަމަށް އަޅުގަނޑުމެން ބެލި ބެލުމުން އެނގިފައިއޮތީ،" ޝަމީމް ވިދާޅުވި އެވެ. އަދި އެ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުން ދިރާސާ އެއް ކުރެއްވި ކަމަށް ޝަމީމް ހާމަކުރެއްވި އެވެ. ނަމަވެސް، ޝަމީމް އެ ހަވާލާދެއްވި ދިރާސާގެ މައުލޫމާތެއް ލިބޭގޮތެއް ނުވި އެވެ. ފަހަރުގައި، މި އާ އުސޫލުގެ ދަށުން ފާހަގަކޮށްފައިވާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބުތަކެއް އެ ދިރާސާގެ ނަތީޖާތަކުން ހޯދިފައި އޮވެދާނެ އެވެ.

އަންހެނުންގެ ހައްގުތަކާއި ގުޅޭ ގޮތުން ދެކެވޭ ހުރިހާ ވާހަކަތަކަކީ ނުހަނު ނާޒުކު މައުލޫއެކެވެ. ވިހެއުމުން ހަ މަހުގެ ޗުއްޓީ ދިނުމަކީ އެއްވެސް ހާލެއްގައި ގޯސް ނިންމުމެއް ނޫނެވެ. ނަމަވެސް، އެ ނިންމުމާއެކު، ވަޒީފާގެ މައިދާނުގައި އަންހެނުންނަށް މިހާރުވެސް ކުރިމަތިވާ ގިނަ ހުރަސްތަކާއި ގޮންޖެހުންތަކަށް އާ އޮޅިއެއް އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮތުމަކީ ވިސްނާލުން ރަނގަޅު ކަންބޮޑުވުމެކެވެ.