އިލެކްޝަންސް ކޮމިޝަން

ހަތަރު ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އީސީން ނިންމައިފި

ރާއްޖޭއިން ބޭރުގައި އަންނަށް މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ގޮތުން ބަހައްޓާ ހަތަރު ވޯޓު ފޮއްޓެއް ނުބަހައްޓަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އިއްޑިއާގެ ނިއުދިއްލީ، ސިންގަޕޯ، ތައިލެންޑް އަދި ބަންގްލަދޭޝް ގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފައިވަނީ އެކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް އެ ހަތަރު ފޮށްޓަށް ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައި ނުވުމުން ކަމަށެވެ.

އީސީއިން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމީ 12 ގައުމެއްގައި އެވެ. އީސީއިން ވަނީ މިމަހު ހަތް ވަނަ ދުވަހު ފަސް ރިސޯޓެއްގައި ބަހައްޓާ ވޯޓު ފޮށިވެސް އެކަށީގެންވާ ވަރަށް ވޯޓު ރަޖިސްޓްރީ ކޮށްފައިނުވުމުން ނުބަހައްޓާ ގޮތަށް ނިންމައިފަ އެވެ.

އިލެކްޝަން ކޮމިޝަން އިން ހަމަ އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ސްރިލަންކާގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުމަށްވެސް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ އިއުލާނުގައި ބުނެފަ ވަނީ މިހާރު ސްރިލަންކާގައި ބަހައްޓާ ދެ ވޯޓު ފޮށިވެސް ބަހައްޓާނީ ސޯސަން ވިލާގައި ކަމަށެވެ. މީގެ ކުރިން އެވޯޓު ފޮށިތަށް ބަހައްޓަން ހަމަޖެހިފައިވަނީ ސްރިލަންކާގައި ހުންނަށް ރާއްޖޭގެ އެމްބަސީގަ އެވެ.

މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު މިފަހަރު 264،589 މީހަކަށް ލިބެ އެވެ. މިހާރު އީސީއިން ވަނީ ފައިނަލް ވޯޓާސް ލިސްޓް ވެސް ވަނީ އާންމުކޮށްފަ އެވެ.