ދުނިޔެ

ޖަސިންޑާ އާޑަންއަށް ދުނިޔޭގެ ތައުރީފު!

މިދިޔަ ހުކުރު ދުވަހު ދުނިޔެ ސިއްސުވާލީ ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ޓެރަރިސްޓް ހަމަލާއެއް ދީ 50 މީހުން މަރާލި ހާދިސާއިންނެވެ. އެ ދުވަހު ހުކުރު ނަމާދަށް ގޮސް ތިބި މީހުންނަށް އަމާޒު ކޮށް އޮސްޓްރޭލިއާގެ އުމުރުން 28 އަހަރުގެ ޓެރަރިސްޓަކު ދިން އެ ހަމަލާއަކީ ނިއުޒިލެންޑް ތާރީހުގައި ވެސް ހިނގައިދިޔަ މިފަދަ އެންމެ ބޮޑު ޖަރީމާ އެވެ.

މި ހަމަލާއަށް ފަހު ނިއުޒިލޭންޑްގެ ޕްރައިމް މިނިސްޓަރު ޖަސިންޑާ އާޑެން، އެކަމަނާ އެޅުއްވެވި ފިޔަވަޅުތަކުގެ ސަބަބުން އެކަމަނާ ވެސް . ވަނީ ދުނިޔޭގެ ސަމާލުކަން ހޯއްދަވާފަ އެވެ. އެމެރިކާ މުސްލިމް ކޮމިއުނިޓީގެ އިތުރުން ސޯޝަލް މީޑިއާގައި އާއްމުންގެ އެތައް ބަޔަކު ވަނީ ހަމަލާއާ ގުޅިގެން އެކަމަނާ ކަންތައްތައް ކުރެއްވި ގޮތުގެ މައްޗަށް ތައުރީފު
އޮއްސާލާފަ އެވެ. އިންސާނިއްޔަތުކަން ދައްކުވައި ދެއްވި ހަގީގީ ލީޑަރެއްގެ ގޮތުގައި ގިނަ މީހުން ގެންދަނީ އެކަމަނާ ސިފަ ކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ދިން ހަމަލާއަކީ ޓްރެރިސްޓް ހަމަލާއެއްގޮތުގައި ވިދާޅުވެ ޕްރައިމް މިނިސްޓަރު ޖަސިންޑަ އެ ދުވަހުން އެ ދުވަހަށް ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ. މީގެ އިތުރުން ނިއުޒިލޭންޑްގެ ހަތިޔާރާ ގުޅޭ ގާނޫނުތައް ބަދަލު ކުރައްވާނެ ކަމަށާއި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ގާނޫނޫގެ އިމުގެ ތެރެއިން އެކަން ބަދަލުކޮށް ނިއުޒިލެންޑުގައި ރައްޔިތުންނަށް އަމާން އަދި ރައްކާތެރިކަން ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ޓެރަރިސްޓް ހަމަލާ ދިން ދުވަހާއި ޖެހިގެން އައި ދުވަހު އެކަމަނާ ވަނީ ކްރައިސްޓްޗާޗަށް ވަޑައިގެން މުސްލިމް ރެފިއުޖީ ކޮމިއުނިޓީއާއި ބައްދަލު ކުރައްވާފަ އެވެ. އަދި އެ ބައްދަލުވުމަށް އެކަމަނާ ވަޑައިގަތީ އިހްތިރާމް އަދާ ކުރެއްވުމުގެގެ ގޮތުން ކަޅު ސްކާފެއް ތުރުކުރައްވައިގނެވެ.

އާއިލާތަކާއި ވާހަކަފުޅު ދައްކަވާ އެކަމަނާ ވަނީ ކުލުނު ބަންޑުން ކޮށްލައްވާފަ އެވެ. އަދި ޓެރަރިސްޓް ހަމާލާގައި ދުނިޔެ ދޫކުރި މީހުނަށް ނިސްބަތްކޮށް އެކަމަނާ ވިދާޅުވެފައި ވަނީ "ތިޔައީ ލޯބިލިބިގެންވާ ބައެކެވެ. ތިޔައީ ނިއުޒިލޭންޑް މީހުންނެވެ."

އާއިލާ ތަކާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ޓެރަރިސްޓް އެ ހަމަލާގައި މަރުވެފައިވާ މީހުންގެ އިމިގްރޭޝަން ކަންކަން ކޮންމެ ގޮތެއްގައި އޮތަސް ނިއުޒިލޭންޑް ސަރުކާރުގެ އެހީގައި ޖަނާޒާގެ ކަންކަން ހަމަޖައްސައި ދެއްވާނެ ކަމުގެ ހަބަރު ދެއްވި އެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕްރައިމް މިނިސްޓަރ ޖަސިންޑާ އާޑަން ޕާލިމަންޓްގައި ދެއްކެވި ވާހަކަފުޅު

އިއްޔެ އޮތް އެ ގައުމުގެ ޕާލަމަންޓްގެ ބައްދަލުވުމުގައި ޕްރައިމް މިނިސްޓަރު ވިދާޅުވީ ހަމަލާ ދިން އެ މީހާއަކީ "ޓެރަރިސްޓެއް، މުޖުރިމެއް އަދި އެކްސްޓްރީމެސްޓެއް" ކަމަށެވެ. ވާހަކަފުޅު ދައްކަވާ އިރު އެ ހަމަލާ ދިން މީހާގެ ނަންގަތުމަށް ބޭނުންފުޅުނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެހެން މީހުންނަށް ވެސް އެކަމަނާ ގޮވާލެއްވީ ހަމަލާދިން ފަރާތުގެ ނަން ކިޔުމުގެ ބަދަލުގައި ރަހުމްކުޑަ އަނިޔާގެ ސަބަބުން ދުނިޔެއިން ވަކިވި މީހުންގެ ނަންތައް ކިޔާ ހަނދާން އާ ކުރުމަށެވެ.

އުމުރުން 38 އަހަރުގެ ޕްރައިމް މިނިސްޓަރަކީ ނިއުޒިލޭންޑްގައި ވޭތުވެދިޔަ 150 އަހަރުވގައި ވެސް ވަޑައިގެންނެވި އުމުރުން އެންމެ ހަގު ލީޑަރެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ޕްރައިމް މިނިސްޓަރު ކަމަށް ވަޑައިގަތުމަށްފަހު ޖަސިންޑާ އާޑެން ވެގެން ދިޔައީ ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގައި ވަރުގަދަ އަޑަކަށެވެ.