ވިޔަފާރި

މިފްކޯއިން މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ފޮނުވައިިފި

މަސްވެރިން ބާނާފައިވާ މަަހަށް އަގު ދިނުމަށް، މިފްކޯ އިން 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޮނުވައިފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އަވަސް އަށް ވިދާޅުވީ މި ދުވަސްވަރު މަސްވެރިކަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޭން ގިނަ މަސައްކަތް ތަކެއް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތްތަކުގެ ދަށުން ވޭތުވެދިޔަ އަށް ދުވަހު ބާނާފައިވާ މަހަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ވެސް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދުކުރެއްވިއްޔާ މިރޭ މަސްވެރިންނާ ހަމަ އަށް ފައިސާ ލިބޭނެ. މިހާރު އެ ވާނީ ފްލައިޓުން ފޮނުވާފަ. ޖުމްލަ 18.8 މިލިއަން ރުފިޔާ އެބަހުރި ދޭން. އެ ފައިސާ ވެސް ފޮނުވާނަން،" އިސްމާއިލް ވިދާޅުވި އެވެ.

އިރާދުކުރެއްވިއްޔާ މިރޭ މަސްވެރިންނާ ހަމަ އަށް ފައިސާ ލިބޭނެ. މިހާރު އެ ވާނީ ފްލައިޓުން ފޮނުވާފަ
އިސްމާއިލް ފައުޒީ | މެނޭޖިން ޑިރެކްޓަރު

އޭނާ ވިދާޅުވީ މި ދުވަސްވަރު އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅު ކަމަށާ އިއްޔެ އެކަނި ވެސް 321 ޓަނުގެ މަސް ކިރުވާފައިވާ ކަމަށާ އެ މަަހަށް އެކަނި 5.7 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި ޑިލޭ އަންނަނީ ކޫއްޑޫގެ ކެޕޭސިޓީ ކުޑަވުމުން ބާނާ މަސް ޕްރޮސެސް ކުރުމަށް ވަގުތު ބޭނުންވާތީ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުދަށް ނަމަވެސް އިރާދުކުރެއްވިއްޔާ މަސްވެރިންނަށް ފައިސާ ލިބޭނެ. ކުޑަ ޑިލޭއެއް އުޅުނު ނަމަވެސް މިހާރު ނުދީހުރި ހުރިހާ ފައިސާއެއް މިހާރު ފޮނުވީ. މިރޭ މަސް ބޭނިއަސް މާދަމާ އެ ފައިސާ ފޮނުވާލަން މި މަސައްކަތް ކުރަނީ،" އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ގޮތެއް ރާވާފައިވާނެ ކަމަށެވެ.

"މިފްކޯގައި މި ހުންނަނީ ކުދި ބޯޓު ފަހަރު އެހެންވެ އެއް ފަހަރާ ގިނަ ދޯނިތައް ދިއުމުމުން ދަތިތަކެއް ހުރެދާނެ. ނަމަވެސް އެކަންވެސް ހައްލު ކޮށްދޭނަން. އިއްޔެ ރޭ ދިމާވި އެއް ދޯންޏަށް އެފަދަ މައްސަލައެއް. އެކަންވާނީ ހައްލުކޮށްދީފަ،" އިސްމާއިލް ވިދާޅުވި އެވެ.

ރާއްޖޭގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާއިރު، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަނީ ދަށްވެފަ އެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި މަސް ޓަނެއްގެ އަގު އުޅެނީ 1400 ޑޮލަރަށެވެ.