ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

"ދަނޑުވެރި ނަފާ" ލޯނު އެސްއެމްއީ ބޭންކުން ދޫކުރަނީ

އިއްޔެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައި ދެއްވި އެސްއެމްއީ ބޭންކުން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް، މިއަދުން ފެށިެގން "ދަނޑުވެރި ނަފާ" ލޯނު ލިބެން ހުންނަނާނެ ކަމަށް އެގްރިކަލްޗަލް މިނިސްޓްރީން ބުނެފި އެވެ.

އެގްރިކަލްޗަލް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެސްއެމްއީ ބޭންކުން ދޫކުރާ ދަނޑުވެރި ނަފާ ލޯނު ދޫކުރަން ހަމަޖެހިފައިވަނީ 75،000 ރުފިޔާއިން ފެށިގެން ދެމިލިއަން ރުފިޔާއާ ހަމައަށް ކަމަށެވެ. އެ އިއުލާނުގައި ބުނީ ދަނޑުވެރި ނަފާގެ ލޯން ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމުގައި ބޮޑަށް އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ޓެކްނެލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަމުގެ މަޝްރޫއުތަށް ހިންގަން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން އާބަން އެގްރިކަލްޗާ، ޕްރޮޓެކްޓަޑް އެގްރިކަލްޗާ، ޓެރެސް ނުވަތަ ވާޓިކަލް ގާޑެނިން، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއު އެޑިޝަން، އެގްރޮފޮރަސްޓްރީ އަދި ގަސް އުފައްދާ ނާސަރީތައް ގާއިމު ކުރުން ފަދަ މަސައްކަތްތައް ޓެކްނެލޮޖީގައި އެހީގައި ކުރާ ފަރާތްތަކަށް ލޯނު ދިނުމުގައި އިސްކަން ދޭނެ ކަމަށެވެ.

ދަނޑުވެރިކަމަށް ހާއްސަ ކޮށްގެން ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމްތަށް ހަމަޖައްސައިދުނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދެކެވެ. ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށްޓަކައި އެމަސައްކަތްތަކަށް އިންވެސްޓް ކުރެވޭނެ މަގުތައް ދަނޑުވެރިންނަށް ފަހިކޮށްދިނުމަކީ އެފަދަ ލޯން ޕްރޮގްރާމެއް ފެށުމުގެ މައިގަނޑު އެއް ސަބަބު ކަމަށް އެގްރިކަލްޗަލް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ދަނޑުވެރި ނަފާ ލޯނުގެ މައުލޫމާތު އެސްއެމްއީ ބޭންކުނާއި އެގްރިކަލްޗަލް މިނިސްޓްރީން ލިބެން ހުންނާނެ ކަމަށްވެސް އެއިއުލާނުގައި ވަނީ ބުނެފަ އެވެ.