ދުނިޔެ

އިންޑޮނޭޝިއާ ގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 89 އަށް

އިންޑޮނީޝިއާގެ އެންމެ އިރުމަތީގައި އޮންނަ ޕަޕުއާ ޕްރޮވިންސަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ފެންބޮޑުވެ ކިސަޑު ފޭބުމުގެ ސަބަބުން މަރުވި މީހުން އަދަދު 89 އަށް އަރާފައި ވާއިރު އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެ ގައުމުގެ ނެޝަނަލް ޑިސާސްޓާ މިޓިގޭޝަން އެޖެންސީގެ ތަރުޖަމާނު ސުތޯޕޮ ޕުރުވޮ ނުގްރޮހޮ ހާމަކޮށްފައި ވާގޮތުގައި ފޭބި ކިސަޑުތަކާއި ވެއްޓިފައިވާ ގެތަކުގެ ތެރެއިން މިހާތަނަށް 89 މީހުންގެ ހަށިގަނޑު ނެރެވިފައި ވެއެވެ.

އިތުރު 159 މީހުންނަށް އަނިޔާވެ މީގެ ތެރެއިން 84 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފަ ވާއިރު، އަނިޔާވި މީހުންގެ ތެރޭގައި ގިނައީ ބޮލަށް އަނިޔާ ވެފައި ތިބި މީހުންނާ ކަށިގަނޑެއް ބިނަދައިގެންގޮސް ތިބި މީހުން ނެވެ.

މި އަދަދުތަކަކީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ދާއިރު މައްޗަށް އަރާނެ އަދަދުތަކެއް ކަމުގައި ނުގްރޮހޯ އަންދާޒާ ކުރެ އެވެ.

ފެން ބޮޑުވެ ކިސަޑު ފޭބުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ މަގުތަކާއި ބުރިޖުތައް ހަލާކު ވުމުގެ ސަބަބުން ޕަޕުއާ ޕްރޮވިންސް ގެ ޖަޔަޕޫރަ ޑިސްޓްރިކްޓް ގައި މީހުން ސަލާމަތް ކުރުމަށް ކުރި މަސައްކަތަށް ވަނީ އުނދަގޫތަކަކާއި ކުރިމަތިވެފަ އެވެ.

ސިފައިންނާއި ޕޮލިހުން އޭގެތެރޭގައި ހިމެނޭ 1600 އަށްވުރެ ގިނަ މީހުން މި އަންގާރަ ދުވަހު މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރި ވަމުން ދިޔަ އިރު ބަރު ތަކެތި އުފުލާނޭ އާލާތްތައް ނެތުމުން ވަރަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ޕަޕުއާ މިލިޓަރީގެ ތަރުޖަމާނު ކާނަލް މުހަންމަދު އައިދީ ހާމަކޮށްފައި ވެއެވެ.

"އަހަރެމެން މިތިބީ އެކްސްކެވޭޓަރު ނެތުމުން ވެއްޓިފައިވާ ގެތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމަށް ނުކުޅެދިފަ"، އެސަރަހައްދުން ގެއްލިފައިވާ 74 މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމުގެ މައުލޫމާތު ދެމުން އައިދީ ކިޔާދިނެވެ.

"ފަރުބަދަ މަތީގެ ސަރަހައްދަށް ދާން އޮންނަ ބުރިޖު ވެއްޓިފައި އޮތުމުން އެތަނަށް އެހީތެރިވާ ފަރާތްތަކަށް ދެވޭނެ ގޮތެއް ނެތް. އެކަމަކު އެތަނުގައި އެއްވެސް މީހަކު މަރުވި ކަމުގެ ހަބަރު ލިބިފައެއް ނުވޭ"، އެސަރަހައްދަށް ސަލާމަތީ ކަނޑުމަތީ ބޯޓެއް މިހާރު ފޮނުވިފައި ވާނެކަމުގައި އައިދީ މައުލޫމާތު ދިނެވެ.

ނެޝަނަލް ޑިސާސްޓާ މިޓިގޭޝަން އެޖެންސީގެ ތަރުޖަމާނު ނުގްރޮހޯ ހާމަކުރާ ގޮތުގައި މި ހާދިސާގައި ގާތްގަނޑަކަށް 7000 މީހުންގެ ގެދޮރު ގެއްލިފައި ވާއިރު 400 އަށްވުރެ ގިނަ ގެތައް ވަނީ ހަލާކުވެފަ އެވެ، އަދި އެތައް ހާސް ގެއެއް ވަނީ ފެނުގެ އަޑީގަ އެވެ.

މި ގުދުރަތީ ހާދިސާއާއި ގުޅިގެން ޕަޕުއާ ޕްރޮވިންސްއިން ވަނީ މައި ސަރުކާރުގެ އެހީތެރިކަން ހޯދުމަށްޓަކާ 2 ހަފްތާގެ އެމެޖެންސީ ހާލަތު އިއުލާން ކޮށްފަ އެވެ. މިި ޕްރޮވިންސް އަކީ އޮސްޓްރޭލިއާ ގާތުގައި އޮންނަ ޕަޕުއާ ނިއުގިނީ އާއި ސަރަހައްދީ ރޮނގު ހިއްސާ ކުރާ ޕްރޮވިންސް އެކެވެ.

އޮކްޓޯބަރުން ފެށިގެން އޭޕްރިލް އާއި ދޭތެރޭގެ ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމަކީ އިނޑޮނީޝިއާ އަށް އާންމު ކަމެކެވެ.

ފާއިތުވި ޖެނުއަރީ މަހު ފެންބޮޑުވެ ކިސަޑު ފޭބުމާއި ގުޅިގެން ސުލަވޭސީ އައިލަންޑުން ވަނީ 70 މީހުން މަރުވެފަ އެވެ. އަދި މި މާޗް މަހުގެ ކުރީކޮޅުގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ އެ ސަރަހައްދު ދޫކޮށް ދާންޖެހިފަ އެވެ.

ޕެސިފިކް ރިންގް އޮފް ފަޔާގެ ނަން ދެވިފައިވާ ކަނޑުގެ ސަރަހައްދުގައި އޮންނަ އިންޑޮނީޝިއާ އަކީ ދުނިޔޭގެ އެންމެ ގުދުރަތީ ހާދިސާތައް ގިނަ ގައުމުގެ ގޮތުގައި ނަން މަޝްހޫރު ވެފައިވާ ގައުމެވެ.