ގައުމީ ފުޓްބޯޅް ޓީމް

ޓްރޭނިން ކޭމްޕަށް ނުދެވުނު ފިޓްނަސް ކޯޗް މުބާރާތަށް

ވިސާ ހަމަނުޖެހިގެން، ޒުވާން ގައުމީ ޓީމާއެކު ޓްރެއިނިން ކޭމްޕަށް ފިލިޕީންސަށް ދަތުރު ނުކުރެވުނު، ގައުމީ ޓީމުގެ ފިޓްނަސް ކޯޗް، ވަލްޑަމީރު ކުރުނިޗް 'ލާޑޯ'، އެންމެ ފަހުން ކޮލިފިކޭޝަނަށް ސައުދީ އަރަބިއްޔާއަށް ހިނގައްޖެ އެވެ.

ފިލިޕީންސްގެ ޓްރެއިނިން ކޭމްޕަށް ފަހު، އިއްޔަ ގައުމީ ޓީމު ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފަ އެވެ. ޒުވާން ގައުމީ ޓީމުން، ފިލިޕީންސްގައި 17 ދުވަހުގެ ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިޔައިރު، ފިޓްނަސް ކޯޗް ހުރީ މާލޭ ގަ އެވެ. އިއްޔަ މާލެއިން ސައުދީއަށް ދާން ފުރި، ކްރުނިޗް މިހާރު ވަނީި ސައުދީ އަރަބިއްޔާގައި ޒުވާން ޓީމާ ގުޅިފަ އެވެ.

ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ 'މޯ' ބުނީ، މޮންޓަނީގްރޯއަށް ނިސްބަތްވާ ލާޑޯ އަށް ވިސާ ލިބުން އުނދަގޫވީ، މޮންޓަނީގުރޯގެ ރަށްޔިތުންނަށް ވިސާ ދިނުމުގައި ފިލިޕީންސްގެ އިމިގްރޭޝަންގައި އޮންނަ އުސޫލުގެ ސަބަބުން ކަމަށެވެ. މޯ ބުނީ މިދިޔަ ބުދަ ދުވަހު، ލާޑޯއަށް ވިސާ ހަމަޖެހުނު ކަމަށެވެ. އެހެންނަމަވެސް، ސައުދީއަށް ދާން ވަގުތު ކުޑަ ވެފައި ވުމުން އޭނާ ފިލިޕީންސަށް ނުގެންނަން ނިންމީ ކޯޗިން ޓީމު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"ލާޑޯއަށް އެކޮޅަށް [ފިލިޕީންސަށް] ނުދެވުނަސް އޭނާ ދިން ޕްރޮގްރާމާ އެއްގޮތަށް އަހަރެމެންގެ ފިޒިކަލް ޓްރެއިނިންތައް ކުރިއަށް ގެންދިޔައިން، އަހަރެމެން ދިޔައީ އޮންލައިންކޮށް ލާޑޯއާ ކޮމިޔުނިކޭޓް ކުރަމުން،" ސައުދީ އަރަބިއްޔާގައި ހުރެ 'އަވަސް' އާ ވާހަކަ ދައްކަމުން މޯ ބުންޏެވެ. "13 ވަނަ ދުވަހު އޭނާއަށް ވިސާ ހަމަޖަހުނު އެހެންނަމަވެސް ހެޑް ކޯޗާއި ކޯޗުން ސްޓާފުން މަޝްވަރާކޮށްފަ ނިންމީ ސައުދީއަށް ފުރަން ވަގުތު ކުޑަތަން ވެފައި އިނީމަ އޭނާ ނުގެންނަން، އެއީ ސައުދީން އޭނާ އަހަރެމެންނާ ގުޅޭނެތީ."

ގައުމީ ޓީމު، ފިލިޕީންސަށް ފުރީ، މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެރޭ، ގައުމީ ޓީމު ފުރުވަން ލާޑޯ ވަނީ، މާލޭގެ ބަސް ޓާމިނަލަށް ގޮސްފަ އެވެ. ބަހުގައި ޓީމު ހުޅުލެއަށް ދިޔައިރު ޓެކްސީއެއްގައި ލާޑޯ ދިޔައީ ހުޅުމާލެ އަށެވެ.

