ހަބަރު

ރިފޯމަށް އިސްތިއުފާ ދެއްވި ގާޒީ ހަލީމް މަޖިލީހަށް

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އިސްތިއުފާ ދެއްވި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމަށް ނިންމަވައިފި އެވެ.

ނ. ވެލިދޫއަށް ނިސްބަތްވާ ހަލީމް ނިންމާފައިވަނީ އަމިއްލަ ގޮތުން ނ. މަނަދޫ ދާއިރާއަށް ކުރިމަތިލެއްވުމަށެވެ. އޭނާ މަޖިލީހަށް އަމިއްލަ ގޮތުން ވާދަ ކުރައްވާއިރު، އޭނާގެ އަނބިކަނބަލުން އައިމިނަތު މުނީރު ރޭ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާފަ އެވެ.

މި ހަފުތާގެ ތެރޭގައި ހަލީމް އިސްތިއުފާ ދެއްވާފައިވާއިރު އޭނާ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި، ކޯޓުތަކަށް އާ ފަނޑިޔާރުން އައްޔަންކުރަން ފުރުސަތު ދިނުމަށް މިހާރު ތިއްބެވި ފަނޑިޔާރުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

ހަލީމަކީ މީގެކުރިން ވަރަށް ބޮޑަށް ފާޑުކިޔުންތަކާ ކުރިމަތިލައްވަން ޖެހުނު ބޭފުޅެކެވެ. އެގޮތުން އޭނާއަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ދުވަސްވީ ނޫސް، ހަވީރުގެ މުވައްޒަފުންނާ ގުޅޭ ގޮތުން ކުރެއްވި ހުކުމާ ގުޅިގެންނެވެ.

އެކެއް ފެބުރުއަރީގެ ފަހުން ސޯޝަލް މީޑިއާގައި އާންމުވި ހަލީމް ތަހުގީގަށް ދެއްވާފައިވާ ބަޔާނެއްގައި ވެސް އެ ހުކުމަކީ އަމިއްލަ ލިޔުއްވި ހުކުމެއް ނޫން ކަމާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދު އަންގަވައިގެން ހުކުމްތައް ނެރެދެއްވި ކަމަށް އެއްބަސްވެފައިވެ އެވެ.