ހަބަރު

ޒާތީ މައުލޫމާތު ހިމެނޭ އެޕްގެ މައްސަލަ ކޯޓަށް

Mar 19, 2019

އާންމުންގެ ޒާތީ މައުލޫމާތުތަކާއެކު ތައާރަފްކުރި އެޕްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ހުށަހެޅީ ހިލޭ ގާނޫނީ އެހީތެރިކަން އާންމުންނަށް ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) ޖަމިއްޔާއިންނެވެ.

"ހަކުޅި"ގެ ނަމުގައި އާންމުންގެ ޒާތީ މައުލޫމާތުތަކާއެކު، އެޕެއް ތައާރަފްކޮށް އެ އެޕް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ވިއްކާފަ އެވެ. އެޕްގެ އާންމުންގެ ނަމާއި އެޑްރެސްގެ އިތުރުން ފޮޓޯ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ބައެއް މީހުންގެ ޒާތީ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.

އެޕް ވިއްކާފައިވަނީ ދާއިރާގެ ރައްޔިތުންނާ ހަމައަށް ދިޔުމަށް ފަސޭހަ ވަސީލަތެއްގެ ގޮތުގަ އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެ އެވެ. އަދި އެ މައުލޫމާތުތައް ހޯދައި، އެގޮތަށް އާންމު ކުރެވިގެން ނުވާނެ ކަމަށް ދަނީ ބުނަމުންނެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ޕީއައިއެލްސީއިން ހުށަހެޅީ އާންމުންގެ މައުލޫމާތު ހުއްދައާ ނުލައި ވިއްކުމަކީ ގާނޫނު އަސާސީގެ 24 ވަނަ މާއްދާ އާއި އައިސީސީޕީއާރްގެ 17 ވަނަ މާއްދާއާ އެ އެޕް ހިލާފުވާ ކަމަށް ބުނެ އެވެ. އެ ޖަމިއްޔާއިން ދައުވާކޮށްފައިވަނީ އެ އެޕް އުފައްދައި ވިއްކުމަށް އުޅުނު ދެ މީހުންނާ ދެކޮޅަށެވެ.

މައްސަލާގައި އެދިފައިވަނީ އެ އެޕް ވިއްކައި ބޭނުން ކުރުން ހުއްޓުވުމުގެ އަމުރަކަށެވެ. އަދި އާންމުންގެ ޒާތީ މައުލޫމާތު އެފަދަ ގޮތަކަށް ވިއްކުމަކީ ގާނޫނާ ހިލާފު ކަމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.