ސާފް ޗެމްޕިއަންޝިޕްގައިވެސް، ގައުމީ ޓީމާއެކު މަސައްކަތް ކުރި، ލާޑޯ ވަނީ މި އަހަރުގެ އޭޝިއަން ކަޕުގައި ލުބުނާންގެ ޓީމާއެކުވެސް މަސައްކަތް ކޮށްފަ އެވެ. އޭނާގެ އިތުރުން، އެސިސްޓެންޓް ކޯޗުގެ ގޮތުގައި ބެލްޖިއަމްގެ ގެލާ ޝެކިލާޒީވެސް ގައުމީ ޓީމާއެކު މަސައްކަތް ކުރެ އެވެ.

ޓީމުގެ ސީނިއާ އެސިސްޓެންޓް ކޯޗަކީ، ކުލަބު އީގަލްސްގެ ކުރީގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު 'ޝާކިއްޓޭ' އެވެ. ފިލިޕީންސްގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕްގައި ޓީމު ލިޑް ކުރީ ޝާކިއްޓޭ އެވެ. ބެލެވޭ ގޮތުގައި ކޮލިފިކޭޝަން ބުރުގައިވެސް ގައުމީ ޓީމު ލީޑް ކުރާނީ އޭނާ އެވެ.

ގައުމީ ޓީމުގެ ހެޑްކޯޗް، ޕީޓާ ޝެގަޓް، މާލެއިން ފުރުމުގެ ކުރިން ބުނީ، ދިވެހި ކޯޗުންނަށް ގިނަ ފުރުސަތުތައްދީ، އެ ކޯޗުން ތަމްރީން ކުރަން އޭނާގެ ކިބައިން އެފްއޭއެމުން އެދިފައިވާ ކަމަށާއި، ސައުދީގެ ކޮލިފިކޭޝަންގައި ޓީމު ލީޑް ކުރާނީ ދިވެއްސެއް ކަމަށެވެ.

ފިލިޕީންސްގެ ޓްރެއިނިން ގައި، ގައުމީ ޓީމު ކުޅުނު ތިން މެޗުގައިވެސް ޓީމަށް އިރުޝާދު ދިނީ، ޝާކިއްޓޭ އެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު އެއްވަރުކޮށް އަނެއް ދެ މެޗުން ޒުވާން ޓީމު ވަނީ މޮޅުވެފަ އެވެ.

އަންނަ ހުކުރު ދުވަހު ފެށުމަށް ހެމަޖެހިފައިވާ އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި، ރާއްޖެ ހިމެނޭ، ގުރޫޕް ޑީ ގައި ހިމެނެނީ، ކޮލިފިކޭޝަން ބާއްވާ ގައުމު ސައުދީގެ އިތުރުން އަރަބި އެމިރޭޓްސް އާއި ލުބުނާން އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ (ރާއްޖޭ ގަޑިން 10:15 ގައި) ނިކުންނާނީ ސައުދީއާ ދެކޮޅަށެވެ.

ފިލިޕީންސްގެ ޓްރެއިނިން ކޭމްޕްގައި ބައިވެރި ކުރި 27 ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިން ބާކީކޮށް ފައިނަލު ސްކޮޑު ވަނީ އިއުލާން ކޮށްފަ އެވެ.

ގުރޫޕް ޑީ ގެ މެޗުތައް

ޔޫއޭއީ - ލުބުނާން (އަންނަ ހުކުރު ދުވަހު ރޭ 7:25)
ސައުދީ އަރަބިއާ - ދިވެހިރާއްޖެ (އަންނަ ހުކުރު ދުވަހު ރޭ 10:25)
ދިވެހިރާއްޖެ - ޔޫއޭއީ (އަންނަ އާދިއްތަ ދުވަހު ރޭ 7:25)
ލުބުނާން - ސައުދީ އަރަބިއާ (އަންނަ އާދިއްތަ ދުވަހު ރޭ 10:25)
ލުބުނާން - ދިވެހިރާއްޖެ (އަންނަ އަންގާރަ ދުވަހު ރޭ 7:25)
ސައުދީ އަރަބިއާ - ޔޫއޭއީ (އަންނަ އަންގާރަ ދުވަހު ރޭ 10:25)