ހަބަރު

މި މަހުގެ ނިޔަލަށް މަޖިލީސް އިންތިހާބަށް އައިޑީ ކާޑު ހައްދަން އެދެފި

Mar 19, 2019
1

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ބޭނުންވާ ފަރާތްތަކުން، މިމަހުގެ ނިޔަލަށް ކާޑު ހެދުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އެދެފި އެވެ.

އެ ޑިޕާޓްމަންޓުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ވޯޓުލާން ހަމަޖެހިފައިވާއިރު، އެ ދުވަހާއި ކައިރިކޮށް ގިނަ ބަޔަކު ކާޑު ހެއްދުމަށް ހުށަހަޅައިފިނަމަ، އެ އެންމެންގެ ކާޑު ނިންމައި ހަވާލު ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ، ދުރާލާ ކާޑު ހެއްދުމުގެ ކަންތައް ނިންމަވައިގެން ތިބުމަށް އެދޭ ކަމަށެވެ.

މިގޮތުން މި ހިނގާ މާޗް މަހުގެ 31 ގެ ކުރިން އައިޑާ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކުން ކާޑު ހަދައި ނިންމުމަށް ޑީއެންއާރުން ވަނީ އެދިފަ އެވެ.

އަދި މީގެ އިތުރުން، މިހާރު ވެސް ކާޑު ހެދުމަށްފަހު، ބައެއް ފަރާތްތަކުގެ ކާޑު ނުނަގާ ހުރިކަން ވެސް އެ އިއުލާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ވީމާ، މިކާޑުތަކުގެ ވެރިފަރާތްތަކުން އެފަރާތެއްގެ ކާޑު ވެވަޑައިގެން އެންމެ އަވަސް ފުރުސަތެއްގައި ނަންގަވައި ނިންމެވުމަށް ދެންނެވީމެވެ."

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު އިލެކްޝަން ކޮމިޝަނުން ވަމުން އަންނައިރު، އެންމެ ފަހުގެ ވޯޓާސް ލިސްޓުވެސް ރޭ ވަނީ އާންމުކޮށްފަ އެވެ.

އިންތިހާބުގައި 300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެންމެ ގިނަ ކެންޑިޑޭޓުން ނުކުންނަނީ އެމްޑީޕީއިންނެވެ. އަންނަ މަޖިލީހަށް 87 މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ.

މިފަހަރު މަޖިލީހަށް އިތުރު ދެ ދާއިރާ ވަނީ އިތުރުވެފަ އެވެ. އެއީ މައްޗަންގޯޅިއަށާއި ހެންވޭރަށް އިތުރުވި ދެ ދާއިރާ އެވެ.