ހަބަރު

އައްޑޫއަށް ގޮނޑި އިތުރުކުރާ މައްސަލަ ސިވިލް ކޯޓުން ބަލައިނުގަތް

އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތައް އިތުރުކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ އެ ކޯޓުން ބަލައިނުގަނެ ދޫކޮށްލައިފި އެވެ. އެ ކޯޓަށް މައްސަލަ މީގެ ދެ ހަފުތާ ކުރިންނެވެ.

މި މައްސަލައަކީ މީގެ ކުރިން ހައިކޯޓަށް ވެސް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލާގައި ހައިކޯޓުން ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސޯސް ނެތް ކަމަށް ކަނޑައަޅާފަ އެވެ.

މައްސަލާގައި ވަކާލަތު ކުރައްވާ މަރިޔަމް ޝުނާނާ ވިދާޅުވި ގޮތުގައި ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމާފައިވާކަން އަންގާފަ އެވެ.

ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި މަރަދޫފޭދޫއަށް ނިސްބަތްވާ މުމްތާޒު އަލީ ކިޔާ މީހެކެވެ. ސިވިލް ކޯޓަށް ވެސް ހަމަ އެ މައްސަލަ ހުށަހަޅާފައި ވަނީ މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. މިހާރު މަރަދޫފޭދޫ އޮންނަނީ ވަކިން އޮންނަ މީދޫ ދާއިރާގެ ބައެއްގެ ގޮތުގަ އެވެ. އެހެންވެ، މަރަދޫފޭދޫގެ ބައެއް ހައްގުތައް ގެއްލޭ ކަމަށް އެ ދާއިރާގެ ބައެއް ރައްޔިތުން ދެކެ އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. މަރަދޫފޭދޫ ހިމެނޭ ގޮތަށް މީދޫ ދާއިރާއަށް ވާދަ ކުރުމަށް މިހާރު ވެސް ބައެއް ކެންޑިޑޭޓުން ވަނީ ފޯމް ހުށަހަޅާފަ އެވެ. އަދި ކެންޑިޑޭޓް ނަންބަރުތައް ތަރުތީބުކޮށް މިހާރު ވަނީ ކެމްޕެއިން ވެސް ފަށާފަ އެވެ.

މަރަދޫފޭދޫ ވަކި ދާއިރާއަކަށް ކަނޑައަޅަން ބޭނުންވާތީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރުމަށްފަހު އިލެކްޝަން ކޮމިޝަނުން ނިންމީ މިހާރު ވެސް އޮތް ގޮތަށް މަރަދޫފޭދޫއަކީ މީދޫ ދާއިރާގެ ބައެއްގެ ގޮތުގައި ބޭއްވުމަށެވެ. އިލެކްޝަން ކޮމިޝަނުން މަޖިލިސް ދާއިރާ އިތުރުކުރީ މާލެއަށް އެކަންޏެވެ. އެއީ ހެންވޭރު އާއި މައްޗަންގޯޅިއަށެވެ.