ދުނިޔެ

އިންޑޮނޭޝިއާގައި އަނެއްކާވެސް ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑޮނޭޝިއާގައި ފެން ބޮޑުވެ ބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާ ވެއްޖެ އެވެ.

ގުދުރަތީ ކާރިސާތައް ގިނަ އިންޑޮނެޝިއާ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގައި މިހާތަނަށް 29 މީހުން މަރުވެ، އެތައް ބަޔަކައް އަނިޔާވެފައިވާއިރު ސުމަޓްރާގައި 13 މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް އެ ގައުމުގެ ޑިސާސްޓާ އެޖެންސީން ވަނީ ބުނެފަ އެވެ.

ފެން ބޮޑުވެފައިވާ ސުމަޓްރާގެ ބެންކުލޫ ޕްރޮވިންސުން 22 މީހުން މަރުވެ އެތައް ސަތޭކަ ގެއެއް ހަލާކުވެ ބުރިޖުތަކާއި މަގުތައް ބެނުން ނުކުރެވޭވަރު ވެފައިވާއިރު އެ ސަރައްހައްދުގައި ދިރިއުޅޭ 12،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

އަދި ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތު ކިސަޑު ފޭބުމުން ސުމަޓްރާގެ ލަމްޕަންގް ޕްރޮވިންސްގައި ހަ މީހަކު ހިމެނޭ އާއިލާއެއް ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން ވެރިރަށް ޖަކާޓާގައި ފެންބޮޑުވުމުގެ ސަބަބުން ދެ މީހަކު މަރުވެ 2000 މީހުންނަށް ދިރިއުޅޭ ތަން ދޫކޮށް ދާން މަޖުބޫރުވެފައި ވެއެވެ.

ފެން ބޮޑުވެވެފައިވާ ހިސާބެއްގައި ފެންގަނޑު ބޮޑުވެގެން ދިޔަ ވަގުތު އެ ސަރަހައްދުގެ ބަޔަކު ގެންގުޅުނު ޕައިތަން އާއިލާގެ 14 ހަރުފައެއް ދޫވި އެވެ. އޭގެތެރެއިން ހަ ހަރުފައެއް ފަހުން އަތުލި އެވެ.

ކިސަޑު ފޭބުމުގެ ނުރައްކާތެރި ހާދިސާތައް ގިނަވުމުގެ އެންމެ ބޮޑު ސަބަބަކީ ސަރަހައްދު ތަކުގައި ވަގަށް ދެލި މައިން ކުރުން އާންމުވެ އެކަމުގެ ސަބަބުން ފަސްގަނޑު ބަލިކަށިވުމުން ކަމަށް ސުމަޓްރާ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބުނެ އެވެ.

ބެންކުލޫގައި ތިމާވެށި ރައްކާތެރި ކުރަން މަސައްކަތް ކުރާ ޖަމިއްޔާއެއްގެ އެކްޓިވިސްޓެއް ބުނާ ގޮތުގައި ވާރޭ ވެހޭ ކޮންމެ ފަހަރަކު ވެސް ބެންކުލޫގެ ހަތަރު ކޯރެއް ބަންޑުން ވެއެވެ. އަދި މިހެން ކަންތައް ދިމާވަނީ އިންސާނުން ގެ އިހުމާލުން ކަމުގަ އެފަރާތުން ކުއްވެރި ކުރެއެވެ.

މިދިޔަ މަހު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ކިސަޑު ފޭބުމާއި ގުޅިގެން އިންޑޮނީޝިއާގެ 112 މީހަކު މަރުވެ އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އަދި އެ ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން 90 މީހުން މިހާތަނަށް އައި އިރުވެސް ހޯދިފައެއް ނުވެއެވެ.

އިންޑޮނީޝިއާގެ ސަރުކާރުން ރައްކާތެރި ހިސާބުތަކުގައި ވަގުތީ ހިޔާތައް ވަނީ ގާއިމްކޮށްފަ އެވެ. -- ރޮއިޓާސް